ސޫރަތުލް މުޠައްފިފީން 1

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.

(وَيْلٌ لِّلْمُطَفِّفِينَ ﴿١﴾)

(وَيْلٌ ) މިއީ ކީރިތި ގުރްއާނުގައި ވަރަށް ގިނައިން ތަކްރާރުވެފައިވާ ކަލިމަ އެކެވެ. މި ކަލިމަ އަކީ ﷲ ގެ އަމުރުފުޅުތަކާއި ޚިލާފުވެ، އެކަލާންގެ ނަހީކުރެއްވި ކަންތައްތަކަށް އަރައިގަންނަ މީހުންނަށް އޮތް ވަޢީދުގެ ބަސްފުޅެކެވެ. މި ލަފްޡުގެ މާނައަކީ “ހަލާކު ހުއްޓެވެ” މިއެވެ.

އިޝްތިހާރު Below Header ad

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި “ވައިލް” އަކީ ނަރަކައިގެ ވާދީ އަކަށް ކިޔޭ ނަމެކެވެ.

(لِّلْمُطَفِّفِينَ ) މިއީ “މުޠައްފިފް” ގެ ޖަމްޢު އެވެ. “މުޠައްފިފް” އަކީ މިނެކިރުމުގައި މަކަރު ހަދާ އުޅޭ މީހާ އެވެ.

(الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ ﴿٢﴾ ) އެބައިމީހުން މީސްތަކުންގެ އަތުން އެއްޗެއް މިނެ ކިރައިގެން ގަންނަ ކަމަށް ވަނީނަމަ، އެބައިމީހުންގެ ޙައްގުތައް ފުރިހަމަ އަށް ހޯދައެވެ.

(وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ﴿٣﴾ ) އެބައިމީހުން މީސްތަކުންނަށް މިނެކިރައިގެން އެއްޗެއް ވިއްކާ ހަދާނަމަ، މިނެކިރުމުގައި މަކަރު ހަދާ އޮޅުވާލައެވެ.

(يُخْسِرُونَ ) އެބައިމީހުންގެ ޙައްގުތައް ފުރިހަމަ އަށް ހޯދާފައި އެހެން މީސްތަކުންގެ ޙައްގުތަކަށް މަކަރު ހަދާ އޮޅުވާލާ އުނިކޮށް ހަދައެވެ.

މިބައިމީހުންގެ ކިބައިގާ މިވަނީ ދެކަމެއް އެއްވެފައެވެ. އެއީ ޝުއްޙާއި ބުޚްލެވެ.

ޝުއްޙަކީ އެއްވެސް ކަމަކަށް ރިޢާޔަތްނުކޮށް އެބައިމީހުންގެ ޙައްގުތައް ހޯދުމަށް މަސައްކަތް ކުރުމެވެ.

ބުޚްލަކީ އެހެންމީހުންގެ ޙައްގުތައް ދިނުމުގައި ދަހިވެތިވުމެވެ.

މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިޘާލު ޖައްސަވާފައިވަނީ މިނެކިރުމުގެ ކަންތަކުން ކަމަށްވީނަމަވެސް، އެހެން ހުރިހާ ކަމެއްގައިވެސް މިކަން ވަންނާނެއެވެ. އެމީހެއްގެ މައްޗަށް އަނެކާގެ ކިބައިގާވާ ޙައްގުތައް ފުރިހަމަ އަށް ހޯދަން މަސައްކަތް ކޮށްފައި، ތިމާގެ ކިބައިގާވާ އެހެން މީހުންގެ ޙައްގުތައް ފޯރުކޮށްދިނުމުގައި ދަހިވެތިވާ މީހުން މިއާޔަތުގައި މިވާ ވަޢީދުގެ ތެރެއަށް ވަންނާނެއެވެ.  މިޘާލަކަށް: ފިރިޔަކު އަނބިމީހާގެ ކިބައިން އޭނާ އަށް ލިބެންވާ ޙައްގުތައް ފުރިހަމަ އަށް ހޯދުމަށް މަސައްކަތްކޮށްފައި، އޭނާގެ ފަރާތުން އަނބިމީހާ އަށް ދޭންޖެހޭ ޙައްގުތައް ފުރިހަމަ އަށް އަދާކޮށް ނުދޭނަމަ މިއާޔަތުގައި މިވާ ވަޢީދުގެ ތެރެއަށް އެމީހަކު ވަންނާނެއެވެ. މިއަދުގެ މުޖްތަމަޢުގައި މިބާވަތުގެ މީހުން ވަރަށް ވެސް ގިނަވެއްޖެއެވެ. ވަރަށް ގިނަ އަންހެނުން މިކަމުގެ ޝަކްވާތައް ކުރާ އަޑުއިވެމުންދެއެވެ.

