
ޢަބްދުލް އެލް-ސައްޔިދު ހޯއްދެވި ކާމިޔާބީއަކީ އިސްލާމްދީނާ މެދު ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތަށް ލިބުނު ވަރުގަދަ އެތިފަހަރެއް!
ރިޕަބްލިކަން ޕާޓީގެ ކޮންގްރެސްގެ މެޖޯރިޓީ ގެއްލި، ޑިމޮކްރެޓުން އަލުން ސިޔާސީ މަސްރަޙުގެ ކުރިމައްޗަށް ނިކުތް ނިކުތުމަކީ، ބައެއް ފަރާތްތަކުން ސިފަކުރި ގޮތުގައި ސިޔާސީ ބޮޑު ބަދަލެކެވެ. ”ދަ ޑެއިލީ ޝޯ“ އިން ދެއްކި މަންޒަރުތަކުގައި ޓީވީ ޕްރެޒެންޓަރުން ވަނީ މި ކާމިޔާބީއަކީ މުގުރާލުމެއް ނުވަތަ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކޮށްފައެވެ. ”ޒެޓެއޯ“ އިން މަހްދީ ޙަސަނާ އެކު ގެނެސްދިން އިންތިޚާބުގެ ކަވަރޭޖުގައި، ޕްރެމް ތާކޫރު ވަނީ މިއީ ”ސުނާމީއެއް“ ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ހަގީގަތުގައި ވެސް އެ ރެއަކީ އެފަދަ ހުރިހާ ސިފައެއް އެކުލެވިގެންވި ރެއެކެވެ.
މި އިންތިޚާބުގައި ލިބުނު އެންމެ މުހިންމު ކާމިޔާބީއަކީ، ޑޮނަލްޑް ޓްރަމްޕް ތާއީދުކުރެއްވި ހަރުކަށި ކެންޑިޑޭޓް މައިކް ރޮޖާސް ބަލިކޮށް، ޢަބްދުލް އެލް-ސައްޔިދު ހޯއްދެވި ކާމިޔާބީއެވެ. ރޮޖާސްގެ ކެމްޕޭނަށް ބޭރުގެ އެކި ފަރާތްތަކުން ގާތްގަނޑަކަށް 169 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ. މީގެ ތެރޭގައި ޓްރަމްޕާއި އިލޮން މަސްކްއާއި ގުޅުންހުރި ސުޕަރ ޕެކްތަކުން ކުރި ޚަރަދުތައް ހިމެނެއެވެ. އެލް-ސައްޔިދު ވެވަޑައިގަންނަވާނީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމަށެވެ.
ކާމިޔާބީ ފާހަގަކުރިއިރު އެލް-ސައްޔިދުގެ މޫނުމަތިން ފެނުނު އުފާވެރިކަން އަސަރުގަދައެވެ. އޭނާ ދެއްކެވި ވާހަކަފުޅުތަކަކީ އެމެރިކާގެ ސިޔާސީ މަސްރަޙު ސުލްހަވެރިކަމާއި އިންސާނިއްޔަތުކަމުގެ މަގަށް އަނބުރާލެވިދާނެ ގޮތުގެ ތަޞައްވުރެކެވެ. އޭނާ އެއްވެފައިވާ މީހުންނަށް ވިދާޅުވިއެވެ: ”މިޝިގަންގެ ރައްޔިތުންނޭވެ، އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ޓެކްސް ފައިސާ މިތަނުގެ ސްކޫލްތަކަށާއި، ސިއްހީ ޚިދުމަތަށާއި، އުމްރާނީ ތަރައްގީއަށް ޚަރަދުކުރާށެވެ. އަހަރެމެންގެ ފައިސާ ނަސްލީ ތަފާތުކުރުންތަކަށާއި، ގަތުލުއާންމުތަކަށާއި، ހަނގުރާމަތަކަށް ހޭދަކުރާކަށް ބޭނުމެއް ނޫނެވެ.“
”މިއީ އަހަރެން، ޢަބްދުއްރަޙްމާން މުޙައްމަދު އެލް-ސައްޔިދު. ތިޔަބޭފުޅުންގެ ސެނެޓަރުގެ ގޮތުގައި މިތަނުގައި ހުރުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،“ އޭނާ ވިދާޅުވުމާއެކު އެއްވެ ތިބި މީހުންގެ ތަރުހީބުގެ އަޑުން މުޅި ސަރަހައްދު ގުގުމާލިއެވެ. ކެމްޕޭންގެ ތެރޭގައި ހަރުކަށި ކަނާތު ފިޔައިގެ މީހުން ވަނީ އޭނާގެ ފުރިހަމަ ނަން ބޭނުންކޮށްގެން އޭނާއަކީ ”ޓެރަރިސްޓެއް“ ކަމަށާއި، ”ޖިހާދީއެއް“ ކަމަށާއި އަދި ”އެމެރިކާގެ ރައްޔިތުންނަށް އޮތް ނުރައްކަލެއް“ ކަމަށް ސިފަކޮށްފައެވެ. ނަމަވެސް، އެ ނަން އަރަބި ރާގަށް ވިދާޅުވުމުން، އޭނާ ވަނީ ޓްރަމްޕް ފަދަ ސިޔާސީ ބޭފުޅުން މަލާމާތްކުރި ނަމުގެ ހައިބަތު އަނބުރާ ހޯއްދަވާފައެވެ. އެލް-ސައްޔިދު މަޖާޒީ ގޮތަކަށް ވިދާޅުވިއެވެ: ”ޑޮނަލްޑް، އަހަރެންގެ ނަން ކިޔަން ކަލެއަށް އުނދަގޫވިކަން އެނގޭ. އެހެންވީމާ ޖެނުއަރީ މަހު ޖޭޑީ އަހަރެން ހުވާ ކުރުވުމުން، ދެން އަހަންނަށް ’ސެނެޓަރު‘ އޭ ކިޔައިގެން ގޮވާލިޔަސް އެންމެ ރަނގަޅު.“
