
ސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެ
ފާއިތުވި ހޮނިހިރު ދުވަހުގެރޭ މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެ އެވެ.
މިއެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ26 އަހަރުގެ އަންހެނަކަށެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި އަންހެންމީހާ ނިޔާވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މަޢުލޫމާތުދީފަ އެވެ.
މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވެއެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން މިއަދު މަރުވި 26 އަހަރުގެ ދިވެހި އަންހެން މީހާއަށެވެ. އަނިޔާވި ދެ ފިރިހެނުންނަށް އައިޖީއެމްއެޗުގައި ވަނީ ފަރުވާދީފައެވެ.
މީގިއިތުރުން ފުލުހުން ބުނެފައިވަނީ، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ. މި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އައްސޭރި، ތ. ދިގަމިގިލީ މާހު ހަސަން (21އ)އެވެ.