މީސްތަކުންނަށް އަނިޔާވެރި ވުމަކީ ﷲގެ ޙައްގު އެކުލެވިގެންވާ ކަމެއްގައި އަމިއްލަ ނަފްސަށް އަނިޔާވެރި ވުމަށް ވުރެ ބޮޑު ކަމެކެވެ. އެހެނީ ޝިރްކު ފިޔަވާ ކޮންމެ ކަމަކީ ވެސް ﷲ ގެ މަޝީއަތުގެ ދަށުގައިވާ ކަންތަކެވެ. އެކަލާންގެ އިރާދަ ކުރައްވައިފިނަމަ އެކަމެއް ފުއްސަވައެވެ. ނޫންނަމަ، އެކަމަކާ ގުޅޭ ވަރަށް އަދަބު ދެއްވުމަށް ފަހުގައި މާފު ކުރައްވައެވެ. ނަމަވެސް، އާދަމްގެ ދަރިންގެ ޙައްގުތަކަކީ އަދާ ކުރަން ޖެހޭ އެއްޗެކެވެ. عَنْ أَبِي هُرَيْرَةَ ، أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : أَتَدْرُونَ مَا الْمُفْلِسُ ؟ قَالُوا : الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ ، فَقَالَ : ” إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ ، وَصِيَامٍ ، وَزَكَاةٍ ، وَيَأْتِي قَدْ شَتَمَ هَذَا ، وَقَذَفَ هَذَا ، وَأَكَلَ مَالَ هَذَا ، وَسَفَكَ دَمَ هَذَا ، وَضَرَبَ هَذَا ، فَيُعْطَى هَذَا مِنْ حَسَنَاتِهِ ، وَهَذَا مِنْ حَسَنَاتِهِ ، فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ ، فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ” މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އިފްލާސް ކުރެވިފައިވާ މީހަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟” ޞަޙާބީން ދެންނެވިއެވެ. “އަހަރުމެންގެ ތެރޭގައި އިފްލާސްކުރެވިފައިވާ މީހަކީ އެމީހެއްގެ އަތުގައި ދިރްހަމެއް ނުވަތަ ދިރިއުޅޭނެ ތަނެއް ނެތް މީހާ އެވެ.” ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ އުއްމަތުގައި މުފްލިސްއަކީ ގިޔާމަތް ދުވަހުގައި ނަމާދާއި ރޯދަ އާއި ޒަކާތައިގެން އަންނަ މީހާ އެވެ. ނަމަވެސް، އޭނާ މިވެނި މީހަކަށް އެއްޗެތި ގޮވާފައި، މިވެނި މީހަކަށް ގަޛްފުކޮށްފައި، މިވެނި މީހެއްގެ މުދާ ނުޙައްގު ގޮތުގައި ކައިފައި، މިވެނި މީހެއްގެ ލޭ އޮހޮރުވާލާފައި، މިވެނި މީހެއްގެ ގައިގާ ޖަހާފައި ވެއެވެ. އޭގެ ސަބަބުން އޭނާގެ ހެޔޮކަންތަކުން އަނެކާ އަށް ދެވެއެވެ. އަދި އަނެކާގެ ޙައްގުތައް އަދާކުރެވުމުގެ ކުރިން އޭނާގެ ހެޔޮކަންތައް ހުސްވެއްޖެނަމަ، އަނެކާގެ ފާފަތަކުގައި ބޮލުއަޅަން ޖެހެއެވެ. އަދި އޭނަ ނަރަކައަށް އެއްލާލެވޭނެއެވެ.”

