
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކްއަށް!
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް އިސްމާޢީލް އިޒުޢާން އިބްރާހީމް، އާޔަން އަޙްމަދު ޢިނާން އަދި ޢާއިޝަތު ޒީކް ރިޔާޟްއަށް ލިބިއްޖެއެވެ.
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޚާޞިލްކުރީ އާޔަން އަޙްމަދު ޢިނާންއެވެ.
މިއަހަރުވެސް ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް އަގުހުރި އިނާމުތަކެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެކެވެ.
މި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.



