
ޕީޕީއެމްގެ ޕްރައިމަރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ..
ޕީޕީއެމްގެ ފަރާތުން އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް އެޕާޓީން ފަށައފި އެވެ.
ޕީޕީއެމްގެ ފަރާތުން އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ހަމޖައްސާ އެ މަސައްކަތް ފަށާފައި މިވަނީ ރޭ އެޕާޓީން ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.
ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމް އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޕޮއިންޓް ދޭ ކްރައިޓީރިއާއެއް ގާއިމް ކުރަން ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އަދި 75 އިންސައްތައިން މަތި ލިބޭ ކެނޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށާއި އެކަން އެގޮތައް ނިންމާފައިވަނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ކަންކުރާ އުސޫލުން ޕޮއިންޓް އުސޫލުން ކެނޑިޑޭޓުން ފުރޭނޭނެ ގޮތެއް ހެދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި މިގޮތަށް ޕޮއިންޓް ދެވިގެންދާއިރު ދޭނީ ޕާޓީގެ އާންމު މެންބަރުންވެސް ގަބޫލުކުރާ އަދި ރާއްޖޭގައ އާންމުކޮށް ގެންގުޅޭ ހަމަތައްވެސް ގަބޫލުކުރާ އުސޫލުތަކެއްގެ ދަށުންކަމަށް ހަލީލް ވިދާޅުވިއެވެ.
މިގޮތައް ކަންތައް ކޮށްފިނަމަ ރަނގަޅާއި ނުބައި ދެއްކޭނެ ކަމަށާއި އަދި ރަނގަޅު ފަރާތްތަށް ހޮވުމުގެ ފުުރުސަތުވެސް ވަރަށް ބޮޑުވެގެން ދާނެކަމަށެވެ.
ހަލީލް ވިދާޅުވީ މި ކްރައިޓީރިއާގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެހެން ނަމަވެސް އަދި ނިމުމަކަށް ނާންނަކަމަށެވެ. އެހެންނަމަވެސް ސިޔާސީ ދާއިރާގައި އެ ކެނޑިޑޭޓަކަށް ލިބިފައި ހުރި ތަޖުރިބާގެ އިތުރުން ޕާޓީއަށް އެ ކެނޑިޑޭޓެއްގެ ފަރާތުން ލިބިފައި ހުރި ހިދުމަތްތަކަށް ބަލާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަލީ އާރިފް ވާހަކަދައްކަވަމުން ވިދާޅުވީ ޕްރައިމަރީއިން ނުހޮވުމުން އެހެން ޕާޓީއެއް ނުވަތަ އަމިއްލަ ގޮތުން އިންތިހާބުގައި އެ ކެނޑިޑޭޓުން ވާދަކުރުން ވެސް އެއީ ބޮޑު މަސަލައެއް ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާކަމަށެވެ.
އާރިފް ވިދާޅުވީ އެގޮތުން މިކަމަށް ހައްލެއް ގެނައުމަށް ގާނޫނަށް ބަދަލުތަކެއް ގެނައުމަކީވެސް އެކަށީގެންވާ ކަމަށާއި ނަމަވެސް ގާނޫނަށް ބަދަލު ގެންނާނީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
އާރިފް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ހުރިހާ ޕާޓީއަކަށްވެސް މި މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމް، އެމްޑީޕީ، ޖޭޕީ،ފަދަ ޕާޓީތައް އޭނާ ފާހަގަ ކުރިއެވެ.
ޕީޕީއެމްއިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދަތުރުކޮމެޓީއެއްވެސް އެކުލަވާލަން ވަނީ ނިންމާފަ އެވެ.
ހަލީލް ވިދާޅުވީ ޕާޓީގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި އެކަންވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން ކެނޑިޑޭޓުންނަށް ދާއިރާތަކުގެ ދަފްތަރު ހަވާލުކުރެވޭނެ ކަމަށް ލަފާކުރާ ކަމަށެވެ. .
އެގޮތުން މި ދަފްތަރަކީ 90 ޕަސަންޓު އެކިއުރޭޓް ދަފްތަރަކަށް ވާނެކަމަށްވެސް ހަލީލް ވަނީ ވިދާޅުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.



