
އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިޤްތިޞާދުގެ މަޤާމު އިންޑިއާއިން ދަމަހައްޓައިފި – ވިނޭ
އިންޑިއާގެ އިޤްތިޞާދު %7.8 ކުރިއަރައި، އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިޤްތިޞާދުގެ މަޤާމު ދަމަހައްޓައިފި ކަމަށް ސަފީރު ވިދާޅުވެއްޖެ އެވެ.
2026-27 މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ ޖީ.ޑީ.ޕީ %7.8 ކުރިއެރުމަކީ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގެ ތެރެއިން އެންމެ ބާރުމިނުގައި ކުރިއަރަމުންދާ ޤައުމުގެ ގޮތުގައި އިންޑިއާ ދެމިއޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ ސަފީރު ވިނޭ ކުވަތުރާ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވީ ނަސްޑެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ވަރުގަދަ ވިޔަފާރިވެރިކަމުގެ ނިޒާމަކާއި، ފުޅާވަމުންދާ ޑިޖިޓަލް ޤާބިލުކަމުގެ އިތުރުން ހުނަރުވެރި ޒުވާން މަސައްކަތްތެރިންގެ ސަބަބުން އިންޑިއާގެ އިޤްތިޞާދަށާއި ޓެކްނޮލޮޖީއަށް ބޮޑެތި ބަދަލުތަކެއް އަންނަނީ އަންނަމުން،“ ޓައިމްސް ސްކުއަރގައި ހުންނަ ނަސްޑެކް ސްޓޮކް އެކްސްޗޭންޖުގައި ބުދަ ދުވަހުގެ ހެނދުނު ވިނޭ ފާހަގަކުރި އެވެ.
އޭޕްރީލް-ޖޫން ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދަށް ލިބުނު ކުރިއެރުމަށް އިޝާރާތްކުރައްވައި ސަފީރު ވިދާޅުވީ، އިންޑިއާއަކީ އަދިވެސް ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ ބޮޑު އިޤްތިޞާދު ކަމަށެވެ.
އަދި މިހާރު އުފެދެމުންދާ ގުޅުމުގެ އެންމެ މުހިންމު އެއް ތަނބަކީ، ނަސްޑެކްގައި ހިމެނޭ ޓެކްނޮލޮޖީ ކުންފުނިތަކާއެކު އޮންނަ ގުޅުން ކަމަށާއި، މީގެ ތެރޭގައި ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓާއި، އިންފްރާސްޓްރަކްޗަރ އަދި ހުނަރުވެރި ފަންނީ މަސައްކަތްތެރިންގެ ބަދަލުކުރުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
’ވިކްސިތު ބާރަތު 2047‘ (ތަރައްޤީވެފައިވާ އިންޑިއާ 2047) ގެ ލަނޑުދަނޑިއަށް އިންޑިއާ ދަތުރުކުރަމުންދާއިރު، އެމެރިކާގެ ވިޔަފާރިތަކާއި، އިންވެސްޓަރުން އަދި މުއައްސަސާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާއިން އުންމީދުކުރާ ކަމަށް ވިނޭ ވިދާޅުވި އެވެ. އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަންގެ ފަރާތްޕުޅުން ނަސްޑެކްގެ ރަނގަބީލު ޖައްސަވައިދެއްވީ ސަފީރެވެ. މިނިސްޓަރު ސީތާރާމަން ނިއުޔޯކަށް ވަޑައިގެންނެވީ ނޯތު ކެރޮލައިނާގައި ބޭއްވި ޖީ-20 ގެ ފިނޭންސް މިނިސްޓަރުންގެ ބައްދަލުވުމަށްފަހު އެވެ.
ސްޓޮކް އެކްސްޗޭންޖް ހުޅުވުމުގެ ރަސްމިއްޔާތަކީ ހަމައެކަނި ބާޒާރުގެ އާދަކާދައެއް ނޫން ކަމަށާއި، އެއީ އާ އީޖާދުތަކަށާއި އިންޑިއާއާއި ނަސްޑެކްގެ ކުންފުނިތަކާ ދެމެދު އޮތް އިތުބާރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިނޭ ސިފަކުރެއްވި އެވެ.
އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި ވިނޭ ވިދާޅުވީ، އިންޑިއާ-އެމެރިކާގެ ގުޅުން ބަދަހިވަމުންދާކަން ހާމަކުރުމަށް ނަސްޑެކްގެ ރަނގަބީލު ޖައްސަވަން ލިބުމަކީ ލިބުނު އުފަލެއް ކަމަށެވެ.
އިންޑިއާގެ އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ބަދަލުތައް ހަލުވިވަމުންދާއިރު، ނަސްޑެކްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކަކީ އެ ގުޅުމުގެ މުހިންމު ބައިވެރިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ނިއުޔޯކްގައި ހުންނަވާ އިންޑިއާގެ އެކްޓިންގ ކޮންސުލް ޖެނެރަލް ވިޝާލް ހަރްޝް އާއި އެހެނިހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.




އިންޑިއާ އައުޓު ކީ މީހުން އައުޓް އިންޑިއަަ އިން … ހެހެހެ