މާލެ ތަރައްޤީކުރުން

“މާލެ” އާބެހޭ ގޮތުން ދެކެވޭ ވާހަކަތަކާއި “މާލޭ”ގެ މައުޟޫޢަކީ އެއްގޮތަށްވުރެ ގިނަގޮތުން، ވަރަށް “އަސަރުގަދަ” ޙައްސާސީ މައުޟޫޢެކެވެ.

 

އިޝްތިހާރު Below Header ad

ބައެއްފަހަރު ސަރުކާރާ ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރަކަށް، ބައެއްފަހަރު ވެރިކަން ދިފާޢު ކުރުމަށް ބޭނުންކުރެވޭ ހަތިޔާރަކަށްވެސް “މާލެ” އޮންނަނީ ވެފައެވެ. މިއީ އާކަމެއްނޫނެވެ. ދުނިޔޭގެ ހުރިހައިތަނެއްގައިވެސް މީހުންގިނަ، އަދި ޤައުމުގެ ވެރިކަންކުރާ ސިޓީއާ ގުޅިގެން މިފަދަ ކަންކަން މިގޮތަށް އޮތުމަކީ ޢާންމުކަމެއްކަން، “ތަހުޒީބު” ޤައުމުތަކުގެ ގޮތުގައި މީހުންކިޔާއުޅޭ ޤައުމުތަކުގެ އިންތިޚާބުތަކާ ދިމާކޮށް ފެންނަ މަންޒަރުތަކުން ހާމަވެގެންދެއެވެ.

މާލެ ތަރައްޤީ ކުރުމުގެ މައުޟޫޢަށް ވާހަކަ ދައްކަން މިއުޅެނީ ދިވެހިރާއްޖޭގެ ސަރުކާރު ދިފާޢު ކުރުމުގެ، ނުވަތަ ސަރުކާރަށް އެއްޗެހި ކިއުމުގެ ބޭނުމެއް އޮވެގެންނެއް ނޫނެވެ. އެހެން ނަމަވެސް މާލެ ތަރައްޤީ ކުރުމަކީ، ހުރިހައި ދުވަސްވަރެއްގައިވެސް އަދި ކޮންމެ ބަޔަކު ދިވެހި ސަރުކާރު ހިންގުމުގައި ތިބިނަމަވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދުތަކެއް އެކަމަށްޓަކައި ކުރާ ކަމެއްކަމަށް ވާތީ، ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން މާލޭގެ ތަރައްޤީއާ މެދު ހިތުގައި އޮތް ތަޞައްވުރެއް، ކަރުދާހުގައި ކުރަހާލައި ކަމާބެހޭ ފަރާތްތަކާ ހަމައަށް ފޯރުވައިދިނުމެވެ. ފަހަރުގައި އެއީ އެންމެ ރަނގަޅު ޚިޔާލަކަށް ނުވެދާނެއެވެ. ނުވަތަ އެއިން ބައެއް ޚިޔާލުތައް ރަނގަޅުވެފައި ބައެއް ޚިޔާލުތައް ރަނގަޅު ނުވުުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ރައްޔިތު މީހާގެ ދައުރަކީ، ޚިޔާލު ހުށަހެޅުންކަމަށް ބަލައިގެން ކުރިއަށް ގެންދާނަމެވެ. އެކަންކަން ތަންފީޛު ކުރެވިދާނެތޯއާއި، ތަންފީޛު ކޮށްގެން ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވަޒަންކޮށް ބެލުމުގެ ޒިންމާއާއި މަސްއޫލިއްޔަތާއި މަސައްކަތްތައް ސަރުކާރަށް ދޫކޮށްލާނަމެވެ.

މާލެއާ އަޅާބަލާއިރު ޤައުމުގެ އެހެން އެއްވެސް ތަނެއް ނުވަތަ އެހެން އެއްވެސް ސަރަޙައްދެއް، މާލެ ތަރައްޤީވެފައިވާ މިންވަރާ ގާތަށްވެސް ތަރައްޤީވެފައި ނެތުމުގެ ނަތީޖާއެއްގެ ގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، މާލޭގައި ގިނަބައަކު ވަޒަންވެރިވެ އެއްތަނަކަށް ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޖަމާވެފައިވުމާއި، ކޮންމެވެސް ސަބަބަކާހެދި މާލެއަށް ނާދެވިފައި ތިބިނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކުވެސް “މާލެއަށް ދިރިއުޅުން ބަދަލުކުރަން” ބޭނުންވެފައި ތިބިކަމެވެ. ތިމަންނަ މާލެއަށް ނުދާނަމޭ ދުލުކުރިން ބުނިނަމަވެސް، ރަށުގައި ޢިމާރާތްކޮށްފައިހުރި ބޮޑު ގެއެއް ހުއްޓަސް އެ ޢިމާރާތުގެ ބަދަލުގައި މާލެއިން ހަމައެކަނި ބިމަކާއި، އެތަނުގައި ޢިމާރާތެއްކުރެވޭވަރުގެ އެހީއެއް ދަރަނީގެ ގޮތުގައި ނަމަވެސް ލިބޭނެކަމަށް ބުނެފިނަމަ، ރަށުގައި ހުރި ބޮޑެތި ޢިމާރާތްތައް ދޫކޮށްލާފައި މާލެ އައުމަށްޓަކައި އެކަކުއަނެކަކަށް އަރައިގަންނަންވެސް ތިބޭނީ ތައްޔާރަށް ކަމީ މިއަދުގެ ޙަޤީޤަތެވެ.

