އިންތިހާބީ ހައްގު ހޯދަން ޔާމީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ނިންމެވުމަށްފަހު އެވެ.
ނަމަވެސް މި ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.
ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެމަނިކުފާނު ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެއެވެ.
ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް ޝަރީއަތްތައް ހުއްޓިފައިވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.