އިންތިހާބު ކާމިޔާބު ކުރާނީ 56 ޕަސަންޓުން: ފައްޔާޒު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނީ 56 ޕަސަންޓް ވޯޓާ އެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އިތުރުވާ ކޮންމެ ދުވަހަކީ އެ 65 ޕަސަންޓު އިތުރުވާނެ ދުވަހެއް ކަމަށާއި އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އިންތިހާބު މިހާރު ނިމިއްޖެ ކަމަށާއި ވޯޓުލާން ހައްގުވާ މީހުންގެ ފަސް ޕަސަންޓް ޖަލްސާއަށް ވެސް އައިސްފައިވާ ކަމަށެވެ. އަދި ފެންނަމުންދާ މަންޒަރަކީ ބޮޑުތަނުން ވާދަވެރިން ދަށްވެގެންދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އަފްޣާނިސްތާނުގައި ހިނގާ ކަންކަން ރާއްޖެއިން ފެންނަ ބޭނުންނުވާ ކަމަށާއި އެކަމާ ޒުވާނުންނާއި އަންހެނުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެއީ ބިރުވެރިކަން އޮތީމަ ދައްކަވާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ.