
ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ ބައްދަލުވުމުގައި ވަޒީރު ޢަލީ ޝަރީފް ތަގުރީރު ކުރައްވައިފި
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތައް އޮޑިޓްކުރުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ވަޒީރު އަލީ ޝަރީފް މިއަދު ތަގުރީރު ކުރައްވައިފިއެވެ.
މޯލްޑިވްސް އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޔޫއެން ޑެސާ) ގުޅިގެން ބާއްވާ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކުދި ޖަޒީރާ ގައުމުތަކުގައި އެސްޑީޖީތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް އޮޑިޓް އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ގާބިލުކަން އިތުރުކުރުމެވެ.
މި ބައްދަލުވުމުގައި ދެއްވި ތަގުރީރުގައި ވަޒީރު އަލީ ޝަރީފް ވަނީ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަކިން ހާއްސަކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، އެކަންކަމަށް ބޭނުންވާ ”ކްލައިމެޓް ފައިނޭންސް“ ނުވަތަ މޫސުމީ އެހީ ހޯދުމުގައި ހުރި ދަތިތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވަޒީރުގެ ވާހަކަފުޅުގައި، ބައިނަލްއަގުވާމީ މާލީ ނިޒާމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާ އެއްގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.