ވީމާ، އަނބިންނަށް އަނިޔާވެރިވާ ފިރިންނަށް ދޭން އޮތް ނަޞޭޙަތަކީ ﷲ އަށް ތަގްވާވެރިވެ ތިޔަ އަނިޔާވެރިކަން ދޫކޮށްލާށެވެ. ރަސޫލާގެ ޙަޔާތްޕުޅުގައި އޮތް އެންމެ ބޮޑު އެއްވުމުގައި، ޙައްޖަތުލް ވަދާޢުގެ ދުވަހުގައި ޢަރަފާތް ބިމުގައި ހުންނަވައިގެން އެކަލޭގެފާނުވަނީ އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވާފައެވެ. ޙަދީޘް ކުރައްވާފައިވެއެވެ. (فَاتَّقُوا اللَّهَ فِي النِّسَاءِ ، فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ ، وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلَمْةِ اللَّهِ ، وَلَكُمْ عَلَيْهِنَّ أَنْ لا يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ ، فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ ، وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ) މާނައަކީ: “ތިޔަބައިމީހުން އަނބިންގެ ކަންތަކުގައި ﷲއަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން އެކަނބަލުންނަކީ ތިޔަބައިމީހުންނާއި ޙަވާލުވެފައިވާ އަމާނާތެކެވެ. އަދި އެކަނބަލުންގެ ފަރްޖުތައް ހުއްދަކުރެވިފައިވަނީ ﷲ ގެ ކަލިމައިގެ މަތީގައެވެ. ނުވަތަ ކައިވެނީގެ ޢަގްދުކޮށްގެންނެވެ. ތިޔަބައިމީހުންނަށް ޓަކައި އެކަބަލުންގެ މައްޗަށްވާ ޙައްގަކީ ތިޔަބައިމީހުން ނުރުހޭ މީހަކު ގެއަށް ނުވެއްދުމެވެ. އެފަދަކަމެއް އެކަނބަލުން ކޮށްފިނަމަ، އަނިޔާ ނުވާ ގޮތަށް އެކަނބަލުންގެ ގައިގާ ޖަހާށެވެ. އެކަނބަލުންނަށް ޓަކައި ތިޔަބައިމީހުންގެ މައްޗަށްވާ ޙައްގަކީ އެކަނބަލުންގެ ދިރިއުޅެން ބޭނުންވާނެ ކަންތަކާއި އަންނައުނު ހޯދައިދިނުމެވެ.”

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (اسْتَوْصُوا بِالنِّسَاءِ خَيْرًا فَإِنَّهُنَّ عَوَانٍ عِنْدَكُمْ ) މާނައަކީ: “ތިޔަބައިމީހުން އަނބިންނަށް ހެޔޮކޮށް ކަންތައް ކުރުމަށް ވަޞިއްޔަތް ކުރައްވަމެވެ. ހަމަކަށަވަރުން، އެކަނބަލުންނަކީ ތިޔަބައިމީހުންގެ ޙަވާލުގައިވާ އަސީރުންތަކެކެވެ.” އަސީރުންނަކީވެސް ހައްޔަރުކޮށްފައި ބައިތިއްބާނަމަ، ހެޔޮކޮށް ކަންތައް ކުރަން ޖެހޭ ބަޔެކެވެ. ނޫންނަމަ، ޖެހޭނީ ދޫކޮށްލާށެވެ. އަންހެނުންނާއި މެދުގައިވެސް ހަމައެގޮތެވެ.

