ޕޮޑްކާސްޓް: ޤުރުއާނާއި ސުންނަތުގެ އަލީގައި ޑިމޮކްރެސީ އަދި ވޯޓުލުން
މިއީ ޤުރުއާނާއި ސުންނަތުގެ އަލީގައި ޑިމޮކްރެސީ އަދި ވޯޓުލުމުގެ ޙުކުމާއި މެދު އައްޝެއިޚް ޙުސައިން އިބްރާހީމާއި، އައްޝެއިޚް މުޙައްމަދު ޣާލިބް ވާހަކަދައްކަވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދެ ޝެއިޚުން ވަނީ އިސްލާމްދީނާއި ޑިމޮކްރަސީގައި ހުރި ފުށު އެރުންތަކާއި މެދު އަލި އަޅުވާލައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި މިހާރު މި އޮތް ޙާލަތުގައި ވޯޓުލުމަކީ ޝިރުކަކަށް، ނުވަތަ ކުފުރަކަށް ނުވަތަ ޙަރާމް ކަމަކަށް ވާނެތޯއާއި މެދު ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވައި ޖަވާބު ދެއްވާފައި ވެއެވެ.
މި ޕްރޮގްރާމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ، ޑިމޮކްރެސީގެ ނިޒާމުގެ ތެރެއިން ވޯޓުލުން ޙަރާމްވާނެ ކަމަށް، ނުވަތަ އެއީ ޝިރުކެއް ނުވަތަ ކުފުރެއް ކަމަށް، ދީނީ ނަޒަރަކުން، ދީނީ އެކި ޚިޔާލުގެ ފަރާތްތަކުން ވާހަކަދައްކަވައި، ލިިޔުންތައް ޢާއްމުކުރައްވާފައިވާ ކަންކަމާއި މެދުއެވެ. މިގޮތުން ދީނަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަކުގައި އެފަދަ ލިޔުންތަކާއި، ވާހަކަތަކުގެ ސަބަބުން އުފެދިފައިވާ ނުވަތަ އުފެދިދާނެ ސުވާލުތަކުގެ ޖަވާބާއި، އެފަދަ ވާހަކަ ތަކުގައި ހުރި ކަންކަމުގެ ޙަަޤީޤަތާއި މެދު ޤުރުއާނާއި ސުންނަތުގެ އަލީގައި ދެޝެއިޚުން ވާހަކަދައްކަވާފައި ވެއެވެ.
ޚުލާސާކޮށް ބަލައިލާނަމަ، ޑިމޮކްރެސީ އަކީ އިސްލާމްދީނާއި ފުށުއަރާ ކުފުރުގެ ނިޒާމެއް ނަމަވެސް، ވޯޓު ލުމަކީ އޭގެ ޒާތުގައި ކުފުރެއް ނުވަތަ ޝިރުކެއް ކަމަށް، ޤުރުއާނާއި ސުންނަތުގެ އަލީގައި ބަލާއިރު ވެގެން ނުދާކަމުގައި ޝެއިޚުން ވަނީ ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އަދި ރާއްޖޭގައި މި އޮތް ޙާލަތުގައި ދީނަށް ވެދާނެ ގެއްލުން ކުޑަވާނެ ގޮތަކަށް ވޯޓުލާން ޖެހޭކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ސުންނަތުގެ އެކި ޙާދިޘާތަކުން މިސާލާއި ދަލީލު ދައްކަވައި، މިމަޢުލޫއާއި މެދު ވަރަށް ތަފްސީލުކޮށް ދެޝެއިޚުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.