ނިޒާމު ބަދަލުކުރަން ވޯޓަކަށް އަހާނަން: އިލްޔާސް
ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ރޭ ވިދާޅުވެއްޖެ އެވެ.
އައްޑު އަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން އިލްޔާސް ނޫސްވެރިންނަށް ވިދާޅުވީ ރާއްޖޭގެ ނިޒާމު މިހާރު އޮތް ގޮތާ މެދު ރައްޔިތުންގެ މެދުގައި އެކި ގޮތް ގޮތުން ބަހުސްކުރެވެމުންދެ އެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ނިޒާމު ކަނޑައެޅުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީން އޭނާ ދެއްވި އެވެ.
”ޑިމޮކްރެޓުންގެ ސަރުކާރެއްގައި އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް އެ ފުރުސަތު ހުޅުވައިދޭނަން، އެ ބޭފުޅުން ބޭނުންވަނީ ކިހިނެއްތޯ ދެނެގަތުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް. އެ ޖާގަ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނަން،“ އިލްޔާސް ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.