ޢުމުރުން ދުވަސްވީ މީހުނަށް އިޙްތިރާމް ކުރުން

އިންސާނާ ދުނިޔެއަށް އަންނަނީ އާރެއްބާރެއްނެތް އަނެކުންގެ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާޙާލު ނިކަމެތި ކަމާއެކުގައެވެ. ނަމަވެސް އޭނާގެ ޒުވާންދުވަސްތައް އައުމުން ގިނަ އިންސާނުން ހީކުރަނީ އޭނާގެ ޒުވާންކަމުގެ އާރާއި، ބާރާއެކު އޭނާއަށް ތާއަބަދު އުޅެވިދާނެކަމަށެވެ. އެހީކުރުން ނިމި ޚިޔާލީދުނިޔެއިން އޭނާއަށް ހޭލެވެނީ ޢުމުރުން ދުވަސްވެ ގައި ބާރު ދެރަވެ ބަލިކަށިވުމުންނެވެ. މިކަން ސިފަކުރައްވައި ކީރިތި ﷲ  وحي ކުރައްވާފައިވަނީ  اللَّـهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚيَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴿٥٤﴾ الروم 54 މާނައީ : ” ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާންގެއީ ﷲ އެވެ. ދެންބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބަލިކަށިކަމަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާންގެއެވެ. އެކަލާންގެ އިރާދަކުރައްވާއެއްޗެއް އެކަލާންގެ ހައްދަވަތެވެ. އަދި އެކަލާންގެއީ، މޮޅަށް ދެނިވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާންގެއެވެ”.

ޢުމުރުން ދުވަސްވުމަކީ ތިމާގެ ގައި ބާރުދެރަވެ އެހެންމީހުންގެ އެހީއާ އޯގާތެރިކަމަށް އިންތިހާއަށް ބޭނުންވާކަމެކެވެ. އެހެންވެ ދުވަސްވީ މީހުނަށް އިޙްތިރާމްކޮށް ކަމޭހިތުމަށް އިސްލާމްދީން ވަނީ ވަރަށް މަތީދަރަޖައަކަށް ބާރުއަޅުއްވާފައެވެ. ޢުމުރުން ދުވަސްވީ ކޮންމެ މީހަކަށްމެ ކަމޭހިތައި އިޙްތިރާމު އަދާކުރުމަކީ އިސްލާމްދީން ނުހަނު ބާރުއަޅާކަމަކެވެ. މިކަން ބަޔާންކުރައްވައި ކީރިތި رسول الله صلى الله عليه وسلم حديث ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. “އަހަރެމެންގެ ކުޑަ ކުދިންނަށް އޯގާވެރިނުވާ އަދި ބޮޑެތި މީހުންގެ ޙައްޤު ނުދަންނަ މީހަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”

އިޝްތިހާރު Below Header ad

އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމަކީ އިސްލާމީ ރިވެތި އަދަބެކެވެ. ތިމާގެ އަޚާޔަކީ ކިތަންމެ ޟަޢީފު އަދި ނިކަމެތި މީހެއްކަމުގައި ވިޔަސް، އޭނާޔަކީ ކޮންމެ ސިފަޔަކަށް ހުރި މީހެއްކަމުގައި ވިޔަސް، އޭނާއަށް ޙައްޤުވާ އިޙްތިރާމު އޭނާއަށް އަދާކުރުމީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނިގެންވާކަމެކެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމު ކުރަންވީ އެ މީހުންގެ ރީތިކަމަކުން ނޫނެވެ. ނުވަތަ އެ މީހުންގެ ފުށުން ލިބިދާނެ ފައިދާއަކަށް ބަލައިގެންނެއް ވެސް ނޫނެވެ. އަދިކިޔެއްތަ އެމީހުން މަތީމަޤާމެއްގައި ތިބުމަކުން ނުމެނޫންމެއެވެ. އެކަމަކު އެއީ އަޚްލާޤީ އަދި ދީނީ ވާޖިބަކަށްވާތީއެވެ. ކީރިތި رسول الله صلى الله عليه وسلم ވަނީ ޢުމުރުން ދުވަސްވީ މީހުނަށް އިޙްތިރާމް ކުރުމުގައިވެސް ނަމޫނާ ދައްކަވާފައެވެ.