މާލެ ތަރައްޤީ ކުރުމުގެ ތެރެއިން މާލޭގެ ވަށައިގެން އޮތް ބޮޑެތި ފަޅުތަކަށް “ފައިސާ” އޮއްސައިގެން އެތަންތަން ހިއްކުމަކީ އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާކަމެއްކަމާއި، އެކަމުގައި ވަކިބަޔަކު އިސްތިސްނާ ނުވާކަމީ އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. އެކަން އެއޮތީ ވެފައެވެ. އަދި ދަނީވެސް ހިނގަމުންނެވެ. އެކަން ހުއްޓާލުމަކީ، ނުވަތަ ހުއްޓުވުމަށް ބަހުސް ކުރުމަކީ ފޫނެތް ފަޔައަކަށް ފެންފުރުން ކަމަށް ނޫނީ ނުވާނެއެވެ. އެހެންކަމުން އެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމާއެކު، މާލެ ތަރައްޤީކުރުމަށްޓަކައި މިހާރު ނުކުރެވިއޮތް، ކުރެވިދާނެ ކަންކަމަށް ބެލުމަކީ މުހިންމު ކަމެކެވެ.

މާލެ، ކަމަށް މިލިޔުމުގައި ނިސްބަތްކުރާނީ، އެއްފަސްކޮށް މިއޮތް މާލޭގެ ހަތަރުއަވަށް ހިމެނޭ ފަސްގަނޑަށެވެ. މާލޭގެ އެހެން އަވަށްތަކުގެ ގޮތުގައި ހިމެނޭ ތަންތަނަށް ނިސްބަތް ކުރާނަމަ އެތަނެއްގެ ނަން ބޭނުންކޮށްގެން ލިޔަމުން ގެންދާނަމެވެ.

މައްސަލަތަކަށް ބަލައިލަމާހެއްޔެވެ!

