
ސޫރަތުލް ޣާޝިޔާ (2) ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު 11ޑިސެންބަރު 2016 2016 އާގުޅޭ..
ދެވަނަ: ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ވޮޑިގެންވެއެވެ. އެގޮތުން ފެހިގަހަކުން އަލިފާން ރޯވެއެވެ. ސޫރަތު ޔާސީންގެ 80 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ ﴿٨٠﴾ ) މާނައަކީ: ”އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ.“ ތެތް ގަހަކުން ހިކިއަލިފާން ނެރުއްވުމަށް ﷲ ކުޅަދުންވަންތަ އެވެ. ވީމާ، ނަރަކައިގެ ތެރޭގައި ފެންއާރެއް ހުރިނަމަވެސް އެޔަކުން އަލިފާންގަނޑު ނުނިވޭގޮތް މެދުވެރި ކުރެއްވުމަށްވެސް ﷲ ކުޅަދުންވަންތަ ވޮޑިގެން ވެއެވެ.
އެބައިމީހުންގެ ބުއިމުގެ ވާހަކަ ބަޔާން ކުރެއްވުމަށްފަހު ދެން މި ބަޔާންކުރައްވަނީ އެބައިމީހުންނަށް ކާންދެވޭނެ ތަކެތީގެ ވާހަކަ އެވެ. (لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ ﴿٧﴾ )
(ضَرِيعٍ ) އަކީ ކަށިފަޅާފައި ހުންނަ ގަހަކަށް ކިޔޭ ނަމެކެވެ. ދުނިޔެމަތީގައި އެގަސް ފެހި ކުލައިގާ ހުންނަ އިރު ޖަމަލު ކައިއުޅެއެވެ. ޖަހަންނަމައިގެ އަހްލުވެރިންނަށް ކާންދެވޭނީ މިގަހުންނެވެ. ނަމަވެސް، ޖަހަންނަމައިގާ ހުންނަ މިގަހަކީ ދުނިޔޭގައި މިހުންނަ ވައްތަރުގެ ގަހެއް ނޫނެވެ. ވަރަށް ބޮޑަށް ތަފާތުވާނެއެވެ.
(لَّا يُسْمِنُ ) އެގަހަކުން ހަށިގަނޑަށް އެއްވެސް ކަހަލަ ފައިދާ އެއް ނުކުރާނެއެވެ.
(وَلَا يُغْنِي مِن جُوعٍ ) އެޔަކުން ބަނޑުހައިކަން ފިލައިގެންނެއްވެސް ނުދާނެއެވެ. އޭގައި ކަށްޓާއި، ހިތިރަހަ، އަދި ނުބައިވަސް މެނުވީ ނުހުންނާނެއެވެ. އެހެންކަމުން، އެއިން ލިބޭނެ އެއްވެސް ފައިދާ އެއް ނޯންނާނެއެވެ.
އެއަށް ފަހު ގިޔާމަތް ދުވަހުގައި މީސްތަކުން ބެހިގެންދާ ދެވަނަ ބައި ބަޔާން ކުރެއްވިއެވެ. ވަޙީ ކުރައްވައެވެ.
(وُجُوهٌ يَوْمَئِذٍ نَّاعِمَةٌ ﴿٨﴾ ) “ އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ.“ އެބައިމީހުން އުފާވެފައިވަނީ ﷲ ދެއްވާފައިވާ ބޮޑެތި ނިޢްމަތްތަކާއި ދަރުމަ އާއި ޘަވާބުގެ ސަބަބުން އުފަލުންނެވެ. އެބައިމީހުންނަށް މިނިޢްމަތްތައް ދެއްވޭނެ ވާހަކަ ގަބުރުތަކުގައި ވަނިކޮށްވަނީ ދެއްވިފައެވެ. ހެޔޮޢަމަލު ކުރި މީހުންނަށް ގަބުރުގައި އޮންނަ އިރުގައިވެސް ނިޢްމަތް ލިބެމުންދާނެއެވެ.
(لِّسَعْيِهَا رَاضِيَةٌ ﴿٩﴾ ) އެބައިމީހުން ދުނިޔެމަތީގައި ކޮށްއުޅުނު ކަންތައްތަކާއި މެދުގައި ތިބޭނީ ރުހި ގަބޫލުވެގެންނެވެ. ސަބަބަކީ އެޢަމަލުތަކުގެ ސަބަބުން މިފަދަ ބޮޑެތި ނިޢްމަތަކާއި ހަމައަށް އެބައިމީހުންނަށް ވާޞީލުވެވުނީތީވެއެވެ.