މުސްނަދު އައްޞަޙީޙުގައި އައިސްފައިވާ ބަސްފުޅެއްގެ މާނައިގާވެއެވެ. އަހަރެމެން މިސްކިތުގައި ނަމާދަށް ގޮސް ތިބޭ އިރު ކީރިތި ރަސޫލާ އަހަރެމެންގެ ކޮނޑުގައި އަތްޕުޅު ބީއްސަވައި ޙަދީސްކުރައްވާ ކަމުގައިވެ އެވެ.

“ތިޔަބައިމީހުންގެ ސަފުތައް ސީދާ ކުރާށެވެ. އަދި ތަފާތުކޮށް އެކި ވަރަށް ނުތިބޭށެވެ. އެއިރުން ތިޔަބައިމީހުންގެ ހިތްތައް ބައިބައި ވެދާނެ އެވެ. ފަހެ ތިޔަބައިމީހުން ކުރެ ހޭޖެހޭ ބޮޑެތި މީހުން ތިމަން ކަލޭގެފާނާ ޖެހިގެން ތިބޭށެވެ. ދެން އެއާ ޖެހިގެން ތިބި މީހުންނެވެ. ދެން އެއާ ޖެހިގެން ތިބި މީހުންނެވެ”

ވުމާއެކު ދުވަސްވީ މީހުނަށް އިސްލާމްދީ ދީފައިވާ މަތިވެރި މަޤާމު ވަރަށް ރަނގަޅަށް ހާމަވެއެވެ. އެކަލޭގެފާނާ އެންމެ އަރިހުގައި ތިބުމަށް ޢަމުރުކުރަށްވާފައި އެވަނީ ހޭޖެހޭ ބޮޑެތިމީހުންނެވެ. އެމީހުންގެ ޙައްޤު މަޤާމް އެކަލޭގެފާނު އެވަނީ ބަޔާންކޮށްދެއްވާފައެވެ.

ﷲ ރުއްސުންލެއްވި އަބޫ އުމާމާ ގެ އަރިހުން ރިވާވެގެންވެ އެވެ. رسول الله صلى الله عليه وسلم حديث ކުރެއްވި އެވެ. މުނާފިޤަކު ފިޔަވައި އެހެން މީހަކު ނިކަމެތިކޮށް ނުހިތާނެ ތިން މީހަކުވެ އެވެ. އެއީ އިސްލާމްވެ އިސްލާމްކަންމަތީ މުސްކުޅިވެފައިވާ މީހާ އާއި ޢިލްމުވެރިޔާ އާއި ޢަދުލުވެރި އިމާމެވެ.

އިޙްތިރާމު ކުރަންޖެހޭ ތިންމީހުން ބަޔާންކުރެއްވި އިރު ދުވަސްވީ މީހާއާއެކު ބަޔާންކުރައްވާފައިވާ އަނެއްދެމީހުންނަކީ ޢިލްމުވެރިޔާއާއި، ޢަދުލުވެރި އިމާމް ކަމުގައިވުމުން އިސްލާމްދީނުގައި ޢުމުރުން ދުވަސްވީ މީހުނަށް ދެއްވާފައިވާ މަޤާމަކީ ޢިލްމުވެރިންނާއި، ޢަދުވެރި އިމާމުންނަށް ދެއްވާފައިވާ މަތިވެރި މަޤާމުކަން ވަރަށް ރަންގަޅަށް ހާމަވެގެން ދެއެވެ.

ޢުމުރުން ދުވަސްމީހުންދެކެ ލަތުވެތިވުމީވެސް އެމީހުނަށް އިޙްތިރާމް ކުރުމުގެތެރެއިން ހިމެނިގެންވާކަމެކެވެ. މިކަމުގައި رسول الله صلى الله عليه وسلمر މަތިވެރި ޞަޙާބީންވަނީ އަޅުގަނޑުމެންނަށް ރިވެތި ނަމޫނާ ދައްކަވާފައެވެ.