މާލޭގައި ދިރިއުޅޭ އާބާދީއާ އަޅައިބަލާއިރު، އަދި ދިވެހިރާއްޖެފަދަ ތަނެއްގެ ވެރިކަންކުރާ ރަށަށް ބަލާއިރު، މާލެއަކީ ވަރަށް، ވަރަށްކުޑަ ތަނެކެވެ. މާލޭގައި ދިރިއުޅޭ އެންމެންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތެވެ. އެމީސްމީހުން ގެންގުޅޭ ދުއްވާ އުޅަނދުތައް ދުއްވަން އެކަށީގެންވާ ޖާގައެއް ނެތެވެ. އެއިން އުޅަނދަކުން ފައިބަންވެއްޖެ ނަމަ މީހަކަށް، ނުވަތަ ބަޔަކަށް ތުރާލެއް ވާނެ ގޮތަކަށްނޫނީ އެތަކެތި ބެހެއްޓޭނެ އިންތިޒާމެއް ނެތެވެ. މަގުތައް އޮތީ “ފުނޑުފުނޑު”ވެފައެވެ. އިންސާނުންނާއި ކޮންކްރީޓުންނާއި، ދަނގަޑު އުޅަނދު ތަކުން ފުނިޖެހިފައިވާ މިމާލޭގައި، ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅޭ މާލޭގެ ރަށްވެހިން އެބަތިއްބެވެ. ބިންކޮޅެއް އޮތެއްކަމަކު މާލޭގެ ނިސްބަތުން ބަލާއިރު، ޖިފުޓިޖަހައިގެން އެތަނަށް އެންމެން ގުޅަވެގެން ދިރިއުޅޭ ނުވަތަ ގަނަތެޅޭ މީހުންވެސް ބައިވަރެވެ. ވާރޭވެހިއްޖެ ނަމަ މަގުތަކުގައި ހިނގާފައިވެސް ދުއްވާފައިވެސް އުޅެވޭވަރަށްވުރެ މަގުތަކުގެ ޙާލުބޮޑެވެ. މާލޭގެ މަގުތަކަށް ވެހޭ ފެނަކީ ހިނދޭއެއްޗެއްނޫނެވެ. ޖެހެނީ ބަޔަކު ނުކުމެ ހޮޅިޖަހައިގެން އެ ފެންފޮދުވެސް މޫދަށް ބޭރުކުރާށެވެ. ފެން ހިންދުމަށް މަގުތަކުގައި ހުރި ނިޒާމު “ފެއިލް” ވެފައިވާތީއެވެ. މިހާރު އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ވާހަކައެއް ނުދަންނަވަމެވެ. އެކަމަކު އެންމެ ފަހާ ހަމައަށްވެސް ފެނުނު މަންޒަރުގެ ވާހަކައެވެ. ދުއްވާ އެއްޗެއްގައި ނުކުމެ މަގުތަކުގައި ހަމަޖެހިގެން ދުއްވާލެވޭކަށް ނޯވެއެވެ. މަގުތަކުގެ އަޑިގުޑަންކަމަށް ބަލާއިރު، މިރާއްޖޭގެ އެންމެ ގަދަ ކަނޑުތައް އެންމެ ގަދަ ދުވަސްވަރު، އެ ފަދަ ކަނޑަކަށް ކުޑަކުޑަ އުޅަނދެއްގައި ނުކުމެ އުޅުމެކޭ، މާލޭގެ މަގުތަކުގައި އުޅަދެއްގައި ދަތުރުކޮށްފައި ދިއުމެކޭ އެއްފަދައެވެ. އުޅަނދުގައި އިންނަ މީހަކުގެ ވިސްނުން ބިމުން މައްޗަށް ހިނދުކޮޅަކަށް އުފުލާލިޔަސް މީހާގެ މައިބަދައަށް އެކަމުގެ އަސަރު ނުކޮށް ނުދާނޭވަރަށް މަގުތަކުގެ ޙާލަތު ހުރީ ދަށުގައި ކަމަށް ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. އެފަދަ ޙާލުގައި މަގުތައް އޮންނައިރު، އިރުގެ އަލިކަމާއި ފިހާރަތަކުން މަގުތަކަށް ލިބޭ އަލިކަން ގެއްލިއްޖެނަމަ، ގިނަ މަގުތަކަކީ ކަނުއަނދިރި ތަންތަން ކަމުގައި އޮންނަނީ ވެފައެވެ.

ގޭގޭގެ އެތެރެއަށް ޖެހިލާއިރު، ކުދިކުދި ތަންތަންކޮޅުގައާއި، އެއްތަންމަތީގައި، އެތައްބަޔަކު ނިދަންޖެހުމާއި، ކުޑަ ކޮށްޓެއްގެ ތެރޭގައި ފުނިޖެހިގެން ގިނަބަޔަކު ގަނަތެޅެން ޖެހުމަކީ އެކަމުގެ ސަބަބުން، އިޖްތިމާޢީ ގޮތުންނާއި، އަޚްލާޤީގޮތުން، ބޮޑެތި މައްސަލަތައް މުޅިމުޖުތަމަޢަށް ފެތުރިގެންދާނޭ ކަންތަކެވެ. އަބުރުވެރި ދިރިއުޅުމަކަށް، ތަނަވަސް ބޯހިޔާވަހި ކަމަކީ މުހިންމު ކަމެއްކަމަށް ވާއިރު މާލޭގައި ދިރިއުޅޭ ގިނަ ބައަކަށް އެ ޙައްޤު ލިބިފައެއް ނުވެއޭ ދެންނެވިދާނެއެވެ. މިހެންގޮސް ބައިވަރު މައްސަލަތަކެވެ.

މާލެއަކީ ވަރަށް ރީތި ތަނަވަސް ތަނަކަށް ހެދިދާނެ!

މާލެ ރީތިކުރާނެ ގޮތަކާމެދު ވިސްނާއިރު، ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ މާލެ މި އޮތްގޮތަށް ބާއްވައިގެން ރަނގަޅެއް ނުކުރެވޭނެއޭ ބުނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އެހެންވީމާ މާލެ މިއޮތް ގޮތަށް ބޮޑު ބަދަލުތަކެއް ގެންނަން ބޭނުންވާ ނަމަ އެކަން ކުރެވޭނެ ގޮތްތަކަށް ބަލަންޖެހެއެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު ފާލަމެއް އެޅުމަކީ، މާލޭގެ ތޮއްޖެހުން ކުޑަވެގެން ހިނގައިދާނެ ކަމެއްކަމަށް ވުން އެކަށީގެންވާ ފަދައިން، އެއީ މާލޭގެ ތޮއްޖެހުން އިތުރު ވެގެން ހިނގައިދާނެ ސަބަބަކަށްވެސް ވެގެން ހިނގައިދާނެއެވެ. އެހެންކަމުން ފާލަން ނިމުމުގެ ކުރިން އެކަންކަމަށްވެސް ދުރާލާ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަންޖެހެއެވެ.

