ރީލޯޑާއި ރާސްޓަސް ކުރުމުގައި މިހާރު ދިމާވާ ވަކިލާރީގެ މައްސަލައަށް ޙައްލެއް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނީ އަންނަ އޮންޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރާ ރީލޯޑް ނުވަތަ ރާސްޓަސްގެ ޢަދަދު އެކައުންޓަށް ކްރެޑިޓްވާނީ ޖީ.އެސް.ޓީ އަށްވާ ޢދަދު އުނިކުރުމަށްފަހު ބާކީ ޢަދަދު ކަމަށެވެ.
މި ބަދަލު ގެނައުމުގެ ކުރިން ރީލޯޑާއި ރާސްޓަސް އިން ޖީ.އެސް.ޓީ ނަގަމުން ދިޔައީ ރީލޯޑް ނުވަތަ ރާސްޓަސްކުރާ ޢަދަދުގެ މައްޗަށް ޖީ.އެސް.ޓީގެ ޢަދަދު ވަކިން ނެގިގެންނެވެ. އެހެންނަމަވެސް މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުން އިތުރަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދު ދެއްކުމުގެ ބަދަލުގައި ދެން އެކައުންޓަށް ކްރެޑިޓް ވާނީ އެ ފަރާތުން ދެއްކި ޢަދަދުން ޖީ.އެސް.ޓީގެ ޢަދަދު އުނިކުރުމަށްފަހު ބާކީ ޢަދަދެވެ.
މި ބަދަލާ ގުޅިގެން ދިރާގު އަދި އުރީދޫގެ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ދިމާވަމުންދިޔަ ވަކިލާރީގެ މައްސަލައަށް ހައްލެއް ލިބި، ޕްރީ-ޕެއިޑް ކަސްޓަމަރުންނަށް ރީޗާރޖުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި މީރާއިން ހާމަކުރެއެވެ.
އަދި މި ކަމާގުޅިގެން ޢާންމުންނާއި ވިޔަފާރިކުރައްވާ ފަރާތްތައް ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރޭވިފައިވާކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.
މުވާސަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގަން ފެށީ ޖީ.އެސް.ޓީ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން، 1 މޭ 2014 އިން ފެށިގެންނެވެ.