އަޅުގަޑު ނަމާދު ކުރާ މިސްކިތުގައި ވަރަށް ގިނައިން ބަލިމީހުންނަށް ރުގްޔާ ކިޔެވުން އޮވެއެވެ. ކޮންމެވެސް ބަލިމީހެއްގެ މައްޗަށް ރުގްޔާ ކިޔަވަން އިޢްލާން ނުކުރާ ހަފްތާ އެއް ނުދެއެވެ.
ގިނަފަހަރަށް އެކަން ކުރާ ގޮތަކީ ބަލިމީހާގެ ވަށައިގެން ހަލަގާ އެއް ހަދައިގެން ތިބެ، ގުރްއާން ކިޔަވަނީއެވެ. ބައެއް ފަހަރު އެކި މީހުންނަށް ބަހާލައިގެން އެކި މީހުން ކިޔަވާ އުޅެއެވެ.
ނޫންނަމަ އެކެއްގެ އަޑު ދަށުން އެހެން އެންމެން ކިޔަވާ އުޅެއެވެ. އަނެއްބައިފަހަރަށް ދެމަފިރިޔަކު ވަރިވާންވީމާ، ނުވަތަ ކުއްޖަކު ސްކޫލުން ގްރެޑުއޭޓް ވީމާވެސް، ނުވަތަ އެނޫންވެސް މުނާސަބަތު ތަކާއި ގުޅުވައިގެން ގުރްއާން ކިޔަވާ އުޅެއެވެ. ދީނީ ގޮތުން މިއީ ކޮންކަހަލަ ކަމެއްކަން ބަޔާން ކޮށްދެއްވަފާނަންތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކޮންމެ ކޮންމެ މީހަކު ރުގްޔާ ކިޔެވުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތަށް ކިޔަވާ މީހުންގެ ތެރޭގައި ރަގަޅަށް ކިޔަވަން ނޭނގޭ ނުވަތަ ކިޔޭ އެއްޗެއްގެ މާނަ ނޭނގޭ އެތައް ބަޔަކު އުޅެއެވެ. އެހެންކަމުން، މިފަދަ މީހުން ލައްވާ ރުގްޔާ ކިޔެވުމުގެ ހުރި ފުރަތަމަ ނުބަޔަކީ މިއީ އެވެ. އަނެއްކަމަކީ، މިގޮތަށް ކިޔަވާ ގިނަ މީހުންގެ ކިބައިގައި ރާގީ އެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރްޠުތައް ފުރިހަމަ ނުވުމެވެ.
ޖަމާޢަތް ހަދައިގެން ރުގްޔާ ކިޔެވުމަކީ މަޝްރޫޢު ކަމެއް ނޫނެވެ. އެއީ އެންމެން އެއް އަޑަކުން ކިޔެވިނަމަވެސް، ނުވަތަ އެކެއްގެ އަޑު ދަށުން ކިޔެވިނަމަވެސް އެވެ. މިއީ ރުގްޔާ ހަދާ ގޮތެއް ނޫނެވެ.
ޖަވަަބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު