ޅ. އަތޮޅު ފެލިވަރުގައި އުފައްދާ ފެލިވަރު މަސްދަޅަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ބައެއްގެ ތަރުހީބާއި މަޤްބޫލުކަން ހޯދާފައިވާ އެއްޗެކެވެ. މިކަމާ އެއްވެސް މީހަކު ދެކޮޅެއް ނުހަދާނެއެވެ.
ފެލިވަރު މަސްދަޅު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ނުކުރާތާ ގިނަ ދުވަސްތަކެއް މިވަނީ ވެފައެވެ. ނަމަވެސް މިހާރު މިއޮތީ އުފާވެރި ޚަބަރެކެވެ. އާދެ! ދަޅުމަސް ބޭރުކުރުން ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު، އެތަނުގެ ވަޞީލަތްތައް ރަނގަޅުކޮށް، އަލުން އެކަން ފަށާ ވާހަކައަކީ ގިނަ ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާޏެ ކަމެއްކަން ޔަޤީނެވެ.
ފެލިވަރުގައި ހުންނަ މަސް ބަންދުކުރާ ކާރުޚާނާގައި ދުވާލެއްގެ މައްޗަށް 30-35 މެޓްރިކް ޓަނުގެ ދަޅު މަސް މިހާރުވެސް އަންނަނީ ބަންދު ކުރަމުންނެވެ. ރާއްޖެއިން ބޭރަށް ފެލިވަރު މަސްދަޅު އެކްސްޕޯޓު ކުރުމާއ ބެހޭގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ބުނީ ބޭރަށް އެކްސްޕޯޓް ކުރަން ނިންމީ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، ދުވާލަކަށް 50 ޓަނުގެ ދަޅު މަސް ބަންދު ކުރުމުގެ ޤާބިލުކަން އުފެއްދުމަށް ފަހުގައި ކަމަށެވެ.
އެ ކުންފުނިން ބުނީ އެންމެ ފުރަތަމަ އެކްސްޕޯޓް ކުރާނީ އިނގިރޭސި ވިލާތަށް އެކަނި ކަމަށާއި އެހެން ނަމަވެސް އޮސްޓްރޭލިއާ އަށްވެސް އެކްސްޕޯޓް ކުރުމާއި ބެހޭގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ފެލިވަރު ކާރުޚާނާ ތަރައްޤީ ކުރާ އިރު، އެ ތަނުގައި ފިނި ކުރި މަސް ހޫނު ކުރުމަށް ބޭނުން ކުރާ ސިސްޓަމަކާއި މަސް ކައްކާ ދެ ކުކަރާއި މަސް ސާފު ކުރަން ބޭނުން ކުރާ މުޅިން އާ 4 ކްލީނިންގ ލައިން ވަނީ ބަހައްޓާފައެވެ.
އަދި ސާފު ކުރާ މަސް ދަޅު ހުންނަ ބައްޓަމަށް ކެފުމަށް ބޭނުންކުރާ ބެކްޝޭޕަރސްތައް ބަދަލުކޮށް، ދަޅުގައި ހުރި މަސްތައް އަލުން ކެއްކުމަށް ބޭނުން ކުރާ މުޅިން އާ އާލާތްތައްވެސް ވަނީ ބަހައްޓާފައެވެ.
ދުވާލެއްގެ މައްޗަށް 50 ޓަނުގެ ދަޅު މަސް ބަންދު ކުރާނަމަ، އެއީ މަހެއްގެ މައްޗަށް 70،000 ކޭސް ދަޅެވެ. އަދި މަހެއްގެ މައްޗަށް 41 ކޮންޓެއިނަރ އެވެ.