މާލޭގައި ރޭގަނޑުގެ ވަކި ވަގުތު ތަކެއްގައި، ޚާއްޞަކޮށް ވަކި ދުވަސްވަރެއްގައި ހިނގާމީހަކަށްވެސް ދުއްވާ އުޅަނދަކަށްވެސް ގުޑާނުލެވޭ ދުވަސްވަރު އަންނަނީ މާލޭގައި ފިހާރަތަކާއި އެކި ތަންތަނަށް ޖަމާވާ މީހުންނާއި އެ ތަންނަނަށް ދާ މީހުންދުއްވާ އަދި ޕާކުކޮށްފައި ހުންނަ އުޅަނދު ތަކުގެ ސަބަބުން ކަމުގައި ދެންނެވިދާނެއެވެ. އެގޮތުން ބަލާއިރު، މާލޭގެ މެދަށް ވާގޮތަށް މާލޭއެއްކޮޅުން އަނެއްކޮޅަށް އޮތް މަޖީދީމަގަކީ ވިޔަފާރީގެ މައިމަރުކަޒެއްގެ ގޮތުގައި އޮތްއިރު، އެމަގު ބާރުބޮޑުވުމަކީ މުޅިމާލޭގެ ހުރިހާ މަގަކަށް އެދަތިކަން ފޯރާކަމެކެވެ. މަޖީދީމަގު ބާރު ބޮޑުވުމަކީ މުޅިމާލެ ބާރުބޮޑުވުމެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް މާލޭގެ މެދުގައި އޮތް މި ބޮޑުމަގު ތޮއްނުޖެހޭނޭ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ. މާލޭގެ، ހުޅަނގު ދެކުނު ބަނދަރު ސަރަހައްދާ ހަމައަށް ހިނގާށެވެ! ކުދިކުދި ކަޑަތައް އެއްވެސް ހަމައެއްނެތި އުކާފައި އޮތްތަނެއްގެ ގޮތުގައި ނޫނީ އެތަން ސިފަކުރަން އުނދަގުލެވެ. ކާބޯތަކެތި ވިއްކާމީހުން އެތަކެތި ވިއްކާއިރު، އެހެނިހެން ތަކެތި ވިއްކާމީހުންވެސް އެތަނުގައި އުޅެއެވެ.

މާލޭގެ މި ތޮއްޖެހުމާ ހުޅަނދު ދެކުނު ބަނދަރުގެ އެ ސަރަޙައްދާ ވަރަށް ރަނގަޅު ގުޅުވާލުމަކުން ގުޅުވާލެވިދާނެއެވެ. އެ ސަރަޙައްދަކީ މާލޭގެ ތޮއްޖެހުމަށް އޮތް ހައްލެއްކަމުގައި، އަދި މާލޭގައި ދިރިއުޅޭ އިންސާނުންނަށް އޮތް ހިތްފަސޭހަ މާހައުލެއް ކަމުގައި ހެދެން އޮތްތަން އަޅުގަނޑުގެ ސިކުނޑިއަށް ވަރަށް ރީތިކޮށް ފެނެއެވެ. މައްސަލައަކީ ފައިސާއޭ ބުންޏަސް އެކަން ޤަބޫލުކުރަން ދައްޗެވެ. މައްސަލަތައް ޙައްލުކުރަން ކަނޑަށް ފައިސާ އަޅަންޖެހުނަސް އެއީ ރާއްޖޭގައި މައްސަލައެއް އޮތްކަމެއް ނޫންކަން ފެންނާތީއެވެ. އަދި މިދަންނަވާ ކަންކަމަކީ ސަރުކާރުން ނުކުރިޔަސް ފައިސާ ހުރި ބަޔަކަށް ދިގުމުއްދަތަކަށް ކުޑަކުއްޔަކަށް އެތަން ދޫކޮށްލައިގެންވެސް ކުރެވިދާނެ ކަމެކެވެ. އެބިމަކީ މާލޭގެ ބޮޑު މައްސަލަ ތަކެއްގެ ޙައްލުކަމަށް ވާނަމަ ފައިސާތަކެއް ޚަރަދުކޮށްގެން ޙައްލު ހޯދަން އުޅުމުގެ ބަދަލުގައި ފައިސާއެއް ނުލިބިވެސް އެބިމުގެ ތެރެއިން މައްސަލަ ޙައްލުކޮށްލެވެން އޮތްނަމަ އެކަން ނުކުރަންވީ ސަބަބެއް ވެސް ނެތެއްނޫންތޯއެވެ.