އޭނާ އިތުރަށް ވިދާޅުވިއެވެ: ”ކަލޭމެންނަށް ފާހަގަކުރެވިދާނެ، މި އިންތިޚާބުގެ ނަތީޖާއާ ބެހޭގޮތުން ވާހަކަދައްކާއިރު އަހަރެން އަބަދުވެސް ’އިންޝާﷲ‘ ނުވަތަ މާތްﷲ އިރާދަކުރެއްވިއްޔާ އޭ ބުނަން. އެކަމަކު މިރޭ، އަހަރެމެންނަށް އެ ’އިންޝާﷲ‘ ބަދަލުކޮށްލެވިދާނެ…“
އޭނާގެ ތަގުރީރުގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއްވެ ތިބި މީހުން އެކުގައި ބާރަށް ބުންޏެވެ: ”އަލްޙަމްދުލިﷲ!“ އެއަށްފަހު މުޅި ހޯލުގައި ”ޢަބްދުލް! ޢަބްދުލް!“ ގެ އަޑު ގުގުމާލިއެވެ. ހިނިތުންވުމާއެކު އެލް-ސައްޔިދު ވިދާޅުވިއެވެ: ”ކަނާތު ފިޔައިގެ މީހުންނަށް ބުނެލަން އޮތީ، އެ ބަހުގެ މާނައަކީ ހުރިހާ ހަމްދެއް މާތްﷲ އަށޭ.“
އިސްލާމްދީނުގެ އެންމެ މުގައްދަސް އެއް ލަފުޒު ކަމަށްވާ ”އަލްޙަމްދުލިﷲ“ އަށް ލިބުނު އެ ބާރުގަދަ ތަރުހީބަކީ، އެމެރިކާގެ ސިޔާސީ މަސްރަޙުގައި މުސްލިމުންނާ މެދު އުފައްދާފައިވާ ނުބައި ތަޞައްވުރުތަކާއި ބިރުވެރިކަން މުގުރާލި ކަމެކެވެ.
ސިޔާސީ ގޮތުން ދައްކާނެ މާބޮޑު ކާމިޔާބީއެއް ނެތުމުންނާއި، ޓްރަމްޕަށް އޮތް ތާއީދު ކުޑަވުމުން، ރިޕަބްލިކަން ޕާޓީން މަސައްކަތްކުރީ އެލް-ސައްޔިދުގެ އަބުރު ކުލަގަންނަން ނަސްލީ ތަފާތުކުރުންތަކުގެ ބޭނުން ހިފައިގެންނެވެ.
އޭނާއަށް ކުރިމަތިވި ހަމަލާތަކަކީ ސޯޝަލް މީޑިއާ އިން ފެށިގެން ގޮސް ރިޕަބްލިކަން ޕާޓީގެ ސިޔާސަތުތަކާ ހަމައަށް ފެތުރިފައިވާ މުސްލިމުންނާ ދެކޮޅު ރޭވުންތެރި ހަރަކާތްތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، 89 ރިޕަބްލިކަން މެންބަރަކު ވަނީ މުސްލިމުންނާ ދެކޮޅު ކެމްޕޭންތަކުގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކާއި، ޝަރީޢަތާ ގުޅުވައިގެން ހުށަހެޅި ބިލުތައް ހިމެނެއެވެ.
ސިޔާސީ މުޝީރުން ކުރިން އެލް-ސައްޔިދަށް ބުނެފައިވަނީ މުސްލިމަކަށް ވީތީ އޭނާއަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، މިއީ މަހުޖަނުންނާއި ޒަޔަނިސްޓުންގެ ފައިސާ ބޭނުންކޮށްގެން ގަސްތުގައި އުފައްދާފައިވާ ނަފުރަތެއްކަން އޭނާ ސާބިތުކޮށްދިނެވެ.
ސެނެޓަށް ކުރިމަތިލެއްވިއިރު، އެލް-ސައްޔިދު ވަނީ މުސްލިމުން ބާކީކުރުމަށް ކުރާ މަސައްކަތްތަކާ ކުރިމަތިލައްވާފައެވެ. އޭނާ ވަނީ ”އަހަރެމެން“ އަދި ”އެމީހުން“ ގެ ނަމުގައި އުފައްދާފައިވާ ބައިބައިވުންތަކަށް ފުރުސަތު ނުދެއްވައި، ވަރަށް ފުރިހަމައަށް ރައްދު ދެއްވާފައެވެ. އޭނާގެ އަނބިކަނބަލުން ޑރ. ސާރާ ޖުކަކޫ ވިދާޅުވި ފަދައިން، އެލް-ސައްޔިދަކީ އެއްވެސް ކުންފުންޏެއްގެ ނުވަތަ މަހުޖަނެއްގެ ނުފޫޒެއް ނެތް، އިޚްލާޞްތެރި ބޭފުޅެކެވެ. އޭނާ ރައްޔިތުންނަށް ދެއްކެވީ އެއްބައިވަންތަކަމާއި އިންސާނިއްޔަތުކަމުގެ އުންމީދީ މަގެކެވެ. އަދި އޭނާގެ ތަޞައްވުރުގައި ޣައްޒާގެ މައްސަލައަށް ވެސް ވަނީ މުހިންމު ސަމާލުކަމެއް ދެއްވާފައެވެ.



