ބާރަށު ބުޅާ ފާތުމާގެ ރެހެންދި އާއި ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އައިޝާ. (2)

4 ފެބުރުވަރީ 2017 އާ ގުޅޭ

ކަނބާ ޢާއިޝާ ރަނިކިލެގެފާނު

ރާއްޖޭގެ ތާރީޚްގައި، ކަނބާ އައިޝާގެ ނަމުން ނަން ލިބިވަޑައިގެންނެވި ކިތަންމެ ބޭކަނބަލުންނެއް އުޅުއްވިއެވެ. އޭގެތެރެއިން ގިނަ ބޭކަނބަލުންނަކީ މަޝްހޫރުވެ ނަން އުފުލިގެންވީ ބޭކަނބަލުންކަމަށް ޙަސަން އަހުމަދު މަނިކު (1979) ހާމަކުރައްވާފައިވެއެވެ. ނަމަވެސް އަޅުގަނޑު ތަޢާރަފުކޮށްދެވޭތޯ މި މަސައްކަތްކުރަނީ ޝަހީދުވި އަލިރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން މަޝްހޫރު ކަނބާއިޝާ ރަނިކިލެގެފާނެވެ.

އިޝްތިހާރު Below Header ad

ކަނބާ އައިޝާ ރަނިކިލެގެފާނުގެ ބައްޕާފުޅު ކަޅު މުޙައްމަދު ރަސްގެފާނަކީ، އައްސުލްޠާން ޢުމަރު (ދެވަނަ) ސިރީ ލޯކަ ސުންދުރަ މަހާރަދުން ސިއްތި ރަނިކިލެގެ އާއި ކައިވެނިފުޅު ބައްލައިވައިގެން ލިބިވަޑައިގެންނެވި ބޭފުޅެއްކަމަށް މުޙައްމަދު އަމީން (1949) އާއި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވެއެވެ.

އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބޮވަނަ މަހާރަދުން ތިން ފަހަރެއްގެ މަތިން ދިވެހި ތަޚުތު ފަޅުފިލުއްވިއެވެ. މިގޮތުން ފުރަތަމަ ރަސްކަމަށް އިސްވެ ވަޑައިގެންނެވީ އެ ރަދުންގެ އަނބިކަނބަލުން ބުރަކި ރަނިން ރަނިކަން ކުރެއްވުމަށްފަހު އެކަމަނާ އަވަހާރަވުމުންކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ބޮޑުތަކުރުފާނު ވާހަކަައިގައި ބަޔާންކުރައްވާފައިވެއެވެ.

ނަމަވެސް ތާރީހީ ފުލޯކު ވާހަކައެއްގައި ވާ ގޮތުގައި، ކަޅު މުހައްމަދު ރަސްގެފާނުގެ ދަރިކަނބަލުންގެ މަންމާފުޅުކަމަށްވާ ބުރަކިރަނިން ވަރިކުރެއްވުމަށްފަހު ތިލަދުންމައްޗަށް އެކަމަނާ ފޮނުއްވައިލެއްވި ކަމަށް ބުނެވެއެވެ. މިއީ ތެދެއްކަމަށް ވާނަމަ ، މިކަން ހިނގާފައިވަނީވެސް މިދުވަސްވަރުގައި ކަމަށް ލަފާކުރެވޭކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ.

ކަނބާ އައިޝާ ރަނިކިލެގެފާނުގެ މަންމާފުޅަކީ މީލާދީން 1425 ން 1426 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާން އަބޫބަކުރު (އެއްވަނަ) ސިރީ ބޮވަނަ ސުންދުރަ މަހާރަދުން ކޮޅުމަޑުލު ކަނޑޫދޫ ރެކިކަމަނާއާއި ކައިވެނިފުޅުބައްލަވައިގެން ލިބިލެއްވި ދަރިކަނބަލުން ހިއްރަތު މާވާ ކިލެގެ ނިލަންދޫ އަތޮޅު ހިމިތީ މާވަޑިކޮޔާ ކަައިވެނި ބައްލަބައިގެން ލިބިލެއްވި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެއެއްކަމަށް މުޙައްމަދު އަމީން (1949) އާއި އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) އާއި ހަވާލާދެއްވައި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވެއެވެ.

