
ޗުއަމެނީ ޖެހި ބޯޅަ އަމާޒުވި ކުޑަކުއްޖާ އަށް ލިބުނީ އަނިޔަލެއް ނޫން އުފާވެރިކަމެއް
ޗުއަމެނީގެ އަމާޒުން ނެއްޓުނު ހަމަލާއަކުން ކުޑަކުއްޖަކަށް ރޮވުނު ނަމަވެސް، ފަހުން އެކަން ރަނގަޅުކޮށްދީފި
ރޭސިންގް ސަންޓަންޑާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގައި އައުރެލިއަން ޗުއަމެނީ ފޮނުވާލި ބާރު ހަމަލާއެއް އަމާޒުން ނެއްޓި ސަޕޯޓަރުން ތިބި ސަރަހައްދަށް ދިއުމުގެ ސަބަބުން ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެ ރޮވޭގޮތް ވިއެވެ.
ނަމަވެސް މެޗަށްފަހު އެ ކުއްޖާއާ ބައްދަލުކޮށް ޖާޒީއެއްގައި ސޮއިކޮށްދީ ޗުއަމެނީ ވަނީ އެކަން ހައްލުކޮށްދީފަ އެވެ.
މި ހާދިސާއާ ގުޅިގެން ކީލިއަން އެމްބާޕޭ ވަނީ އޭނާގެ ޓީމު ކުޅުންތެރިޔާއަށް ސަމާސާވެސް ކޮށްފަ އެވެ.
އާދީއްތަ ދުވަހު ކުޅުނު ލަލީގާ މެޗުގައި ޗުއަމެނީ ފޮނުވާލި ބާރުގަދަ ބޯޅައެއް ގޯލަށް އަމާޒުވުމުގެ ބަދަލުގައި އެރީ ސަޕޯޓަރުން ތިބި ސަރަހައްދުގައި ހުރި ކުޑަ ކުއްޖެއްގެ ގައިގަ އެވެ.
މެޗު ނިމުމުން ޗުއަމެނީ ވަނީ ޑްރެސިންގް ރޫމް ކައިރިން އެ ކުއްޖާއާ ބައްދަލުކޮށް ރެއާލް މެޑްރިޑްގެ ޖާޒީއެއްގައި ސޮއިކޮށްދީފަ އެވެ.
އުމުރުން 10 އަހަރު ނުފުރޭ އެ ކުއްޖާގެ ގައިގައި ބޯޅައިން ޖެހުމުން ވަރަށް ބޮޑަށް ރޮވުނެވެ.
އެހެންނަމަވެސް ހިތްދަތި ހަނދާނަކަށް ވެދާނެ އެ ހާދިސާ ބަދަލުވެގެންދިޔައީ ރެއާލް މެޑްރިޑްގެ ތަރިންނާ ބައްދަލުވުމުގެ އުފާވެރި ފުރުސަތަކަށެވެ.
މެޗުގެ ފަހު ފުމެލުމާއެކު ޗުއަމެނީ އެ ކުއްޖާއާ ބައްދަލުކުރި އިރު އެމްބާޕޭ ވެސް ވަނީ އެތަނަށް މަޑުކޮށްފަ އެވެ.
އެމްބާޕޭ މި ފުރުސަތުގެ ބޭނުންހިފައި ޗުއަމެނީއަށް ސަމާސާ ކުރަމުން ބުނީ ”މިއީ ޗުއަމެނީގެ ކުށެއް، އޭނާއަކަށް ބޯޅަ ޖަހާކަށް ނޭނގޭނެ،“ ކަމަށެވެ.
އެމްބާޕޭގެ މި ބަސްތަކާއެކު އެތަނުގެ މާހައުލު އުފާވެރިވެ ކުއްޖާގެ ހިތާމަތައް ފިލައިގެން ދިޔަ އެވެ.
ރެއާލް މެޑްރިޑްގެ ކުޅުންތެރިން ދެއްކި މި އޯގާތެރިކަމުގެ ސަބަބުން އެ ކުއްޖާ އެނބުރި ގެއަށް ދިޔައީ ހަމައެކަނި އަނިޔާގެ ހަނދާނަކާއެކުގައެއް ނޫނެވެ.
ޗުއަމެނީ އާއި އެމްބާޕޭ ފަދަ މަޝްހޫރު ކުޅުންތެރިންނާ ބައްދަލުވެ ސޮއިކޮށްފައިވާ ޖާޒީއެއް ލިބުމަކީ އެ ކުއްޖާއަށް ލިބުނު ވަރަށް ހާއްސަ ތަޖުރިބާއެކެވެ.



