ސްކައުޓް ހަރަކާތަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މިސާލެއް: ރައީސުލްޖުމްހޫރިއްޔާ

ސްކައުޓް ހަރަކާތަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ލާމަސީލު މިސާލެއްކަމުގައި ސިފަކުރައްވައި، ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި އުފާވެރި މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ، މުޖުތަމަޢު ބިނާކުރުމުގައި ސްކައުޓިންގ އަދާކުރަމުންދާ ދައުރަށް ތާރީފުކުރައްވާފައެވެ. އެގޮތުން، ސްކައުޓް ހަރަކާތުން ރަމްޒުކޮށްދެނީ، ނަފްސު އިޞްލާޙުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސްކައުޓް ހަރަކާތަކީ، ރާއްޖޭގައި ޖަޒީރާތަކުގެ ދުރުމިން ކައިރިކޮށް، ދިވެހި ޒުވާނުން އެއްބައިވަންތަކޮށް ގުޅުވައިދޭ ފާލަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ފަދައިން އިންސާނީ ޚިދުމަތްކުރުމަށް، ސްކައުޓް ހަރަކާތުން ދޭ އަހުމިއްޔަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސްކައުޓުންގެ ހިތްތަކުގައިވާ، އިންސާނިއްޔަތަށް އަދި ހިލޭ ސާބަހަށް ޚިދުމަތް ކުރުމާއި، ކަންކަމުގައި އިސްނެގުމާއި، ހުޝިޔާރުކަމާއި، ހިންގުންތެރިކަމުގެ ރޫޙަކީ މުޅި މުޖުތަމަޢަށް ދައްކައިދޭ ހަރުދަނާ ނަމޫނާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ޚުދު އެމަނިކުފާނުގެ ތަޢުލީމީ ޙަޔާތްޕުޅުގައި ސްކައުޓް ހަރަކާތުން ލިބިވަޑައިގެންނެވި ހުނަރާއި ތަޖުރިބާއިން، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޢިބުރަތްތަކަށްވެސް މި މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މި ޚާއްޞަ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށްގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ވޭތުވެ ދިޔަ 70 އަހަރު، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ސްކައުޓް އާއިލާއަށް އެމަނިކުފާނު ވަނީ ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.

މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ސްކައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ ކިޔަވާކުދިންނާއި ޒުވާނުންގެ މެދުގައި އަޚުވަންތަކަމުގެ ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޫޙު އިތުރަށް އުފެދިގެން ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކްސްގައިވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ‏ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ، ޤައުމު ފަޚުރުވެރިވާ ޚިދުމަތެއް ކަމަށާއި ސްކައުޓް ހަރަކާތަކީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެބޮޑު ވޮލަންޓްރީ ހަރަކާތް ކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ‏މި ހަރަކާތުން ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް އުނގަންނައިދީފައިވާކަމާއި ހަރުދަނާ ދަރިންތަކެއް ޤައުމަށް ބިނާކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެމަނިކުފާނުގެ މަދަރުސީ ޙަޔާތުގައި ކަބްސް ސްކައުޓް އަދި ސްކައުޓް ހަރަކާތުގެ މާޒީގެ ދެ ފޮޓޯފުޅެއް ހިއްސާކުރައްވާ އިންސްޓަގްރާމް ޗެލެންޖެއްވެސް ފައްޓަވާފައެވެ. އެގޮތުން އެމަނިކުފާނުގެ މި ފޮޓޯފުޅުތަކާއެކު “ލެޓްސް ސީ ދި ސްކައުޓް އިން ޔޫ” ގެ ނަމުގައި މި ފެއްޓެވި ޗެލެންޖުގެ ތެރެއިން އެމީހެއްގެ އަމިއްލަ އެކައުންޓުގައި ސްކައުޓް ހަރަކާތުގެ އެމީހެއްގެ މާޒީގެ ހަނދާން އައުކޮށް ފޮޓޯ ޕޯސްޓްކުރުމަށް އެމަނިކުފާނުގެ ޕޯސްޓުގައި އެދިވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.