އެހެންކަމުން ކަނބާ އައިޝާ ރަނިކިލެގެފާނަކީ އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބޮވަނަ މަހާރަދުން މަޝްހޫރު ބުރަކިރަނިންނާ ކައިވެނިފުޅު ބައްލައިގެން ލިބިވަޑައިގެންނެވި ދަރިކަނބަލެއްކަމަށް  އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) އާއި ނަސީމ މުޙައްމަދު (2010) ހާމަކުރައްވާފައިވެއެވެ.

ކަނބާ އައިޝާ ރަނިކިލެގެފާނު ކުރެއްވި ކައިވެނިފުޅުތަކާއި ބޭފުޅުން

ކަނބާ އައިޝާ ރަނިިލެގެފާނު އެންމެ ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ އައްސުލްޠާން ޢަލީ ( ހަވަނަ) ސިރީ އައުދަ ސިއްތަ ކައްތިރި މަހާރަދުންނާކަމަށް މުޙައްމަދު އަމީން (1949) އާއި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވެއެވެ.  ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން މި ރަދުންގެ ނަންފުޅަކީ  ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ.

މަޝްހޫރު ނަމުންނަމަ މިއީ ޝަހީދުވި ޢަލީ ރަސްގެފާނެވެ. ޢަލީ ރަސްގެފާނާއި ކައިވެނިފުޅު ބައްލަވައިިގެން ތިން ބޭފުުޅުން ލިބިވަޑައިގެންނެވިކަމަށް ބުރާރަ މުޙައްމަދުފުޅު ކިޔުއްވި ގޮތަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައިވެއެވެ. އެ ތިން ބޭފުޅުންނަކީ ކުޑަކަމަނާފާނު، ކުޑަކަލާފާނު އަދި ސިއްތިމާވާ ރަނިކިލެގެފާނެވެ.

ނަމަވެސް މީލާދީން 1602 ވަނަ އަހަރު ، ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑު ޑި ލަވާލް ރާއްޖެ އައިއިރު، ޢަލީ ރަސްގެފާނުގެ ދަރިކަލަކު ހުންނެވިކަމަށް އޭނާ ލިޔުއްވާފައިވުމާއެކު، އެއީ ކުޑަކަލާފާނުކަމަށް ލަފާކުރެވޭކަމަށާއި، މިކަމަށް ބާރުދެއްވައި އެޗް.ސީ.ޕީ ބެލް.(1940) އާއި ހަވާލާދެއްވައި ނަސީމާ މުޙައްމަދު (2010) ހާމަކުރައްވާފައިވާ ގޮތުގައި  ކުޑަކަމަނާފާނާއި، ކުޑަކަލާފާނަކީ ޢަލީ ރަސްގެފާނު މީދޫކަނބާ އާއި ކައިވެނިފުޅު ބައްލަވައިގެން ލިބިވަޑައިގެންނެވި ދެބޭފުޅުންކަމަށެވެ.

ސިއްތިމާވާ ރަނިކިލެގެފާނު ކައިވެނިފުޅު ބައްލަވައިގަތީ އުތީމު ބޮޑު ތަކުރުފާނާއެވެ. އެއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ކުޑަކަމަނާފާނު ކައިވެނިފުޅު ބައްލަވައިގަތީ ބޮޑުތަކުރުފާނުގެ ކޮއްކޯފުޅު ޙަސަން ތަކުރުފާނާއެވެ.

ކަނބާ އައިޝާ ރަނިކިލެގެފާނު ދެވަނައަށް ކުރެއްވި ކައިވެނިފުޅަކީ ޕޯޗްޤީޒުންގެ އަތުން ޢަލީ ރަސްގެފާނު ޝަހީދުވެ އަނދިރިއަނދިރިންނަށް ރާއްޖޭ ރަސްކަން ލިބުމުން އުތުރުގެ ހަތަރު އަތޮޅުގެ އަތޮޅުވެރިޔަކަށް ކަނޑައެޅުއްވި ވިޔަޒޯރާ ކުރެއްވި ކައިވެނިފުޅުކަމަށް ޙުސައިން ޞަލާހުއްދީން (1940 މ) އާއި އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ހާމަކުރައްވައެެވެ.

