
އުތުރު ކޮރެއާއިން ކްލަސްޓަރ ބޮން އެކުލެވޭ ވޯހެޑްތަކެއް ޓެސްޓުކޮށްފި
އުތުރު ކޮރެއާއިން ކްލަސްޓަރ ބޮން އެކުލެވޭ ވޯހެޑްތަކެއް ޓެސްޓުކޮށްފި ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފި އެވެ.
އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން އެ ޤައުމުގެ އަސްކަރިއްޔާއަށް މި ބާވަތުގެ ހުރިހާ ހަތިޔާރެއް ބޭނުންކުރުމުގެ ގާބިލުކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކްލަސްޓަރ މުނިޝަންސް ނުވަތަ ކުދި ބޮންތައް އެކުލެވޭ ވޯހެޑްތަކެއް ވަނީ ޓެސްޓުކޮށްފަ އެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި ޓެސްޓަކީ ޓެކްޓިކަލް ބެލިސްޓިކް މިސައިލްތަކުގައި މި ވޯހެޑްތައް ހަރުކުރުމުގެ ކުރިން ހަނގުރާމަވެރި އޮޕަރޭޝަންތަކަށް އެތަކެތި އެކަށީގެންވާ މިންވަރާއި އޭގެ ހަލާކުކޮށްލުމުގެ ބާރު ވަޒަންކުރުމަށް ކުރި ޓެސްޓެއް ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަތިޔާރު އޭގެ އެންމެ މަތީ ބާރުގައި ބޭނުންކޮށްފި ނަމަ 12 އާއި 13 ހެކްޓަރާ ދެމެދުގެ ސަރަހައްދެއް އަޅިއަށް ހަދާލުމުގެ ގާބިލުކަން ލިބިގެންވެ އެވެ.
އުތުރު ކޮރެއާގެ މިސައިލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އަސްކަރީ އޮޕަރޭޝަންތަކުގެ މަގްސަދުތަކަށާއި ހަމަލާދޭން ބޭނުންވާ ތަންތަނުގެ ހާލަތަށް ބަލައި މި ހުރިހާ ބާވަތެއްގެ ހަތިޔާރު އިޚްތިޔާރުކޮށް ބޭނުންކުރުމުގެ ފުރުސަތު އަސްކަރީ ޔުނިޓްތަކަށް ލިބިގެންދާނެ އެވެ.
ކޭ.ސީ.އެން.އޭ އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޮރެންޖު ކުލައިގެ ދުންގަނޑެއްގެ ތެރެއިން މޯބައިލް ޕްލެޓްފޯމަކުން މިސައިލެއް ފޮނުވާލަ އެވެ. އަދި އެހެން ފޮޓޯތަކުން ފެންނަ ގޮތުގައި ރަށަކަށް މި ހަތިޔާރު އެރުމުން ލިބިފައިވާ ގެއްލުންތައް ހާމަވެ އެވެ.
ހޮނިހިރު ދުވަހުގެ ޓެސްޓުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ނަމަވެސް މީގެ ކުރިން އޭޕްރީލް މަހު ބޭއްވި މިފަދަ ޓެސްޓެއް އޭނާގެ ދަރިކަނބަލުން ޖޫ އޭ އާއެކު ބައްލަވާލައްވާފައިވެ އެވެ.



