
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކޫއްޑޫއިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. ކޫއްޑޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި، ކޯޓު އަމުރުގެ ދަށުން އެމްޑީ ހާރިސް މިއަރ، ބަންގްލަދޭޝް (37) ހައްޔަރުކޮށް، ކޫއްޑޫގައި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 66 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



