
ހަސީނާ އެނބުރި ޤައުމަށް ދިއުމަށް އައު ޕާސްޕޯޓަކަށް އެދިއްޖެ
ހަސީނާ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތުމުގެ ސާފު ނިޝާނެއްގެ ގޮތުން އާ ޕާސްޕޯޓަކަށް އެދިވަޑައިގެންފި އެވެ.
• އާ ލިޔެކިޔުންތައް ހޯއްދެވުމަށް ދިއްލީގައި ހުންނަ އެމްބަސީއަށް ސިޓީ ފޮނުއްވައިފި.
• ބަންގްލަދޭޝްގެ ޤާނޫނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާ ހަވާލާދެއްވައިފި.
• އެނބުރި ވަޑައިގަންނަވާނެ ތާރީޚުއްގެ ގޮތުގައި ބެލެވެނީ ޑިސެމްބަރު މަސް ކަމަށާއި އެކަން ކަށަވަރުވާނީ އިދާރީ ކަންކަން ނިމުމުން ކަމަށް އެހީތެރިން ބުނޭ.
މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިންޑިއާގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު އަނބުރާ ޤައުމަށް ވަޑައިގަތުމަށްޓަކައި އާ ޕާސްޕޯޓަކާއި އައިޑީ ކާޑަކަށް ހޯމަ ދުވަހު އެދިވަޑައިގެންފި އެވެ.
މިއީ 2024 ވަނަ އަހަރު ޤައުމުން ފިއްލެވި ފަހުން އެކަމަނާ މިފަދަ ކަމަކަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މިއީ ހަސީނާގެ ދިގުލީ ވެރިކަން ނިމުމަކަށް ގެނައި ނުރައްކާތެރި ހަމަނުޖެހުންތަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވީފަހުން އަންނަ ޑިސެމްބަރު މަހު އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތުގެ އެންމެ ސާފު ފިޔަވަޅެވެ.
މިކަމުގެ ސަބަބުން އެ ޤައުމުގައި ސިޔާސީ އަދި ޤާނޫނީ ނުތަނަވަސްކަމެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.
ހަސީނާ ޤައުމަށް އެނބުރި ވަޑައިގަންނަވަނީ ކޯޓަށް ހާޒިރުވެވަޑައިގަތުމަށެވެ. އަދި އެކަމަނާގެ އެހީތެރިން ބުނި ގޮތުގައި އެކި އިދާރީ ކަންކަން ނިމުމުން ވަޑައިގަންނަވާނެ ސާފު ތާރީހެއް އިއުލާނު ކުރާނެ އެވެ.
ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތައް ހަރުކަށިކޮށް ހުއްޓުވުމަށް އަމުރު ކުރެއްވި ކަމުގެ ކުށުގައި އެކަމަނާގެ މައްޗަށް ޣައިބުގައި މަރުގެ ހުކުމް އިއްވާފަ އެވެ. ނަމަވެސް އަރުވާލެވިގެން ހުންނަވައި ހަސީނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
”ވަގުތީ ސަރުކާރާއި އެހެނިހެން އިދާރާތަކުން އެކަމަނާގެ މިހާރުގެ ޕާސްޕޯޓާއި ޤައުމީ އައިޑީ ކާޑު ބާޠިލުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން އަޅުގަނޑުމެންގެ ކްލައިަންޓަށް ބަންގްލަދޭޝްގެ އާ ޕާސްޕޯޓަކާއި އައިޑީ ކާޑެއް ދޫކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އިހުތިރާމާއެކު އެދެން،“ ލަންޑަނުގެ މެޓްރިކްސް ޗެމްބާސްގައި މަސައްކަތްކުރައްވާ ހަސީނާގެ ވަކީލުން ދިއްލީގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ އެކްޓިން ހައި ކޮމިޝަނަރު ޕްރީތީ ރަހްމާނަށް ފޮނުއްވި ސިޓީގައިވެ އެވެ.
އެ ސިޓީގައި އެދިފައިވަނީ ހަސީނާގެ ބަންގްލަދޭޝް ރައްޔިތުކަމަށާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއާހަދާތަކުގެ ދަށުން ލިބިދޭ ހައްގުތަކަށް ރިއާޔަތްކޮށް އެކަމަނާގެ ހުށަހެޅުންތައް ”އަވަސް ގޮތެއްގައި“ ކުރިއަށް ގެންގޮސްދިނުމަށެވެ.
ދިއްލީގައި ހުންނަވާ ރަހްމާން އަދި ބޮޑުވަޒީރު ތާރިގު ރަހްމާންގެ ތަރުޖަމާނުންވެސް މިކަމާ ގުޅޭގޮތުން ވަގުތުން ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ.
ހަސީނާގެ އަވާމީ ލީގު ޕާޓީއަކީ އެކަމަނާގެ ވެރިކަން ވެއްޓި އެ ޕާޓީ މަނާކުރުމުގެ ކުރިން އެ ޤައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ.
އެ ޕާޓީގެ ގިނަ އިސް ބޭފުޅުން މިހާރު ތިއްބެވީ ޖަލުގައި ނުވަތަ އިންޑިއާއާއި އެހެނިހެން ޤައުމުތަކުގައި އަރުވާލެވިގެންނެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން އެކި ދައުރުތަކުގައި ޖުމްލަ 20 އަހަރު ކުރެއްވި ހަސީނާއަށް އަދިވެސް ޤައުމުގެ ބައެއް ރައްޔިތުންގެ ތާއީދު އޮތްއިރު ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ހަލަބޮލިކަމަށްފަހު ޤައުމު ހަމައަކަށް އެޅުވުމަށް ޑާކާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެކަމަނާ އެނބުރި ވަޑައިގަތުމަކީ ސިޔާސީ ބައިބައިވުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށްބެލެވެ އެވެ.