( فِي جَنَّةٍ عَالِيَةٍ ﴿١٠﴾ )
( جَنَّةٍ ) ސުވަރުގެ އަކީ ތަގްވާވެރިންނަށް ޓަކައި ﷲ ތައްޔާރުކޮށްދެއްވާފައިވާ އެކަލާންގެ ނިޢްމަތްތަކުގެ ގޯއްޗެވެ. އެތަނުގައި މީހެއްގެ ލޮލަށް ފެނިފައިނުވާ، ކަންފަތުން އަޑުއަހާފައިނުވާ، ހިތަށް ތަޞައްވުރު ނުކުރެވޭފަދަ މަތިވެރި ނިޢްމަތްތައް ލައްވާފައިވެއެވެ. ސޫރަތުއް ސަޖްދާގެ 17 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾ ) މާނައަކީ: “ ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“
ސޫރަތުއް ޒުޚްރުފްގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ﴿٧١﴾ ) މާނައަކީ: “ އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ.“
(لَّا تَسْمَعُ فِيهَا لَاغِيَةً ﴿١١﴾ ) ސުވަރުގޭގައި ބޭކާރު ވާހަކަ ދައްކާ އަޑެއް ނީވޭނެއެވެ. އެތަނުގައި މުޅިންވެސް ދައްކާނީ ރަގަޅު ވާހަކަ އެވެ. އެކަކު އަނެކަކަށް ސަލާމް ކުރުމާއި ތަސްބީޙަ ކިޔުމާއި ތަޙްމީދު ކުރުމާއި، ތަހްލީލު ކިޔުމާއި ތަކްބީރު ކިޔުމެވެ. އަބަދުވެސް އެބައިމީހުން ދެމިތިބޭނީ ﷲ ޛިކްރު ކުރުން މަތީގައެވެ. އެކަމަކުން އެބައިމީހުންނަށް ވަރުބަލި ކަމެއް ނުލިބޭނެއެވެ. އަދި އުފަލުން ތިބެ އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކޮށް ހަދާނެއެވެ.
(فِيهَا عَيْنٌ جَارِيَةٌ ﴿١٢﴾ ) އެ ސުވަރުގޭގައި ދެމިގެންވާ އާރުތައް ހުންނާނެއެވެ. މި އާރުތަކުގެ ތަފްޞީލް ބަޔާން ކުރައްވާ ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ) މާނައަކީ: ”އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ.“
(فِيهَا سُرُرٌ مَّرْفُوعَةٌ ﴿١٣﴾ ) ސުވަރުގޭގެ އަހްލުވެރިން އިށީނދެ ތިނބުމަށް ޓަކައި އުސްގޮނޑިތަކެއް ވެއެވެ. ސޫރަތު ޔާސީންގެ 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ ﴿٥٦﴾ ) މާނައަކީ: ”އެއުރެންނާއި އެއުރެންގެ އަނބިންވަނީ، ހިޔަލުގައި ދާންތަކުގެމަތީ ލެނގިލައިގެންނެވެ.“
(وَأَكْوَابٌ مَّوْضُوعَةٌ ﴿١٤﴾ )
(أَكْوَابٌ) އަކީ ”ކޫބް“ ގެ ޖަމްޢު އެވެ. އެއީ ފެންބޯ ތަށްޓެވެ. އެ އާރުތަކުގެ އެކި ހިސާބުތަކުގައި މި ތަށިތައް ހުންނާނެއެވެ.
( وَنَمَارِقُ مَصْفُوفَةٌ ﴿١٥﴾ )
( نَمَارِقُ ) އަކީ ”ނުމްރުގާ“ ގެ ޖަމްޢު އެވެ. އެއީ ބާލީހެވެ. ނުވަތަ އެ އެއްޗެއްގެ މަތީގައި ލެނގިލާ ކޮންމެ އެއްޗެކެވެ.
( مَصْفُوفَةٌ ) އެބާލީސްތަކުގައި ލެނގިލުމުން ހަށިގަނޑަށް އަރާމު ލިއްބައިދިނުމުގެ ކުރިން އެތަކެތި ފެނުމުން ލޮލަށް ފިނިކަން ލިބިގެން ދެއެވެ.
(وَزَرَابِيُّ مَبْثُوثَةٌ ﴿١٦﴾ )
( زَرَابِيُّ) އަކީ އެންމެ ރީތި އުދުހޭ ދޫނިއެވެ.
(مَبْثُوثَةٌ ) ސުވަރުގޭގެ އެކިކަންކޮޅުތަކުގައި މި ދޫނިތައް އުދުހި ހަދައެވެ.
ސުވަރުގޭގައި މިވާ އެއްވެސް ކަމަކީ ދުނިޔެ އާއި އަޅާކިޔޭނެ ފަދަ ކަންތައްތަކެއް ނޫނެވެ. ސޫރަތުއް ސަޖްދާގެ 17 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ( فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾ ) މާނައަކީ: ”ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވި ބަސްފުޅެއްގައި ވެއެވެ. (ليس في الآخرة مما في الدنيا إلا الأسماء فقط ) މާނައަކީ: ”އާޚިރަތުގައި ދުނިޔޭގައިވާ ތަކެތީގެ ތެރެއިންވަނީ ހަމއެކަނި ނަމެވެ.“ އެހެންކަމުން، ސުވަރުގޭގައި ލައްވާފައިވާ ނިޢްމަތްތަކެއް އަޅުގަޑުމެންނަކަށް ނޭނގޭނެއެވެ. ދުނިޔެމަތީގައި ފެންނަން ހުންނަ ތަކެތީގައި ނަމުގެ ގޮތުން އެއްގޮތްވީނަމަވެސް އެވެ.
ނުނިމޭ….