ކީރިތި ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި عبد الله بن عمرގެ އަރިހުން ރިވާވެގެންވެ އެވެ. ކީރިތި رسول الله صلى الله عليه وسلم އެއްދުވަހަކު ސުވާލުކުރެއްވި އެވެ. މުސްލިމަކާ އެއްފަދަ ގަހަކީ ކޮބައިތޯ އެވެ؟ ﷲގެ އިޒުނަފުޅަށް އެ ގަހުގެ ކާނާ އަބަދުމެ ލިބިލިބި ހުރެ އެވެ. އަހަރެން ހިތަށް އެރި އެވެ. އެވާނީ ކަދުރު ރުކަށެވެ. އެކަމަކު އަހަރެން އެ ވާހަކަ ދަންނަވަން ފަސްޖެހުނީމެވެ. އެ ތަނުގައި އަބޫބަކުރު ގެފާނާއި ޢުމަރުގެފާނު ތިއްބެވީތީ އެވެ. ފަހެ އެ ދެ ބޭކަލުން އެއްޗެއް ވިދާޅުނުވުމުން رسول الله صلى الله عليه وسلم حديث ކުރެއްވި އެވެ. އެއީ ކަދުރު ރުކެވެ. ދެން އަހުރެން ބައްޕައާ އެކު އެ ތަނުން ނުކުމެ ދެންނެވީމެވެ. އޭ ބައްޕާ އެވެ! އެއީ ކަދުރު ރުކޭ އަހަރެންގެ ހިތަށް އެރި އެވެ. ބައްޕަ ވިދާޅުވި އެވެ. ދެން އެ ވާހަކަ ނުދެންނެވީ ކީއްވެގެން ހެއްޔެވެ؟ (ދަރިފުޅު) އޭގެ ޖަވާބު ދިން ނަމަ ބައްޕަ ކިހާ އުފާވީސް ހެއްޔެވެ. ދެން عبد الله بن عمر ދެންނެވި އެވެ. ބައްޕަ ނުވަތަ އަބޫބަކުރުގެފާނު އެއްޗެއް ވިދާޅުނުވުމުން އަޅުގަނޑަށް ޖަވާބުދޭން ނުކެރުނީ އެވެ .

މިހިރީ އެބޭކަލުން ޢުމުރުން ދުވަސްވީ މީހުނަށް އިޙްތިރާމްކުރެއްވި މިންވަރެވެ. ހެޔޮބަހެއް ވިދާޅުވުމަށްވެސް އެބޭކަލުންނަށްވުރެ ޢުމުރުފުޅުން ދުވަސްވީ ބޭކަލުންގެ މައްޗަށް އިސްވެ ވަޑައިގަތުމަށް ލަދުފުޅުގެން ފަސްޖެހި ވަޑައިގެންނެވީއެވެ. ނަމަވެސް މިއަދު އަހުރެމެންގެ ތެރެއިން ގިނަ މީހުންގެ ޙާލަކީ ބޮލަށް ކަނދުރާއަށް ބެލުމެއްނެތި ތިމާހިތަށް އައިހާއެއްޗެއް ބުނުމެވެ. އެއީ ކޮންމެފަދައެއްޗެއް ބުނުން ކަމުގައިވިޔަސްހެވެވެ. އަނެކާއަށް އިޙްތިރާމްކުރުމުގެ ގޮތުން ހަނުހުރުމީ މުޅިންހެން ނެތްކަމަކަށް މިއަދު މިވަނީ ވެފައެވެ.

ކީރިތި رسول الله صلى الله عليه وسلم މަތިވެރި ޞަޙާބީން ހަމައެކަނި އިޙްތިރާމް ކުރެއްވީ މުސްލިމުންނަކަށް ނޫނެނެވެ. އަދި ކިޔެއްތަ ޢުމުރުން ދުވަސްވީ ޣައިރު މުސްލިމުންނަށް ވެސް އެބޭކަލުން އިޙްތިރާމުކުރެއްވިއެވެ.