ހަމައެފަދައިން، ބައެއް މައިން ބަފައިން ދަރިނަށް ދޭންޖެހޭ ފުރިހަމަ ޙައްގު ނުދީފައި އެކުދިންގެ ކިބައިން މައިންބަފައިންނާއި މެދުގައި ހެޔޮކޮށް ހިތުމަށް އެދެއެވެ. މިފަދަ މީހުންވެސް ވަންނާނީ “މުޠައްފިފު”ން ގެ ތެރެއަށެވެ. މިފަދަ މީހުންގެ ގާތުގައި ބުނެލަން އޮތީ މިއާޔަތްތަކުގައި މިވާ ވަޢީދުގެ ބަސްފުޅާއި މެދުގައި ވިސްނާ ފިކުރުކުރާށެވެ.

(أَلَا يَظُنُّ أُولَـٰئِكَ أَنَّهُم مَّبْعُوثُونَ ﴿٤﴾) އެބައިމީހުންނަށް (މިނެ ކިރުމުގައި މަކަރު ހަދާ އުޅޭ މީހުން) ގަބުރުތަކުން ނެރުއްވާ ﷲ ގެ ޙަޟްރަތަށް މަޙްޝަރު ކުރެއްވޭނެކަން ނޭނގެނީ ހެއްޔެވެ؟

(لِيَوْمٍ عَظِيمٍ ﴿٥﴾ ) ގިޔާމަތް ދުވަހުގައި، އެދުވަހަކީ ބޮޑުވެގެންވާ ދުވަހެކެވެ. ސޫރަތުލް ޙައްޖުގެ 1 ވަނަ އާޔަތުގައި އެދުވަހުގެ ވާހަކަ ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ ﴿١﴾ )  މާނައަކީ: ” ހަމަކަށަވަރުން، قيامة ވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ.” އެދުވަހުގެ ދިގު މިނާއި، ބިރުވެރި ކަމާއި، އެދުވަހުގައި ވާނެހާ ކަންތައްތަކަކީ ބޮޑުވެގެންވާ ކަންތައްތަކެވެ. ނަމަވެސް އެދުވަހުގެ ކަންކަން ބޮޑުވެގެންވަނީ ކާފިރުވީ މީހުންގެ މައްޗަށް އެކަންޏެވެ. ސޫރަތުލް މުއްދައްޘިރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (عَلَى الْكَافِرِينَ غَيْرُ يَسِيرٍ ﴿١٠﴾ ) މާނައަކީ: ” كافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ.”   ސޫރަތުލް ގަމަރުގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( يَقُولُ الْكَافِرُونَ هَـٰذَا يَوْمٌ عَسِرٌ ﴿٨﴾ ) މާނައަކީ: ” كافر ވިމީހުން ބުނާނެތެވެ. މިއީ ދަތި އުނދަގޫ ދުވަހެކެވެ.”

އެދުވަހަކީ މުއިމިނުންނަށް ވަރަށް ފަސޭހަ ދުވަހެކެވެ. ފަރްޟު ނަމާދެއް ކޮށްލާހާ ފަސޭހައިން ކަންކަން ނިމިގެންދާނެއެވެ. ޚާއްޞަ ގޮތެއްގައި ޢަރްޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައިވާ މީހުންނެވެ.

ގިޔާމަތް ދުވަހަކީ އެދުވަހަކުން މާތް ﷲ އެންމެހައި އަޅުތަކުން ގަބުރުން ނެރުއްވާ ދުވަހެވެ.

(يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ﴿٦﴾ ) “(އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ.”  މީސްތަކުން އެދުވަހުގައި ﷲ ގެ އަމުރުފުޅަށް ގަބުރުތަކުން ތެދުވާނެއެވެ. ފައިވާނެއް ނުހުންނާނެއެވެ. އިސްޓާކީނެއް ޚުއްފެއްވެސް ނުހުންނާނެއެވެ. ހެދުމެއް ނުލާ އޮރިޔާން ޙާލުގައެވެ. ޚިތާނު ނުވެ ހުންނަ ޙާލަތުގައެވެ. ޚިތާނު ކުރުމަށް ޓަކައި ކަނޑާލެވުނު ހަންކޮޅު އެދުވަހުގައި އެނބުރި އައިސް ގުނަވަނާ ގުޅިފައި ހުންނާނެއެވެ. ސޫރަތުލް އަންބިޔާގެ 104 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعيدُهُ ۚ ) މާނައަކީ: “އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ.” އެގޮތަށް ﷲ ކަންތައް ކުރައްވަނީ އެކަލާންގެ ކުޅަދުންވަންތަކަން ދެއްކެވުމަށްޓަކައެވެ. އަދި އެކަލާންގެ އިންސާނުން އުފެއްދެވި ފަދައިން އެނބުރި އެކަލާންގެ ޙަޟްރަތަށް މަޙްޝަރު ކުރައްވާނެ ކަން އެންގެވުމަށް ޓަކައެވެ. ޚިތާނު ކުރާއިރު ކަނޑާލެވޭ ހަންކޮޅު ކަނޑާލުމުގެ ބޭނުމަކީ އެހަންކޮޅު ދޭތެރޭ ކުޑަކަމުދާ ތަކެތި ހަރުލާ ބަލިތައް ޖެހިދާނެ ކަމަށްޓަކައެވެ. ނަމަވެސް، ގިޔާމަތް ދުވަހުގައި އެފަދަ ކަމެއް ނޯންނާނެއެވެ. ސަބަބަކީ ސުވަރުގޭގެ އަހްލުވެރިން އެތަނުގައި ތިބޭއިރު ބޮޑުކަމު ދިޔުމެއް ކުޑަކަމު ދިޔުމެއް ނޯންނާނެއެވެ. އަދި އާޚިރަތަކީ ތަކްލީފްގެ ޙަޔާތަކަށް ނުވާތީވެއެވެ. އަދިކިއެއްތަ، އެއީ ﷲ އެންގެވި ގޮތަށް އުޅުނު ކަމަށް ޓަކައި ހެޔޮޖަޒާ ދެއްވުމުގެ ޙަޔާތެކެވެ. ނަމަވެސް، ބައެއް މީސްމީހުން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެކަލާންގެ އަށް ސަޖިދަ ކުރުމަށް އެދުވަހުގައި އަމުރު ކުރައްވާނެއެވެ. ސޫޜަތުލް ގަލަމްގެ 42 އިން 43 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ ﴿٤٢﴾ خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ ﴿٤٣﴾  ) މާނައަކީ: “ކަންތައްތައް ބޮޑުވެދާ ދުވަސް (އެބަހީ: قيامة ދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް سجدة ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ. (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެ، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެއުރެން ސަލާމަތުން ތިބިއިރު، سجدة ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ.”

އިންސާނުން ގަބުރުތަކުން ތެދުވާ ގޮތް ޞިފަ ކުރައްވާ ޙަދީޘް ގައި އައިސްފައިވަނީ ހުސްފައިގާ، އޮރިޔާން ޙާލުގައި ޚިތާނު ނުވެ ހުންނަ ގޮތަށެވެ. ބައެއް ރިވާޔަތްތަކުގައި (ބުހްމަން) ނުވަތަ އަތުގައި މުދަލެއް ނެތް ގޮތުގަޔޭ ވެސް އޮވެއެވެ. އެހެނީ ގިޔާމަތް ދުވަހުގައި ﷲ ގެ ކޯފާ އާއި ޢަޛާބުން އިންސާނާ ސަލާމަތްކޮށްދޭނެ މުދަލެއް ނުވެއެވެ. އެދުވަހުން ކަމެއް ކޮށްދެވޭނެ ދަރިޔަކު ނުހުންނާނެއެވެ. އަދި އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ބައްޕަޔަކު ނުހުންނާނެއެވެ. އަދި އަންބެއް ގަބީލާ އެއް ނޯންނާނެއެވެ. ކޮންމެ މީހަކުވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފްސައިގެންނެވެ. ކޮންމެ މީހަކުވެސް ގޮވަމުން ގެންދާނީ (ނަފްސީ، ނަފްސީ) އެވެ. ސޫރަތު ޢަބަސަގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾ ) މާނައަކީ: “އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ.” މާތް ﷲ އަޅަމެންނަށް އެދުވަހުގެ ކަންކަން ލުއިފަސޭހަކޮށްދެއްވާ އެކަލާންގެ ޢަރްޝީގެ ހިޔާވަހިކަން ލިބިގެންވާ ފަދަ ބަޔަކު ކަމުގައި ލައްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް އަޅަމެންނަށް ދެއްވާށި. އާމީން.