ކަނބާ އައިޝާ ރަނިކިލެގެފާނާއި މެދު އަނދިރި އަނދިރިން މިގޮތަށް ކަންތައްތ ކުރެއްވެވީ އަލިރަސްގެފާނު ޝަހީދުވުމުން އެރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުންނާއި ދަރިކަނބަލުންގެ ކިނބައިން މިންޖުވެ ގަނޑުވަރުތެރެއިން ފޮނުވާލެއްވުމަށްކަމަށް ބެލެވޭކަމަށް ޙުސައިން ޞަލާހުއްދީން (1940މ) ހާމަކުރައްވައެވެ.

އިހުޒަމާނުގައި ރަސްކަލަކު ޝަހީދުވެއްޖެނަމަ ނުވަތަ އަވަހާރަ ވެއްޖެނަމަ ގިނަ ފަހަރަށް އޮންނަ ގޮތަކީ އެބޭކަލެއްގެ ހުވަފަތް އަނބިކަބަލުންނާއި އެހެން ރަސްކަލަކު ނުވަތަ ރަސްކަލަކާ އެއް ފަންތީގެ ބޭފުޅަކު ކައިވެނިފުޅު ބައްލަވައިގަތުންކަމަށް މުޙައްމަދު އަމީން (1949) ހާމަކުރައްވައެވެ.

ނަމަވެސް ވިޔަޒޯރާ އަކީ އަނދިރި އަދިރިންގެ ރަސްކަމުގައި އުތުރުގެ ހަތަރު އަތޮޅަށް މަތިކުރައްވައި އަތޮޅުވެރިއަކަށް ކަނޑައެޅުއްވި ބޭރު މީހެއްކަމުން މިއިން ދޭހަކޮށްދެނީ އަނދިރި އަދިރިން ކަނބާ އައިޝާ ރަނިކިލެގެފާނާއި ދޭތެރޭ ޢަމަލުތައް ބަހައްޓަވާގޮތެވެ.

އެހެންކަމުން ކަނބާ އައިޝާ ރަނިކިލެގެފާނު ވިޔަޒޯރާ އާއި ކައިވެނިފުޅު ބައްލަވައިގެން އެކަނާގެ ދަރިކަލުން ސިއްތިމާވާ ރަނިކިލެގެފާނާއެކު ދިރިއުޅުން ވޭތުކުރަމުން ގެންދެވީ ބާރަށުގައެވެ.

އެއަށްފަހު ވިޔަޒޯރާގެ އެހީތެރިކަމާއެކު އުތީމު ތިންބެއިން ކަޅުއޮއްފުންމި ބަންނަވައި، އޭރު ދިވެހި ރަސްކަމުގައި އިންނެވި އަދިރިއަދިރިން ވިދާޅުވެގެން އުތީމު ތިންބެއިންގެ ބޯ ކަނޑާލައިގެން މާލެ ގެނައުމަށް ވިޔަޒޯރާ އަށް އެންގުމުން އެކަން އުތީމު ތިންބެއިންނަށް އެގި ކަޅުއޮއްފުންމީގައި ވިޔަޒޯރާ އާއި އެކު މާލެއަށް ކުރި ދަތުރެެއްގައި އުތީމު ބޮޑުތަކުރުފާނު ވިޔަޒޯރާ މަރާލައްވާ ކަނޑަށް އެއްލާލެއްވިކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) އާއި މުޙައްމަދު އަމީން (1949) އާއި  ޙުސައިން ޞަލާހުއްދީން (1940މ) ހާމަކުރައްވައެެވެ.  އޭގެ ފަހުން ކަނބާ އައިޝާ ރަނިކިލެގެފާނު އެހެން ކައިވެނިފުޅެއް ބައްލަވައިގެންކަން ދިވެހި ތާރީޚުން އެނގޭކަށް ނެތެވެ.

ނުނިމޭ………………

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.