ރިވާވެގެންވާ ގޮތުގައި އެއްފަހަރަކު ޢުމަރުގެފާނަށް ގެއެއްގެ ދޮރުމަތިން ސަލާންޖަހާ މުސްކުޅިޔަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ޢުމުރުން ދުވަސްވީ ލޯފަން މީހެކެވެ. ދެން އޭނާގެ ފަހަތުން ވަޑައިގެން ކޮނޑުގައި ޖައްސަވާލައްވާފައި އެއްސެވި އެވެ. ތިޔައީ އަހުލުކިތާބީން ކުރެ ކޮން ދީނެއްގެ މީހަކީމު ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޔަހޫދީއަކީމު އެވެ. ދެން އެއްސެވި އެވެ. ތިޔަ އުޅެނީ ކޮން ކަމެއް ޖެހިގެން ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޖިޒީ ނުދެއްކިގެންނެވެ. ފަގީރު ޙާޖަތްތެރިއަކީމެވެ. ޢުމުރުން ދުވަސްވީ މީހަކީމެވެ. ދެން އޭނާގެ އަތުގައި ހިއްޕަވައިގެން ޢުމަރުގެފާނުގެ ގެއަށް ވަޑައިގެން އޭނާއަށް ކޮންމެވެސް މިންވަރެއް ދެއްވި އެވެ. ދެން ބައިތުލްމާލުގެ ޚަޒާންދާރު ގާތަށް އޭނާ ފޮނުއްވި އެވެ. އަދި އެންގެވި އެވެ. މީނާގެ ޖިޒީ ކަނޑަލާށެވެ. އަހަރެމެން މީނާގެ ޅަ ޢުމުރުގައި މީނާގެ އަތުން ޖިޒީ ނަގައި، މުސްކުޅިވެ ލޯބޯކޮށިވީމައި ނިކަމެތިކޮށްލަންވީ ހެއްޔެވެ؟ އެއީ އިންސާފެއް ނޫނެވެ. ދެން [إنما الصدقات للفقراء والمساكين..] މި އާޔަތް ވިދާޅުވި އެވެ. މި އާޔަތުގައި ވަނީ “ޞަދަޤާތުގެ މުދަލުން ފަޤީރުންނާއި މިސްކީނުންނަށް ބައިއަޅަން ޖެހޭނެ ވާހަކަ އެވެ.” މި އާޔަތް ވިދާޅުވެ މީނާ އަކީ އަހުލުކިތާބީން ކުރެ މިސްކީނެކޭ ވިދާޅުވެ އޭނާގެ ހުރިހާ ޖިޒީ އަކާއި ޓެކުހެއް ކަނޑުއްވައިލެއްވި އެވެ”.

ކޮންފަދަ އޯގާތެރިކަމެއްތޯއެވެ. ކޮންފަދަ ކަމޭހިއްތެވުމެއް ތޯއެވެ. އަޅުގަނޑުމުންގެ ތެރެއިން ދުވަސްވީ މީހުނަށް މިއަދު ސަރުކާރުން މަހުންމަހަށް މާލީއިނާޔަތް ދޭކަމީ އުފާކުރަންޖެހޭކަމެކެވެ. އަދި ޚިދުމަތް ހޯދުމުގައި ކިޔޫގައި ނުޖެހި ސަރުކާރުގެ މުއައްސަސާތަކުން އެފަރާތްތަކަށް ޚިދުމަތްދިނުމީވެސް ވަރަށް އުފާވާކަމެކެވެ. ނަމަވެސް މީގެ އިތުރުން ދުވަސްވީ މީހުނަށް އޯގާތެރެވެ، އެމީހުނާ ރީތި ބަހުން މުޢާމަލާތްކޮށް އެމީހުނަށް އަދަބު އިޙްތިރާމް ކުރުމީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަންޖެހޭ މަތިވެރި އާދައެކެވެ.

ދުވަސްވީ މީހުންނަކީ އެމީހުންގެ އާރާއި ބާރު އަޅުގަނޑުމެންގެ އުފަލާ ހިތްހަމަޖެހުމަށްޓަކައި ހޭދަކޮށްލިމީހުންނެވެ. އެމީހުންގެ ދަލާއި ލޭ އަޅުގަނޑުމެންގެ ޙައްޤުޤައި ފަސްޖެހުމެއްނެތި އޮހޮރުވާލި އިސް މުވާޠިނުންނެވެ. ވުމާއެކު އެމީހުނަށް އިޙްތިރާމް އަދާކުރުމީ ދީނީ، ދުނިޔެވީ، އަދި އަޚުލާޤީ ވާޖިބެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.