
ވިލާތުގެ ރިފައިނަރީތަކަށް ފޮނުވަން ހަމަޖެހިފައިވާ ތެޔޮ ޝިޕްމަންޓްތައް ސަޢޫދީން ކެންސަލްކޮށްފި
ޔަމަނުގެ ހަނގުރާމަ ވަރުގަދަވެ، ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިނަށާއި ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޔަންބުއު ބަނދަރަށް ޑްރޯން ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން، ވިލާތުގެ ރިފައިނަރީތަކަށް ފޮނުވަން ހަމަޖެހިފައިވާ ތެޔޮ ޝިޕްމަންޓްތައް ސަޢޫދީން ކެންސަލްކޮށްފި އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރަމުންދާއިރު، އަންނަ އޮކްޓޫބަރު މަހު ސަޢޫދީން ކްރޫޑް އޮއިލް ސަޕްލައި ނުކުރާނެކަން ވިލާތުގެ މަދުވެގެން ދެ ރިފައިނަރީއަކަށް މިހާރު ވަނީ އަންގާފަ އެވެ.
ޢާންމުގޮތެއްގައި ވިލާތުގެ ރިފައިނަރީތަކުން ސަޢޫދީ ކްރޫޑް އޮއިލް ގަންނަނީ ކޮންމެ މަހަކުވެސް ވަކި މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުންނެވެ.
ނަމަވެސް، ކޮންޓްރޯލުން ނެއްޓިފައިވާ މަޖުބޫރު ހާލަތްތަކުގައި މި ޝިޕްމަންޓްތައް ކެންސަލްކުރުމުގެ އިޚްތިޔާރު ހަކަތަ އުފައްދާ ކުންފުނިތަކަށް ލިބިގެންވެ އެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ޤަތަރުންވެސް ވަނީ އެ ޤައުމުން ބޭރުކުރާ އެލް.އެން.ޖީ ޝިޕްމަންޓްތަކަށް ކުރިމަތިވެފައިވާ ފޯސް މެޖިއުއާ ހާލަތު ނޮވެމްބަރު މަހުގެ ކުރީކޮޅަށް ދަމާލާފަ އެވެ.
މީގެ ކުރިން ބެލެވިފައި އޮތީ، އީރާނާއި އެމެރިކާއާ ދެމެދު ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ހިނގާ ކުރިމަތިލުންތަކުން ސަޢޫދީ ޢަރަބިއްޔާއަށް ސަލާމަތްވެވޭނެ ކަމަށެވެ.
އެއީ ޤަލްފުން ފެށިގެން ރަތްކަނޑުގެ ޔަންބުއު ބަނދަރާ ހަމައަށް ގުޅާލެވިފައިވާ އީސްޓް-ވެސްޓް ޕައިޕްލައިންގެ ސަބަބުންނެވެ. މި ޕައިޕްލައިން މެދުވެރިކޮށް ދުވާލަކު ގާތްގަނޑަކަށް ހަތަރު މިލިއަން ފީފާ ތެޔޮ ބޭރުކުރުމުގެ ޤާބިލުކަން ސަޢޫދީއަށް ލިބިގެންވެ އެވެ.
ނަމަވެސް، ނިމިދިޔަ ހަފުތާގައި ދިން ޑްރޯން ހަމަލާއެއްގައި މި ޕައިޕްލައިންގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ސަޢޫދީން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އީރާނަށް ތާޢީދުކުރާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ. މީގެ އިތުރުން، ޔަންބުއު ބަނދަރަށާއި އަރާމްކޯގެ އެހެނިހެން ވަސީލަތްތަކަށް ހަމަލާދިން ކަމަށް ހޫޘީންވެސް ވަނީ ދައުވާކޮށްފަ އެވެ.
ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ސަޢޫދީއަށް އަމާޒުކޮށް ޑްރޯންއާއި މިސައިލް ހަމަލާތައް ދޭން ފެށުމާއެކު، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ.
މިދިޔަ ހުކުރު ދުވަހު ތެޔޮ ފީފާއެއްގެ އަގު ހުރީ 103 ޑޮލަރު ގައެވެ. ނަމަވެސް މާހިރުން ބުނާ ގޮތުގައި މި އަގަކީ ތެޔޮ ގަތުމަށް ހިނގާ އަސްލު ޚަރަދެއް ނޫނެވެ. އަދި ޑީސަލާއި ޖެޓް ފިއުލް ފަދަ ސާފުކުރި ތެލުގެ ބާވަތްތަކުގެ އަގު މިއަށްވުރެ މާ މަތީގައި ހުރިކަން އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
އެމެރިކާގެ އަމިއްލަ ހަކަތައިގެ ސިނާއަތުގެ ސަބަބުން އެ ޤައުމަށް މި ހަނގުރާމައިގެ އަސަރު ކުޑަނަމަވެސް، ނިމިދިޔަ ހަފުތާގައި އެ ޤައުމުގައިވެސް ޑީސަލްގެ އަގު ވަނީ 7.7 އިންސައްތަ މައްޗަށް ގޮސްފަ އެވެ.
ހޫޘީން ސަޢޫދީގެ އާގުބޯޓުތަކަށް ހުރަސްއަޅަން ފެށުމުން، ސަޢޫދީން މިހާރު ވަނީ ސުއޭޒް މެޑިޓަރޭނިއަން ޕައިޕްލައިން މެދުވެރިކޮށް ތެޔޮ ފޮނުވަން ފަށާފަ އެވެ.
މީގެ ދިހަ އަހަރު ކުރިން ހޫޘީން ޔަމަނުގެ ބޮޑު ސަރަހައްދެއް ހިފުމާ ގުޅިގެން، ސަޢޫދީ އިސްވެ އޮވެ އުފެއްދި ޢަރަބި ކޯލިޝަނުން ދަނީ އެމީހުން ބަލިކުރުމަށް މަސައްކަތް ކުރަމުންނެވެ.
2022 ވަނަ އަހަރު، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރުން ހޫޘީންނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުން، ސަޢޫދީން މަސައްކަތް ކުރީ މި ހަނގުރާމައިން ވަކިވުމަށެވެ. ނަމަވެސް، ހޫޘީންގެ ކޮންޓްރޯލް ދަށުގައިވާ ބަނދަރުތަކާއި އެއާޕޯޓްތަކަށް ސަޢޫދީން އަދިވެސް ދަނީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ހުރަސްއަޅަމުންނެވެ. ހޫޘީން ބުނާ ގޮތުގައި ސަޢޫދީއަށް ދެމުންދާ ހަމަލާތައް ހުއްޓާލާނީ މި ބްލޮކޭޑް އުވާލުމުންނެވެ.



