
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ 4 ވަނަ ބެޗު އިފުތިތާޙުކޮށްފި
ވެހި ވަޠަނީ ޚިދުމަތުގެ ”ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ“ ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު ރަސްމީކޮށް އިފުތިތާޙުކޮށްފި އެވެ.
ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ. އަދި ޚާއްޞަ މެހުމާނެއްގެ ގޮތުގައި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވި އެވެ.
14 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ޖުމުލަ 352 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ހިމެނެ އެވެ. މި ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހު އެވެ.
މި ޕްރޮގްރާމަކީ ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ސިޔާސަތެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ އަޚުލާޤާއި ހުނަރު ދަސްކޮށްދިނުމެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެ އެވެ.
ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ.
ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެ އެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ’ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް‘ ދިނުމަށް ހަމަޖެހިފައި ވާ އިރު، ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް ’ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް’ގެ ސެޓްފިކެޓް ދެވޭނެ އެވެ.
މީގެ އިތުރުން ތަމްރީނުގެ ތެރެއިން ކުރިއަށްގެންދާ ފަޔަރ ފައިޓިންގ މޮޑިއުލުން ފާސްވާ ދަރިވަރުންނަށް ’ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ‘ ސެޓްފިކެޓާއި، ކޯހުގެ ފަސްޓް އެއިޑް މޮޑިއުލުން ފާސްވާ ދަރިވަރުންނަށް ’ބޭސިކް ފަސްޓް އެއިޑް‘ ސެޓިފިކެޓް އަދި ”އެކުއެކީ“ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ’ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ‘ ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދެވޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ކެޑޭޓުންގެ އިޤްރާރުވުން އޮތެވެ.
އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާ އެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ ނޭޝަނަލް ސަރވިސް ޓްރޭނިންގ ސެންޓަރ ޅ. މާފިލާފުށީގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
މި ރަސްމިއްޔާތުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ.ޙުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޑް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް ޢަބްދުލް މުޢިއްޒު މުސްޠަފާއާއި، ނޭޝަނަލް ސަރވިސް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދު އަދި މި ތަމްރީން ޕްރޮގްރާމްގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވި އެވެ.



