
ރިޔާޒަށް ހޫޘީން މިސައިލް ހަމަލާތަކެއް ދީފި
ރިޔާޒަށް ހޫޘީން ދިން މިސައިލް ހަމަލާތަކަކާ ގުޅިގެން ސަޢޫދީ އަރަމްކޯގެ އިމާރާތަކަށް ގެއްލުންވެއްޖެ އެވެ.
ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރިޔާޒަށާއި އެހެނިހެން ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކެއް ވަނީ ދިފާއީ ނިޒާމު ބޭނުންކޮށްގެން ހުއްޓުވާފަ އެވެ.
ޔަމަނުގެ ހޫޘީން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކެއްގައި އެ ޤައުމުގެ ތެޔޮ ކުންފުނި އަރަމްކޯގެ އިމާރާތަކަށް މިއަދު ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
ސަޢޫދީ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަރަމްކޯގެ އިދާރީ އިމާރާތަށް ކުދިކުދި ގެއްލުންތަކެއް ލިބުނީ މިސައިލް ގޮއްވާލުމުން ބުރައިގެން ދިޔަ ބައިތަކެއް އެ އިމާރާތަށް އެރުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔަނެއް ލިބިފައި ނުވާކަމަށާއި ކަމާބެހޭ އިދާރާތަކުން ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
ރޮއިޓާސްގެ ރިޕޯޓަރަކު ބުނި ގޮތުގައި ސަޢޫދީގެ މައި ވިޔަފާރީގެ މަރުކަޒެއް ކަމަށްވާ ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް ގައި ހުންނަ އަރަމްކޯ ޓަވަރުގެ އެތައް ފަންގިފިލާއެއްގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފަ އެވެ.
މި ގެއްލުންތައް ލިބިފައިވަނީ ރިޔާޒުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި ސަޢޫދީ ސިވިލް ޑިފެންސް އިން އިންޒާރު ނެރެފައިވަނިކޮށެވެ.
ފަހުން ކަމާބެހޭ ފަރާތްތަކުން ވަނީ ނުރައްކާ ފިލާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.
ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢޫދީ ކޯލިޝަނުން ބުނީ އާދީއްތަ ދުވަހު ރިޔާޒަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ދިފާއީ ނިޒާމުން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެރިރަށަށާއި އެ ޤައުމުގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދެ ކްރޫޒް މިސައިލެއްވެސް ހުއްޓުވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މީގެ އިތުރުން އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި އެހެން ބެލިސްޓިކް މިސައިލެއްވެސް ހުއްޓުވާފައިވާ ކަމަށް ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް މާލިކީ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
މި ހަމަލާތައް އައިސްފައިވަނީ 2022 ވަނަ އަހަރު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވި ޔަމަނުގައި އަލުން އަސްކަރީ ހަރަކާތްތައް ވަރުގަދަވެ ސަޢޫދީ ކޯލިޝަނާއި އަންސާރުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ހޫޘީންނާ ދެމެދު ކުރިމަތިލުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިސައިލްތައް ހުއްޓުވާފައިވާ މި ދަނޑިވަޅަކީ ސަނާއާ ކައިރީގައިވާ އަލް-ޝަރިއްޔާ އަވަށަށް ސަޢޫދީ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކެއްގައި 8 އަންހެނުންނާއި 13 ކުޑަކުދިން ހިމެނޭހެން މަދުވެގެން 33 މީހުން މަރުވެފައިވާ ކަމަށް ހޫޘީންގެ ކޮންޓްރޯލް އޮންނަ ހެލްތު މިނިސްޓްރީން ބުނިތާ އެއް ދުވަސް ފަހެވެ.
ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަނީސް އަލް-އަސްބާހީ ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު ދިން މި ހަމަލާތަކުގައި މަދުވެގެން 39 މީހުން ޒަޚަމްވެފައިވެ އެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ވެރިރަށުގެ އިރުމަތީގައިވާ ބަނީ ހުޝައިޝް ސަރަހައްދުގެ ގެދޮރަށާއި މަގުތަކަށާއި އެމްބިއުލާންސްތަކަށާއި ސިވިލް ޑިފެންސް ޓީމުތަކަށް ކަމަށް އޭނާ ބުންޏެވެ.
މި ހަމަލާތަކާ ގުޅިގެން ސަޢޫދީ ކޯލިޝަނުން ވަގުތުން އެއްޗެއް ބުނެފައި ނުވާއިރު އަލްޖަޒީރާއިން ބުނީ މަރުވި މީހުންގެ އަދަދު މިނިވަންކަމާއެކު ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ދައުވާކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޯލިޝަނުން ސަނާއާއި އެހެން ހަތް ގަވަރުނޭޓަކަށް އަމާޒުކޮށް 105 ވައިގެ ހަމަލާއާއި މިސައިލް ހަމަލާ ދީފައިވެ އެވެ. އަދި ހަމަލާތައް ވަރުގަދަވި ފަހުން ދިން ޖުމްލަ ހަމަލާގެ އަދަދު 4,369 އަށް އަރާފައިވާ ކަމަށް އޭނާ ބުންޏެވެ.
ސަރީއު އިތުރަށް ވިދާޅުވީ އަރަމްކޯގެ ވަސީލަތްތަކަށާއި ރިޔާޒް އެއާޕޯޓަށާއި ބޯޑަރުގެ ދެފަރާތުގައިވާ ސަޢޫދީގެ އަސްކަރީ މަގާމުތަކަށް އަމާޒުކޮށް ހޫޘީން ހަ ހަރަކާތެއް ހިންގާފައިވާ ކަމަށެވެ.
މި ކުރިމަތިލުންތައް ވަރުގަދަވެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ހޫޘީންގެ ބާރުގެ ދަށުގައި އޮތް ސަނާ ހިމެނޭހެން އެ ސަރަހައްދުތައް އަލުން ހޯދުމަށް ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ސަރުކާރުން މިދިޔަ މަހު ފެށި ކެމްޕޭނާ ގުޅިގެންނެވެ.



