
އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތަށް އީރާނުން މަލާމާތްކޮށްފި
”އަޔަން ގޭޓް މަޝްރޫޢަކީ ހަމައެކަނި ބަސްތަކަކުން ކުޅެލާ ކުޅިވަރެއް“ އީރާނުގެ މަގުތަކުން މުދާ އުފުލުން ހުއްޓުވުމަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތަށް އީރާނުން މަލާމާތްކޮށްފި އެވެ.
އީރާނުގެ އެއްގަމު މަގުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ކުރާ ދަތުރުފަތުރުތައް ހުއްޓުވުމަށް ”ޓާސްކް ފޯސް އަޔަން ގޭޓް“ ގެ ނަމުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އާ މަޝްރޫޢެއް އިޢުލާނުކޮށްފި އެވެ.
އީރާނުގެ ބޯޑަރުތަކާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް މުދާ އުފުލުން ހަނިކުރުމަށް އެމެރިކާއިން ފެށި މި އަސްކަރީ ހަރަކާތަކީ އެއްވެސް އޮއްޓަރެއް ނެތް ބަސްތަކެއް ކަމަށް ބުނެ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އެކަން ބޭކާރު ކަމެއްގެ ގޮތުގައި ސިފަކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން އައި.އާރު.ޖީ.ސީގެ ތަރުޖަމާނު ޙުސައިން މުޙިއްބީ ވިދާޅުވީ ”އަޔަން ގޭޓް“ މަޝްރޫޢަކީ ހަމައެކަނި ދައްކާލާ ވާހަކަތަކެއް ކަމަށާއި މިފަދަ އުކުޅުތައް ބޭނުންކޮށްގެން އީރާނުގެ އިޤްތިޞާދު އިނދަޖައްސާލުމަށް އެމެރިކާއިން ކުރާ އުންމީދުތައް ކާމިޔާބު ނުވާނެ ކަމަށެވެ.
މުޙިއްބީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިންވެސް އީރާނުގެ އިޤްތިޞާދު ދެ ހަފުތާ ތެރޭގައި އިނދަޖެހޭނެ ކަމަށް ވޮޝިންޓަނުން ލަފާކުރި ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށެވެ. އަދި އީރާނުން އޮތީ އިޤްތިޞާދީ ފިއްތުންތަކަށް ތައްޔާރުވެގެން ކަމަށާއި އަވަށްޓެރި ޤައުމުތަކާއެކު ގާތް ގުޅުމެއް ދަމަހައްޓަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ރައްދު އައިސްފައިވަނީ ”ޓާސްކް ފޯސް އަޔަން ގޭޓް“ އުފެއްދިކަން ހޮނިހިރު ދުވަހު ސެންޓްކޮމްއިން އިޢުލާނު ކުރުމާ ގުޅިގެންނެވެ.
ފްލޮރިޑާގައި މަރުކަޒުވެފައިވާ މި ޔުނިޓުން މަސައްކަތް ކުރާނީ އެމެރިކާގެ އެހެނިހެން އިދާރާތަކާ ގުޅިގެން އީރާނުގެ އެއްގަމު މަގުތަކާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ފޮނުވާ ތަރައްޤީވެފައިވާ ހަތިޔާރާއި ދެގޮތަށް ބޭނުންކުރެވޭ ޓެކްނޮލޮޖީއާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތީގެ އިތުރުން ”ޣައިރު ޤާނޫނީ މާލީ ވަސީލަތްތައް“ ކޮންޓްރޯލް ކުރުމަށެވެ.
ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާގެ އަމުރަށް އުފެއްދި މި ޓާސްކް ފޯސްއާ ގުޅޭގޮތުން އޭނާ ވިދާޅުވީ މިއީ އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ހުރަސްތައް އިތުރަށް ވަރުގަދަކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓެރަރިޒަމަށް ފަންޑުކުރުމަށާއި ހަތިޔާރު އުފައްދާ ކާރުޚާނާތައް ތަރައްޤީކުރުމަށް އީރާނަށް ލިބޭ ފުރުޞަތުތައް ހަނިވެގެންދާނެ ކަމަށްވެސް ކޫޕާ ވިދާޅުވި އެވެ.
ސެންޓްކޮމްއިން ހާމަކުރި ގޮތުގައި މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން 25 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އީރާނަށް ވަނީ ހުރަސް އެޅިފަ އެވެ.
އީރާނަކީ އިރާޤު، ތުރުކީ، އަރުމީނިއާ، އަޒަރުބައިޖާން، ޕާކިސްތާން، އަފްޣާނިސްތާން އަދި ތުރުކުމެނިސްތާނާ ބޯޑަރު ހިއްސާކުރާ ޤައުމެކެވެ.
މީގެ އިތުރުން ކެސްޕިއަން ކަނޑަކީ ރަޝިޔާއާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް އީރާނުން ބޭނުންކުރާ މުހިންމު މަގުތަކުގެ ތެރެއިން މަގެކެވެ.



