
ފަލަސްތީނަށް ތާއީދުކޮށް ހަރަކާތްތެރިވި އެންވައިޕީޑީގެ ޚާއްޞަ ޔުނިޓެއް މަމްދާނީ އުވާލައްވަނީ
މި ޔުނިޓުގެ ހަރުކަށި އަމަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އާންމުންގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތައް ވެސް އިންތިހާއަށް ގިނަ އެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ހޯމަ ދުވަހު އިއުލާން ކުރެއްވި ގޮތުގައި އެންވައިޕީޑީގެ ސްޓްރެޓީޖިކް ރެސްޕޮންސް ގްރޫޕް (އެސްއާރުޖީ) އުވާލައި އޭގެ ބަދަލުގައި ”މަސްލަހަތު ހަމަޖައްސާ ގްރޫޕްތަކެއް“ އުފެއްދުމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދަވާނެ އެވެ.
އެސްއާރުޖީ އަކީ ހާއްސަ ހަތިޔާރާއި ސާމާނާއެކު ތަމްރީނުވެފައިވާ 500 އަށްވުރެ ގިނަ ފުލުހުންގެ މައްޗަށް އެކުލެވޭ ޔުނިޓެކެވެ.
މިއީ ނިއުޔޯކްގައި ކުރިއަށްދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރުމުގެ ސަބަބުން ބަދުނާމުވެފައިވާ ގްރޫޕެކެވެ.
މި ޔުނިޓުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް މުގުރާއި ކަރުނަގޭހާއި ޕެޕަރ ސްޕްރޭ ފަދަ ވަސީލަތްތައް ބޭނުންކުރެ އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާތަކާއި ކޮލަމްބިއާ ޔުނިވާސިޓީން ފެށިގެން ދިޔަ ދަރިވަރުންގެ ހަރަކާތްތައް ހުއްޓުވުމުގައި މި ޔުނިޓުން އަމަލުކުރި ގޮތާ މެދު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ނިއުޔޯކް ސިވިލް ލިބަޓީސް ޔޫނިއަންގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑޯނާ ލީބަމަން މި ނިންމުމަށް މަރުހަބާ ކިޔަމުން ބުނީ މި ބަދަލުތަކުގެ ސަބަބުން މުޒާހަރާތަކަކީ ރައްކާތެރި ތަންތަނަށް ވެގެންދާނެ ކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުންނަށް އެމީހުންގެ އަޑު އުފުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ނަމަވެސް ޕޮލިސް ކޮމިޝަނަރު ޖެސިކާ ޓިޝް އޭބީސީ7 އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސްއާރުޖީ އުވާލި ކަމުގައިވިޔަސް މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި އެންވައިޕީޑީގެ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ކުރިއެކޭވެސް އެއްފަދައިން ފުލުހުންގެ ފަރާތުން ފެންނާނީ ހަމަ އެއް އަމަލުތަކެއް ކަމަށެވެ.
އެހެންނަމަވެސް މޭޔަރުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާކުރާ މީހުންނާ ފުލުހުން މުއާމަލާތްކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
”މި ބަދަލާއެކު މުޒާހަރާތަކަށް ސިޓީން ތައްޔާރުވާ ގޮތާއި އަމަލުކުރާ ގޮތް މުޅިން ބަދަލުވެގެންދާނެ. އަދި މުއާމަލާތް ކުރުމާއި، މަސްލަހަތު ހަމަޖެއްސުމާއި، އާންމުންނާ ގުޅިގެން މަސައްކަތް ކުރުމަށް އިސްކަންދެވޭނެ. މިއީ ދުސްތޫރީ ގޮތުން ރައްޔިތުންނަށް ލިބިދީފައިވާ މުޒާހަރާކުރުމުގެ ހައްގު ހިމާޔަތްކުރުމާއެކު ގެނެވޭ ބަދަލެއް،“ އެ ބަޔާނުގައިވެއެވެ.