ޙައްލުގެ ވާހަކައާދިމާއަށް އެނބުރިލާނަމެވެ. ހުޅަނގުދެކުނު ސަރަޙައްދުގައި މިހާރު ހުރި ކުދިކުދި ތަންތައް ނެގުމަށްފަހު މުޅި އެ ސަރަހައްދު އެކުގައި އުސް ޢިމާރާތަކުން ނުވަތަ ޢިމާރާތް ތަކަކުން ހިއްލާލުމެވެ. ގޮނޑުކޮށް އޮތް ސަރަހައްދު އެކުގައި ރީތިވެގެންވެސް ދާނެއެވެ. މާލޭގައި 25 ބުރިއަށް ޢިމާރާތް ކުރުމުގެ ހުއްދަ ދޭންއުޅޭކަމުގެ އަޑުތައް ފެރތުރެމުންދާއިރު އެސަރަހައްދު އެކުގައި 20 ބުރިއަށް ޢިމާރާތް ކުރުމަކީ އެކަމުން މާލެއަށް ގެއްލުމެއް ނުވާނެ ކަމެއްނަމަ އެވަރަށްވެސް ހިއްލާލެވިދާނެއެވެ. އަދި 10 ބުރިއަށް ނެގިއަސް މިދެންނެވި މައްސަލަތައް ފިލުވާލެވޭނެ ވަރުގެ ޢިމާރާތެއް އެ ބިމުގައި ކުރެވޭނެއެވެ. ޢިމާރާތް ކުރާއިރު އެ ޢިމާރާތަކީ މަޖީދީމަގުގައާއި އެނޫންވެސް މާލޭގެ ބާރުބޮޑު ސަރަަހައްދުތަކުގައި ހުރި ފިހާރަތައް ހިންގުމަށް އެތަނުން ޖާގަދެވޭ ތަނަކަށް ހަދަންވީއެވެ. އެހެން ކަމުން އެންމެ ފުރަތަމަ ވިސްނަން ޖެހޭނެ ކަމަކީ އެތަނަކީ މުޅި މާލެ ޖަމާވާނެ ސަރަހައްދެއްކަމެވެ. ގިނަމީހުން އަންނާނީ ދުއްވާ އުޅަނދުތަކުގައިކަމެވެ. ވީމާ ޢިމާރާތުގެ އެންމެ ތިރި އެކުގައި ވާންޖެހޭނީ ކާރާއި ސައިކަލުފަދަ އުޅނަދުތައް ޕާކުކުރުމަށް ޚާއްޞަ ސަރަހައްދަކަށެވެ. ޢިމާރާތުގައި ކާނާލިބެން ހުރުން މުހިންމެވެ. އެހެންކަމުން އެއްބުރި އެކުގައި އެކިބާވަތުގެ ތަފާތު ކާނާ ލިބޭނެ ގޮތަށް މުޅި ޢިމާރާތުގެ ވަށައިގެން ކުދިކުދި ގޮޅިތައް ދޫކޮށް، އެ ގޮޅިތަކުގެ އެތެރެއިން މުޅި ޢިމާރާތުގެ ބޮޑުމިނަށް ބާކީ އޮތްބައިގައި، ކާންތިބެވޭނެ ގޮނޑިމޭޒު ޖަހާފައި ބެހެއްޓުމުން އެމީހަކު ބޭނުންވާ ބާވަތެއްގެ ކާނާއެއް ނަގައިގެން، ޖާގައޮތް ދިމާއެއްގައި މަޑުކޮށްލައިގެން ކާލެވޭނެއެވެ. މިހާރު އެ ސަރަހައްދުގައި ޚިދުމަތްދޭ ފަރާތްތަކަށް އެތަނުން ޖާގަ ދިނުމަކީ އެންމެ ރަނގަޅު އެއްގޮތެވެ. އެތަނުގައި ހުންނަ ހުރިހާ ކާނާކޮށިގަނޑު ތަކަކީ، ތަށިތަށީގައި ތިބިތަނަށް ކާތަކެތި ގެނެސްދިނުމުގެ ބަދަލުގައި، އެމީހަކު ބޭނުންތަނަކަށް އެތަކެތި ހިފައިގެންދާގޮތަށް، ތަކެތި ވިއްކާ ތަންތަން ކަމުގައި ހެދިދާނެއެވެ. އެތަންތަނުން ނަގައިގެން އެސަރަހައްދުގައިި ތިބެގެން ކެއުމުގެ ފުރުޞަތު އޮންނާނޭ ގޮތަށެވެ. ޢިމާރާތުގެ ކޮންމެބަޔަކީ ވަކި ޚާއްޞަ ތަކެތި އެބައެއްގައި ހުންނާނެ ބައެއްގެ ގޮތުގައި ހެދިދާނެއެވެ. ބޫޓާއި ފައިވާން ވިއްކާ ބައެއްގައި ހުސް އެފަދަ ތަކެތި، އަންނައުނު ވިއްކާ ބައިގައި ހުސް އެފަދަ ތަކެތި ލިބެން ހުންނާނޭގޮތަށް، ގޭގެ ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި ވަކިބައެއްގައި، ވަޑާމާއި ގެދޮރުގެ މަރާމާތަށް ބޭނުންވާ ތަކެތި އަނެއްބަޔަކުން ލިބޭނޭގޮތަށް، މިގޮތަށް މުޅި ޢިމާރާތް ތަރުތީބުކޮށްލެވިއްޖެނަމަ، ފުރިހަމަ ވިޔަފާރީގެ މަރުކަޒަކަށް އެ ޢިމާރާތް ވެގެން ދާނެއެވެ. ކުޑަކުދިން ހިތްފަސޭހަކޮށް ކުޅެހަދާނެ އެކަށިގެންވާ ބޮޑު ޖާހަގެއް އެތަނުގައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މުޅިމާލެ ފުރިބާރުވެ ތޮއްޖެހިފައި އޮތުމުގެ ބަދަލުގައި މާލޭގެ އެއްފަޅިއަށް އެ މީސްތަކުން އެއްވާ ސަރަހައްދު ވެގެންގޮސް މާލެތެރޭގެ ތޮއްޖެހުން ކުޑަވެ ހިތްފަސޭހަ މާހައުލެއް ލިބިގެން ދިއުމުން މާލެތެރޭގެ ސަރަހައްދުތައް ހިތްފަސޭހަ ހަމަހިމޭން ތަނެއްގެ ގޮތުގައ ފެނިގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހަމަ އެފަދަ މަރުކަޒެއް ހުޅުމާލޭގައި ހުރުން މުހިންމެވެ. އެހެންނޫންނަމަ ހުޅުމާލޭގައި އުޅޭ އެންމެންވެސް އެތަނަށް ޖަމާވާ ޙާލަތު އަތުވެއްޖެނަމަ މިދެންނެވި ހިތްފަސޭހަކަމުގެ ބަދަލުގައި ތޮއްޖެހުން އިތުރުވުމަކީ ގާތްކަމެކެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަކޮށްލަން ދަތުރުގޮސް ހަދާނެ ތަނެއް ނޯންނަ ވާހަކައަކީ އަބަދުވެސް މާލޭގެ ރައްޔިތުންގެ ޝަކުވާއެކެވެ. ވިލިނގިއްޔަކީ މާލޭގެ އެއްއަވަށުގެ ގޮތުގައި ހަމަޖެހިފައި އޮތްނަމަވެސް ދިރިއުޅުމަށް ފަސޭހަ ތަނެއްކަމުގައި ދެންނެވޭކަށް ނެތެވެ. ހުޅުމާލޭގައި އެތައްލައްކަ މީހުންނަށް ދިރިއުޅެވޭ ގޮތަށް ހަމަޖައްސާނަމަ، ވިލިނގިލިގައި މަދު ޢަދަދެއްގެ މީސްކޮޅެއް ޙާލުގައި ޖެހިގެން ދުވަސްކޮޅަކުން ޝަކުވާކުރަން ދޫކޮށްލާފައި ބޭތިއްބުމުގެ ބޭނުމެއް އޮތްކަމަށްވެސް ނުފެނެއެވެ. އެދެމެދުގައި ދާއިމީކޮށް ދުވާލަކު އެތައް ފަހަރު ދަތުރުކުރުމަކީ އަހުވައެކެވެ. އެދެމެދު ފާލަމަކުން ގުޅުވާލުމަކީ އެތަނުގައި އުޅެވޭނެ އާބާދީއަށް ބަލާއިރު އެކަށީގެންވާ ވަރަށްވުރެ މާބޮޑު ޚަރަދެކެވެ. ވީމާ ވިލިނގިލި ހުސްކޮށް އެތަނުގައި މިހާރު ހެދިފައިހުރި ބޮޑެތި ޢިމާރާތްތައް ހަލާކު ނުކޮށް، އެރަށަކީ މީހުން ހިތްފަސޭހަކޮށްލަން ގޮސްހަދާ  ރަށެއްގެ ގޮތުގައި ބާއްވައި، އެ ޢިމާރާތްތައް ދުވަހު ކުއްޔަށް ދޭނޭ އިންތިޒާމު ހަމަޖެއްސިދާނެއެވެ. ވިލިނގިލިން މީހަކަށް ލިބިފައިވާ ޢިމާރާތް އަގަކާނުލައި ދައުލަތަށް ދޫކޮށްލަން އެދޭނަމަ، އިންސާފުވެރި ބަދަލެއްގެ ގޮތުގައި ހުޅުމާލެއިން އެވަރުގެ ބިމަކާއެކުގައި އެވަރުގެ ޢިމާރާތެއް ހަދާނެ އިންޓަރެސްޓާނުލައި ދޫކުރުވޭ ލޯނެއްވެސް ލިބޭނޭ ގޮތަށް ކަނޑައެޅިދާނެއެވެ. އަދި ޢިމާރާތްކޮށްގެން ބަދަލުވުމަށް އެކަމަށް އެކަށީގެންވާ މުއްދަތެއް ދެވިދާނެއެވެ. އޭރުން ވިލިނގިލި ހުސްވާނެކަން ޔަޤީނެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރުދާނެ ހިތްފަސޭހަ ރަށެއް މާލެއާ ކައިރިން ލިބޭނެއެވެ. އެތަނުގައިހުރި ޢިމާރާތް ނުކުރެވޭ ކުދިގެތައް ތަޅާލައި ޕާކުތަކާއި ހިތްފަސޭހަ މައިޒާންތައް ހަދައި، ދަތުރު އަންނަ ފަރާތްތަކަށް ބޮޑެތި ޢިމާރާތްތައް ދުވަހު ކުއްޔަށް ދޫކޮށްލުމުން އިސާހިތު އެއީ ދައުލަތަށް ޢަމްދަނީ ވަންނަ ތަނަކަށް ވެގެން ހިނގައިދާނެއެވެ. ނުވަތަ އެގޮތަށް އެރަށް ހިންގުމަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ދަށުން އެކަން ކުރަން ބޭނުންނުވާނަމަ އެކަމަށް އެދޭ ފަރާތަކަށް ކުއްޔަށްވެސް ދޫކޮށްލުމުގެ ފުރުޞަތު އޮންނާނެއެވެ. މާލޭގެ ރައްޔިތުން ދަތުރުދާނެ ހިތްފަސޭހަ ކޮއްލަންދާނެ ރަށެއްވެސް ކައިރި ސަރަހައްދަކުން ލިބުނީއެވެ.

