ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖަރުމަނު ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުއެއްވަރުވެގެން ނިމިއްޖެއެވެ.
މިމެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
ޑޯޓްމަންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލްއިންނެވެ. ބޭލް ގެ އެހީތެރިކަމާއެކު މި ގޯލް މެޗުގެ 17 ވަނަ މިނެޓްގައި ރެއާލްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އެއް ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ނިންމާލުމާ ގާތަށް ރެއާލްއިން ދިޔަނަމަވެސް މެޗުގެ 43 ވަނަ މިނެޓްގައި ޑޯޓްމަންޑްގެ އިތުބާރު ފޯވާޑް، ޕިއެރޭ އެމެރިކް އޮބަމެޔަންގް ވަނީ ލަނޑެއްޖަހާ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޑެމްބެލޭ އަދި އޮބަމެޔަންގްއަށް ވަނީ، ޑޯޓްމަންޑަށް ލީޑުނަގައިދޭން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެގެން ގޮސްފައެވެ.
އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 68 ވަނަ މިނެޓްގައި، ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަފޭލް ވަރާން ރެއާލްއަށް، ދެވަނަ ފަހަރަށް ލީޑުނަގައިދިނުމެވެ.
ވަރާންގެ މި ގޯލަށްފަހު ޑޯޓްމަންޑްއިން ކުޅުން އިތުރަށް ރަނގަޅުކުރިއެވެ. އެގޮތުން އެޓީމުން ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 87 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންދްރޭ ޝާލާ ވަނީ ޑޯޓްމަންޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ރޭގެ މި ނަތީޖާއާއެކީ ގްރޫޕް އެފްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކީ އަދިވެސް އޮތީ ޑޯޓްމަންޑެވެ. މިއަދަދަށް ގްރޫޕްގެ ދެވަނައިގައި އޮތް ރެއާލްއަށް ވެސް ޕޮއިންޓް ލިބިފައިވާއިރު ޑޯޓްމަންޑަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ތިން ޕޮއިންޓާއެކީ ގްރޫޕް ތިންވަނައިގައި ސްޕޯޓިން ލިސްބަން އޮތްއިރު، ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ލެގިއާ ވާސޯއެވެ.
ގްރޫޕްގެ ތިންވަނަ މެޗުގައި ރެއާލް ދެން ނިކުންނާނީ ލެގިއާ ވާސޯއާ ދެކޮޅަށެވެ.