
ހޫޘީންނާ ދެކޮޅަށް ސަޢޫދީއަށް އޮތީ މަދު އިޚްތިޔާރުތަކެއް
އެކުވެރިންގެ އެހީތެރިކަމެއް ނެތި، ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއަށް އޮތީ މަދު އިޚްތިޔާރުތަކެކެވެ.
އެމެރިކާއިން ފެށިގެން ތުރުކީއާ ހަމައަށް އެކުވެރި ޤއުމުތައް އެއްފަރާތްވަމުންދާތީ، އެކަނިމާއެކަނި ހޫޘީންނާ ދެކޮޅަށް ފުރިހަމަ ހަނގުރާމައަކަށް ދިއުމަށް ސަޢޫދީ ޢަރަބިއްޔާ އޮތީ ފަސްޖެހިފަ އެވެ.
ޙަޤީޤަތުގައި، މިދިޔަ ހޫނު މޫސުމުގައި ސަޢޫދީ އަރަމްކޯއަށް ބޮޑު ފައިދާއެއް ލިބުނީ އެ ޤައުމުގެ ’އީސްޓް-ވެސްޓް ޕައިޕްލައިން‘ ގެ ސަބަބުންނެވެ. މީގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ސާފުނުކުރާ ތެޔޮ ބޭރުކުރުމުގެ ފުރުސަތު ލިބުނެވެ.
ނަމަވެސް، އިރާޤުގައި ހަރަކާތްތެރިވާ އީރާނަށް ތާޢީދުކުރާ ހަނގުރާމަވެރިން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން މިހާރު އެ ޕައިޕްލައިން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ހޫޘީންގެ މިސައިލާއި ޑްރޯން ހަމަލާތައް ސަޢޫދީގެ ސިޓީތަކަށް އަމާޒުވަމުންދާއިރު، އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިމެއް ކަމުގައިވާ މައްކާގެ މަތިންވެސް ހޫޘީންގެ ޑްރޯނެއް ވަނީ ވައްޓާލާފަ އެވެ.
މައްކާގެ ބަލަދުވެރިކަމަކީ ސަޢޫދީ ޝާހީ ޢާއިލާގެ ޤަދަރާއި އިތުބާރު ދެމެހެއްޓުމުގެ މައިގަނޑު އަސާސެވެ. ނަމަވެސް ހޫޘީން ވަނީ މައްކާއަށް އަމާޒުކޮށް ހަމަލާދިން ކަމަށް އިންކާރުކޮށްފަ އެވެ.
ސަޢޫދީ ޢަރަބިއްޔާ މިހާރު ކުރިމަތިލަމުންދަނީ ދެ ފަރާތަކުން ކުރިމަތިވެފައިވާ ހަނގުރާމައަކާ އެވެ.
ޔަމަނުގައި ތިބި ސަޢޫދީގެ އެކުވެރިން ހޫޘީންގެ ކުރިއެރުންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާއިރު، ސަޢޫދީން ދަނީ އެ ޤައުމަށް އަމާޒުވާ މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާޢުވުމަށް މަސައްކަތް ކުރަމުންނެވެ. ހޫޘީންގެ މި ހަމަލާތައް ވަރުގަދަވެފައި މިވަނީ ސަޢޫދީއަށް ވަރަށް ނާޒުކު ދަނޑިވަޅެއްގަ އެވެ.
ސަބަބަކީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުގެ މައިބަދަ ކަމުގައިވާ އެމެރިކާގައި އުފައްދާ ’އިންޓަސެޕްޓަރ‘ މިސައިލްތައް ދުނިޔޭގެ ބާޒާރުން ހުސްވަމުން ދިއުމެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސަޢޫދީގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށްދިން އެމެރިކާ މިހާރު އޮތީ މިކަމުން ދުރުވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހޫޘީން އެމެރިކާއާ ހަނގުރާމަ ކުރަން ބޭނުންނުވާ ކަމަށެވެ. އަދި އޮމާން މެދުވެރިވެގެން އެމެރިކާގެ އޮފިޝަލުން ހޫޘީންނާ ބައްދަލުކޮށްފައިވާ ކަމަށްވެސް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، ސަޢޫދީން ވަނީ އެ ޤައުމުގެ ދިފާޢީ ބައިވެރިން އިތުރުކުރަން މަސައްކަތްކޮށްފަ އެވެ.
ނަމަވެސް، އެމެރިކާ ފަދައިން، ސަޢޫދީގެ އާ އެކުވެރިންވެސް ހޫޘީންނާ ހަނގުރާމައަކަށް ދާކަށް ބޭނުމެއް ނުވެ އެވެ. ’މައްކާ ޕެކްޓް‘ ގެ ދަށުން ސަޢޫދީގެ ދިފާޢީ ބައިވެރިންގެ ގޮތުގައި ތިބި ތުރުކީއާއި ޕާކިސްތާނުގެ އެހީތެރިކަމެއްވެސް މިހާރު ނުލިބެ އެވެ. ”ސަޢޫދީ ޢަރަބިއްޔާ މިހާރު އޮތީ ވަރަށް ބޮޑު ތާށިކަމެއްގެ ތެރޭގައި. އެ ޤައުމު ވަނީ އެކަނިވެފައި،“ ޗެތަމް ހައުސްގެ މާހިރެއް ކަމަށްވާ ނީލް ކުއިލިއަމް ވިދާޅުވި އެވެ.