ދެން އޮތީ އަނެއްކާވެސް އިތުރު ކަމެކެވެ. މާލޭގައިވެސް ޢިމާރާތް ނުކޮށްހުރި، އެތަންތަނުގައި ތިބެންޖެހޭތީއާއި ކުއްޔައް ތަނެއްހިފައިގެން ނުކުމެވޭނޭ ގޮތެއްނެތިގެންނާއި އެކި ސަބަބުތަކާހެދި ރަނގަޅަށް ޢިމާރާތް ނުކުރެވިފައި ހުރި ވަރަށްގިނަ ތަންތައް މަލޭގައި އެބަހުއްޓެވެ. ވިލިނގިއްޔެކޭ އެއްފަދައިން އެބިމާއި ބިމުގައި ވާ ޢިމާރާތުގެ ބަދަލުގައި، ހުޅުމާލެއިން ބިމަކާއި، ޢިމާރާތްކުރާނެ ލޯނެއް ސަރުކާރުން ދިނުމަށްފަހު މާލޭގައި ހުރި ތަން ހުސްކޮށް ހުޅުމާލެއިން ލިބުނު ތަނަށް ބަދަލުވުމަށް ވަކި މުއްދަތެއްދީ އެތަންތަން އެގޮތުން ހުސްކޮށްލެވިދާނެއެވެ. މާލެއިން ވަރަށްގިނަ ހުސް ތަންތަން ލިބިގެން ދާނެއެވެ. މާލޭގައިހުރި ބޮޑެތި ޢިމާރާތްތަކާއި ކައިރި ސަރަހައްދުތަކުގައި ޕާކުކުރާނެ ޢިމާރާތްތައް ހަދައި، ޕާކުތަކާއި ހިތްފަސޭހަ މައިޒާންތައްހަދައި، އެނޫންވެސް މުހިންމު ތަންތަން ހަދަން ހުރިހާ ސަރަހައްދަކުންވެސް ޖާގަތަކެއް ލިބޭނެއެވެ. ހުޅުމާލެެއަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދެއް ކޮށްގެން ހަދާ ތަނަކަށް ވެފައި މާލެއަކީ މިހާރަށް ބަލާއިރު، ދިވެހިރާއްޖޭގެ މުޅި އާބާދީގެ ބޮޑު ބައެއް އުޅޭ ތަނަކަށްވާތީ، ހުޅުމާލެއަކީ މާލޭގައި ހުރި މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންހިފޭ ތަނަކަށް ވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުމާލޭގެ ފައިދާ ލިބިގެން ދާކަމުގެ އިޙްސާސް ކުރެވޭނެ ކަމެއްކަމުގައި ފެނެއެވެ. މިދެންނެވި ގޮތުން މާލޭގައި ނިކަމެތި ޙާލުގައި އުޅޭ، ގެދޮރު ހެދޭނެ ގޮތެއްނެތިފައި ތިބި ފަރާތްތަކަށްވެސް ރަނގަޅު ޙައްލެއް ސަރުކާރުން ހޯދައިދިން ކަމުގައި ވުމުގެ އިތުރުން، ސަރުކާރުގެ ބޮލުގައި ރިއްސާ އެންމެ ބޮޑު އެއް މައްސަލައަށް ޙައްލެއް ލިބި ރައްޔިތުންެގެ ރުހުންވެސް އެކަމުން ލިބިގެން ދާނެކަމަށް ފެނެއެވެ.

