
އިންޑިއާއިން ނޭޕާލަށް 1.62 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ނޭޕާލާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި އެ ޤައުމަށް 1.62 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާއިން ނިންމައިފި އެވެ.
އިންޑިއާގެ ނުފޫޒު އޮންނަ ހިމަލަޔަން ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި ނޭޕާލަށް ދޭން ނިންމި މި އެހީއަކީ އިންޑިއާއިން މިހާތަނަށް ޤައުމަކަށް ދިނުމަށް އިޢުލާނުކުރި އެންމެ ބޮޑު އެއް އެހީގެ ޕެކޭޖެވެ.
މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި މިދިޔަ މާރިޗު މަހު ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހުގަ އެވެ.
މި އެހީ އިޢުލާނުކޮށްފައި މިވަނީ ހިމަލަޔަން ސަރަހައްދުގައި ދާދިފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ނޭޕާލުން 1,500 އެއްހައި މީހުން މަރުވެ 5,200 އަށްވުރެ ގިނަ މީހުން ގެއްލި މަގުތަކާއި ފާލަންތަކުގެ އިތުރުން އާންމުންގެ ގެދޮރާއި ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތާ ތިން މަސް ފަހުންނެވެ.
މަޝްވަރާތަކަށްފަހު މީޑިއާއާ ވާހަކަދައްކަމުން ބޮޑުވަޒީރު މޯދީ ބުނީ، މި އެހީގެ ބޭނުމަކީ ނޭޕާލް އަލުން އާރާސްތުކުރުމަށާއި ދިގު މުއްދަތުގެ ތަރައްގީއަށް އައު ދިރުމެއް ގެނައުން ކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނައުމަށާއި ކުރިމަގުގައި ދިމާވެދާނެ މިފަދަ ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ނޭޕާލްގައި އިތުރުކުރުމަށް އިންޑިއާއިން އެހީތެރިވާނެ ކަމަށެވެ.
ދެ ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން މި ޕެކޭޖުގެ ތެރޭގައި ހިމެނެނީ ކާރިސާއަށްފަހު ޤައުމު އާރާސްތުކުރުމަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ދޭ 377 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ހަކަތައިގެ މަޝްރޫއުތަކަށް ޚާއްސަކޮށްފައިވާ 1.24 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެވެ.
މި އެހީގެ ދަށުން ކުރިއަށްގެންދާނެ ވަކިވަކި މަޝްރޫއުތަކާއި އެހީ ފޯރުކޮށްދޭނެ އުސޫލުތައް ދެ ޤައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކަށްފަހު ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.



