ޚަބަރު ފީތާ

ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (2)

 

ހީކުރާ ގޮތް ކަމުގެ ހަޤީޤަތް
ވެރިކަމަކީ ފާޑެއްގެ ކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް އެކަމެއް ނުވާނެއެވެ. ކޮންމެމީހަކަށްވެސް ވެރިކަން ކުރެވިދާނެއެވެ. ވެރިކަންކުރަން ނޭނގޭ މީހަކު އެކަން ކުރަން އުޅެފިނަމަ ފެއިލްވެ ބޭޒާރުވާލެއް ވަރަށް އަވަސްވާނެއެވެ.
ބައެއްޕާޓީ އަބަދުވެސް ރަނގަޅުވާނީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނާށެވެ. އަދި އަނެއްޕާޓީއެއް ރަނގަޅުވާނީ ވެރިކަން ކުރާށެވެ. އިދިކޮޅަށް އޮންނަޕާޓީ ހަރަކާތްތެރިނުވާންފެށުމުން ދެން ހީކުރެވެނީ އެޕާޓީ ރަނގަޅީ ވެރިކަން ކުރަން ކަމުގައެވެ. އަދި ކުރިން އިދިކޮޅުގައި އޮތްޕާޓީ އަބަދުވެސް ރަނގަޅުވާނީ އިދިކޮޅުޕާޓީ ގެ ގޮތުގައި އޮތުމެވެ. ހަޤީޤަތަކީ އިދިކޮޅަށް އޮންނަ ޕާޓީއަށް އިދިކޮޅަށް އޮންނަން ނޭގެންޏާ ވެރިކަން ކުރާކަށްވެސް ނޭނގޭނެއެވެ.
ޑިމޮކްރަސީ އަކީ ވަރަށް ފަހުން ތަޢާރަފްވެގެން އުޅޭ ނިޒާމެކެވެ. ޑީމޮކްރަސީ އަކީ އީސާގެފާނަށްވުރެ 500 އަހަރު ކުރިން އުފެދިގެން އައި ވެރިކަމުގެ ނިޒާމެކެވެ.
ހުރިހާ ޤާނޫނެއް އޮންނަންވާނީ ލިޔެވިފައެވެ. ދުނިޔޭގައި ނުލިޔެވޭ ޤާނޫނުތަކަކީ މާގިނަ އެއްޗެކެވެ.
ކައުންސިލަރަކު ޕާޓީ ޓިކެޓެއްގައި ހޮވުމަށްފަހު އޭނާ ޕާޓީ ބަދަލުކޮށްގެންނުވާނެއެވެ. ކައުންސިލަރު ހޮވަން ވޯޓުދިންމީހުން ހަރަކާތްތެރިވެ ތާޢީދު ކުރާ ޕާޓީ ބަދަލުކޮށްފިނަމަ ކައުންސިލަރު އެކަނި އެއްޕާޓީގައި ހުންނަންޖެހިދާނެއެވެ. އެހެންވީއިރު  ކައުންސިލަރަށްވެސް ޕާޓީ ބަދަލުވުމުގެ ފުރުޞަތު އޮންނަންވާނެއެވެ.
ކައުންސިލަރަށް ލިޔަންކިޔަން ނޭނގުނަސް އޭނާ ޕާޓީ ޓިކެޓެއްގައި އައިސްފިނަމަ ހޮވަންވާނެއެވެ. ލިޔަންކިޔަން ނޭނގޭ ނުވަތަ ކަމަށް ޤާބިލްނޫން ކައުންސިލަރުން ހޮވުމަކީ ޕާޓީއަށް ދެވޭ އަނިޔާއެކެވެ. ޕާޓީގެ ހައިބަތު ގެއްލިދާ ކަމެކެވެ.
Rate this post