މިއީ ރީތި ހިތްފަސޭހަ ތަނެއްގެ ގޮތުގައި މާލެ ހެދުމަށް މިހާރުގެ ޙާލަތަށްބަލާއިރު ކުރެވިދާނެ ކަމެއްކަމަށް ފެންނަ ބައެއް ކަންތަކެކެވެ. އަދިވެސް މިގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. ވާރޭ ވެހުނަށް ފެންބޮޑު ނުވާނެ ނިޒާމަކާއި، ނުތެމި ހިނގާލާފައި އުޅެލެވޭނެ ނިޒާމަކީވެސް މިކުދިކުދި ރަށްރަށުގައި ޤާއިމު ކުރެވިދާނެ ކަންކަމެވެ. މާލޭގެ ހަނި މަގުތަކަކީ ދެކޮޅަށް ދުއްވޭމަގުތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ކޮންމެ މަގަކީީވެއް އެއްކޮޅަކަށް ދުއްވޭ މަގަކަށް ހެދުމާއި، މިހެންގޮސް ބައިވަރު ކަންތަކެވެ. މުހިންމީ ކަންކަން ހައްލު ކުރުމަށް އެކުލަވާލެވޭ ޕްލޭނަކާއެކު ވިސްނުުންތެރިކަމާއެކު މަސައްކަތް ފަށައިގަތުމެވެ. އަޅުގަނޑުގެ ޚިޔާލު ހުށަހެޅުމުގެ ދައުރު މިހިސާބުން ކުރުކޮށްލީއެވެ. ދެންއޮތީ އެކަން ތަންފީޛު ކުރުމުގެ ބާރު އޮތް ފަރާތުގެ ދައުރެވެ. އެކަން އެގޮތަށް ކުރުމަކީ ޤައުމަށް ފައިދާހުރި ކަމެއްކަމަށް ފެންނަ ނަމަ އެކަން އެގޮތަށް ކުރުމާއި، ނޫންނަމަ މިހާރުވެސް އޮތްގޮތަށް ކަންކަން ބޭއްވުމާއި، ނުވަތަ އެނޫން ގޮތަކުން މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ނިންމުމަކީ ބާރު އޮތްފަރާތުން ނިންމާނެ ކަމެކެވެ. އުންމީދަކީ މާލެއާއި މުޅި ރާއްޖެ ހަމަޖެހިގެން ދިރިއުޅެވޭނެ ފަދަ ރީތި ތަނަކަށް ވެގެން ދިއުމެވެ. ދިވެހިރާއްޖޭގެ މޫނުމަތި ކަމަށްވާ މާލެ ތަރައްޤީވެ ރީތިވެގެން ދިއުމަކީ މުޅި ޤައުމަށް އެކަމުގެ ކުރިއެރުން އަންނާނެ ކަމެއްކަން ޔަޤީނެވެ. މިއީ މާލެ ތަރައްޤީ ކުރާނެ ގޮތުގެވާހަކައެއް ނޫނެވެ. މާލެ ތަރައްޤީ ކުރުމަށް ފުރަތަމަ އެޅިދާނެ ފަށައިގަތުމުގެ ފިޔަވަޅުތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.