
ބްރޭކިންގ: ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުންގެ ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެތަނުގައި ރޯވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:15 ހާއިރެވެ.
އެމްއެންޑީއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ށ . ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތް ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން، މުޅި ރަށަށް ވަނީ ދުންގަނޑު ފެތުރިފައެވެ. އަދި ދުންގަނޑު ފެތުރެމުންދާތީ އެރަށު ސްކޫލް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.



