
”ޒަޔަނިސްޓުން ގައުމު ހިސާރުކުރަނީ“ ފަދަ ވާހަކަތައް ފެތުރުމަކީ އެމްޑީޕީގެ އިތުބާރު ކުޑަވާ ކަމެއް: ރައީސް ނަޝީދު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިޔާސީ ބޭނުމަށްޓަކައި ދީން ހަތިޔާރަކަށް ހަދައި، ”ޒަޔަނިސްޓުން ގައުމު ހިސާރުކުރަނީ“ ފަދަ އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ އެ ޕާޓީގެ އިތުބާރު ކުޑަވާ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ”ރަސްމާލެ“ މަޝްރޫއާ ގުޅުވައިގެން އެމްޑީޕީގެ ބައެއް އާންމު މެންބަރުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ’އެކްސް‘ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ފަހަކަށް އައިސް އިޚްތިޔާރުކުރަމުންދާ މިސްރާބަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ކުރިން އެ ޕާޓީއަކީ ހުޅުވާލެވިފައިވާ، ތަފާތު ޚިޔާލުތަކަށް އިހުތިރާމްކުރާ އަދި ޑިމޮކްރެޓިކް އިސްލާހީ މަސައްކަތުގެ މާލިކެއް ނަމަވެސް، މިހާރު ފެންނަމުންދަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމާއި، ހައްދުފަހަނައެޅި ގައުމީވަންތަކަމުގެ ޝުއޫރުތައް ފާޅުކުރުމަށް ފަސްނުޖެހޭ މަންޒަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ އެމްޑީޕީ އުފެދިގެން އައި އަސާސްތަކާއި، ކުރީކޮޅު އެ ޕާޓީއަށް ތާއީދުކުރި ފަރާތްތަކުން ގަބޫލުކުރި ސިޔާސީ އައިޑެންޓިޓީއާ މުޅިން ޚިލާފު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޕާޓީގެ ތެރޭގައި ތިބި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އިންތިޚާބީ ކާމިޔާބީ ލިބެން އޮތީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން ކަމަށް ވިޔަސް، މިފަދަ އުކުޅުތަކުގެ ސަބަބުން އެމްޑީޕީއަށް އަބަދުވެސް ތާއީދުކުރަމުން އައި، ތަފާތު ޚިޔާލުތަކަށް ޖާގަދޭ، ދުރުވިސްނޭ މީހުން ޕާޓީއާ ދުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވަގުތީ ސިޔާސީ ފައިދާއަކަށްޓަކައި ޕާޓީގެ އަސާސީ ތާއީދު ގެއްލުވައިލުމަކީ ހަމައެކަނި ނުބައި ނިންމުމެއް ނޫން ކަމަށާއި، އެއީ ސިޔާސީ ގޮތުން އަމިއްލައަށް ފަނާވުމަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ، މާޒީގައި ”ބިރަކާ ނުލާ މަޖާކުރުން“ މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ކެމްޕޭނެވެ. އެ ޝިއާރުގެ ސަބަބުން ޕާޓީއަށް އޮތް ތާއީދު ކުޑަވުމުގެ ބަދަލުގައި، އިތުރު ވިހި ހާހެއްހާ ވޯޓު ޕާޓީއަށް ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
”އެއާ ޚިލާފަށް، ސިޔާސީ ބޭނުމަށްޓަކައި ދީން ހަތިޔާރަކަށް ހެދުމާއި، ’ޒަޔަނިސްޓުން ގައުމު ހިސާރުކުރަނީ‘ ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ކުޑަވާ ކަމެކެވެ. މިފަދަ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކަކަށް ވުމުގެ އިތުރުން، ގައުމީ މަސްލަހަތާއި ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށްކޮށްލާ ކަންކަމެވެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ މިއަދު އޮތީ ނުހަނު ނާޒުކު ހާލަތެއްގައިކަން ފާހަގަކުރައްވަމުން، މި މަގުން ކުރިއަށްދާނަމަ ޕާޓީގެ އަމިއްލަވަންތަކަމާއި ކުރިން ޕާޓީއަށް އޮތް ގަދަރާއި އިހުތިރާމް ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސް ނަޝީދުގެ ޕޯސްޓް ނިންމަވާލައްވަމުން އެދިވަޑައިގެންފައިވަނީ ޕާޓީގެ އުސޫލުތައް ހިފަހައްޓާ މެންބަރުން ކުރިއަށް ނުކުމެ، ޕާޓީ ހަލާކުގެ ތެރެއަށް ދިޔަނުދީ ހިފެހެއްޓުމަށެވެ. އަދި ސިޔާސީ މަސައްކަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމުގެ ހިތްވަރާއި ހިކުމަތް މާތްﷲ މިންވަރުކުރެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ.