(لِرَبِّ الْعَالَمِينَ ) ޢާލަމްތަކުގެ ވެރި ﷲ އެވެ. އެދުވަހުން ﷲ ގެ މަލަކޫތިއްޔަތުވަންތަކަން ފިޔަވާ އެހެން ހުރިހާ މަލަކޫތިއްޔަތު ވަންތަ ކަމެއް ފިލައިދާނެއެވެ. ސޫރަތު ޣާފިރުގެ 16 އަދި 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ هُم بَارِزُونَ ۖ لَا يَخْفَىٰ عَلَى اللَّـهِ مِنْهُمْ شَيْءٌ ۚ لِّمَنِ الْمُلْكُ الْيَوْمَ ۖ لِلَّـهِ الْوَاحِدِ الْقَهَّارِ ﴿ ١٦﴾ الْيَوْمَ تُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ ۚ لَا ظُلْمَ الْيَوْمَ ۚ إِنَّ اللَّـهَ سَرِيعُ الْحِسَابِ ﴿١٧﴾ ) މާނައަކީ: ” އެދުވަހުން އެއުރެން ފާޅުވެ ފެންނާނެތެވެ. އެއުރެންގެ އެއްވެސް ކަމެއް، اللَّه އަށް ވަންހަނާވެގެނެއް ނުވާނެތެވެ. (އެދުވަހުން، اللَّه وحى ކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (خود އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުުވެރިވަންތަ اللَّه އަށެވެ. މިއަދު (އެބަހީ: قيامة ދުވަހު) ކޮންމެ نفس އަކަށްމެ، އެنفس އެއް ހޯދިކަމެއްގެ ޖަޒާދެއްވާނެތެވެ. މިއަދު އެއްވެސް ބޭއިންސާފެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.”

(كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ ﴿٧﴾ )

(كَلَّا) މި ކަލިމަ ގުރްއާނުގައި ތަފާތު މާނަތަކުގައި އައިސްފައިވެއެވެ. ބައެއް ފަހަރަށް އިންޛާރު ދިނުމުގެ ގޮތުން ބޭނުން ކުރެވެއެވެ. އަދި ބައެއް ފަހަރަށް އެކަމަކީ އެއީ ޙަގީގަތެއްކަން ބަޔާން ކޮށް ދެއްވުމުގެ ގޮތުންވެސް މިކަލިމަ އައިސްފައިވެއެވެ. އަދި އެނޫންވެސް މާނަތަކުގައި މިކަލިމަ އައިސްފައިވެއެވެ. ކޮންމެ އަކަސް ތަފާތު ދޭހަވާނީ ޢިބާރާތް އައިސްފައިވާ ގޮތަކުންނެވެ. ސަބަބަކީ ޢަރަބި ބަހަކި އެއް ކަލިމަ އަކުން ތަފާތު މާނަ ދޭހަކޮށްދެވޭ ގޮތަށް އޮންނަ ބަހެކެވެ. ތަފާތު ދެނެގަނެވޭނީ ވާހަކަ އިއިސްފައިވާ ސިޔާގަށް ބަލައިގެންނެވެ.

މި އާޔަތުގައި  (كَلَّا) ބޭނުން ކުރެވިފައިވަނީ “ޙަގީގަތުގައިވެސް” މި މާނާގައި ކަމުގައި ވެސް ބައެއް މުފައްސިރުން ވިދާޅުވެއެވެ. އެހެންކަމަށް ވަނީނަމަ މި އާޔަތުގެ މާނައަކީ “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ كافر ންގެ عمل ތަކުގެ ފަތްވަނީ سِجّين ގައިކަން ކަށަވަރެވެ.”

މި އާޔަތުގައި  (كَلَّا) ބޭނުން ކުރެވިފައިވަނީ ގިޔާމަތް ދުވަސް އަންނާނެ ކަމާއި މެދުގައި އިންކާރުކޮށް ދޮގުކުރި މީހުންނަށް އިންޛާރު ދެއްވުމުގެ ގޮތުން ކަމަށްވެސް ބައެއް މުފައްސިރުން ވިދާޅުވެއެވެ. ކޮންމެ އަކަސް، ފާޖިރުން ނުވަތަ ކާފިރުވީ މީހުންގެ ޢަމަލުތަކުގެ ފަތް ވަނީ ސިއްޖީނޭ ކިޔުނު ތަނެއްގައި ކަމަށް ﷲ މިވަނީ އަންގަވާފައެވެ.

(كِتَابَ الْفُجَّارِ) ފާޖިރުންގެ ޢަމަލުތަކުގެ ފޮތް.

(الْفُجَّارِ) އަކީ “ފާޖިރު” ގެ ޖަމްޢު އެވެ. އެއީ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ދެމިހުންނަ މީހާ އެވެ.

( سِجِّينٍ) ސިއްޖީނަކީ ކޮބާ؟

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ކަލިމަ ނެގިފައި މިވަނީ “ސިޖްނު” އިންނެވެ. މާނައަކީ “ދަތި އުނދަގުލެވެ. ނުވަތަ ދަތި އުނދަގޫ ތަނެވެ.” މި ދަތި އުނދަގޫ ތަނަކީ ނަރަކައެވެ. ސޫރަތުލް ފުރްގާންގެ 13 އަދި 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَإِذَا أُلْقُوا مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا هُنَالِكَ ثُبُورًا ﴿١٣﴾ لَّا تَدْعُوا الْيَوْمَ ثُبُورًا وَاحِدًا وَادْعُوا ثُبُورًا كَثِيرًا ﴿١٤﴾ ) މާނައަކީ: ” އަދި އެއުރެންގެ އަތްތަކުގައި، ކަސްތޮޅު އަޅުއްވާފައިވާ حال، އެ ނަރަކައިގެ ތެރެއިން ދަތިތަނަކަށް އެއުރެން އެއްލަވާހިނދު، އެއުރެން އެތާނގައި ހަލާކުވުމަށްއެދި ގޮވާނެތެވެ. މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށްއެދި ނުގޮވާށެވެ! އަދި އެތައް ހަލާކުތަކަކަށްއެދި ތިޔަބައިމީހުން ގޮވާށެވެ!”

ސިއްޖީނަކީ ނުބައި ނުލަފާ ޝައިޠާނުންނާއި ކާފިރުންނާއި ފާސިގުންގެ ޢަމަލުތައް މަލާއިކަތް ބޭކަލުން ލިޔުއްވާ ފޮތެވެ. އެފޮތް ވަނީ ބިމުގެ އެންމެ އަޑީގައިވާ ތަނެކެވެ. އެހެނީ ނަރަކަ ވަނީ ބިމުގެ އެންމެ އަޑީގައި ކަމަށްވާތީވެއެވެ. ކާފިރުންގެ މަރު ހިއްޕެވުމަށްފަހުގައި ކަންތައް ވާނެ ގޮތް ބަޔާން ކުރައްވާ އަލްބައްރާއު ބިން ޢާޒިބް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވާ ދިގު ޙަދީޘެއްގައި ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. (اكتبوا كتاب عبدي- يعنى الكافر- في السجين في الأرض السابعة السفلى ) މާނައަކީ: “ތިމަން ﷲ ގެ ކާފިރު އަޅާގެ ޢަމަލުތައް ހަތްވަނަ ބިމުގެ އެންމެ އަޑީގައިވާ ސިއްޖީނުގައި ލިޔާށެވެ.” މާތް ﷲ އަޅަމެން އެންމެން އެނުބައި ނަރަކައިން ސަލާމަތް ކޮށްދެއްވާށިއެވެ. އާމީން.

ނުނިމޭ……

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.