
ބޯ ވިއްސާރައިގައިވެސް އަލިފުށީ ރައްޔިތުން މުޢިއްޒުއަށް މަރުހަބާ ކިޔުމުގައި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުޢިއްޒުއަށް ބޯ ވިއްސާރާގައިވެސް އަލިފުށިން ކީ ހޫނު މަރުޙަބާއެކެވެ.
ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ޑރ.މުޢިއްޒު އަލިފުއްޓަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެވަގުތު ބޯކޮން ވާރޭ ވެހެމުން ދިޔަނަމަވެސް ރައްޔިތުން ދިޔައީ މަލުގެ ހާރުތަކާ އަތްތިލަބަޑި ޖެހުމާއެކު ޑރ.މުޢިއްޒުއަށް މަރުހަބާ ކިޔަމުންނެވެ. އަދި އެއްއަޑަކުން ރައްޔިތުން ގޮވަމުންދިޔާ އެއްބުރުން މުޢިއްޒު ހޮވާނެ ކަމަށެވެ.
ބޯ ވިއްސާރައިގައި އެހާ ގިނަ އަދަދެއްގެ ރައްޔިތުން ނިކުތުމުން ހައިރާކަން ލިބިވަޑައިގެން އެކަމަށް ޑރ.މުޢިއްޒު ވަނީ ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
ރ އަތޮޅުގެ ބޮޑު ޖަލްސާ މިރޭ ދުވާފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ރ އަތޮޅަށް ޑރ.މުޢިއްޒުގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންތައްތަކާއި، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ތަރައްޤީގެ މުހިންމު މަސައްކަތްތައް އިޢުލާނު ކުރައްވާނެއެވެ.