
ޕީޕީއެމް ޓިކެޓަށް އެދުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި.
އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓަށް އެދުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފި އެވެ.
ޕީޕީއެމް ޓިކެޓަށް އެދުމުގެ މުއްދަތު މިމަހުގެ 21 އާ ހަމައަށް އިތުރު ކޮށްފައިވާއިރު މީގެކުރިން ޓިކެޓް ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވަނީ މިއަދު އެވެ.
މިކަމާ ގުޅިގެން ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިހަމުގެ 21 އާ ހަމައަށް ޓިކެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި އޮތް މުއްދަތު އިތުރު ކޮށްދިނުމަށް އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެދެމުންދާތީ ކަމަށެވެ.
އެގޮތުގެ މަތިން ގިނަ މެމްބަރުންގެ އެދުމާއި އެއްގޮތަށް ޕާޓީގެ ޓިކެޓަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު 21 ނޮވެމްބަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިބަޔާނުގައި ވާގޮތުން ޕީޕީއެމް ޓިކެޓުގައި ވާދަކުރާ މެންބަރުންގެ މެދުގައި ޕްރައިމަރީ ބާޢްވަން ނިންމާފައިވަނީ،
މިމަހުގެ 25 ވާ ހުކުރު ދުވަހުގައި ކަމަށާއި އެ ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ 15 ގެ ކުރިން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށްވެސް މި ބަޔާނުގހައި ވެއެވެ.
ޕާޓީ ގެ މެމްބަރޝިޕަށް އެދި ހުށައަޅާ ފޯމްތައް ބަލައިގަތުން ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ކުރިޔައް ދާނެކަމަށާއި އަދި ހުކުރު ދުވަހު ވެސް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ފޯމް ބަލައިގަންނަން ހަމަޖެހިފައިވަނީ މެންދުރު ފަހު 2:00 އިން ރޭގަނޑު 22:00 އަށް ކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ.



