ކީރިތި ރަސޫލާގެ ސިޔަރަތު 03

إبراهيم عليه السلام هاجر ގެފާނާއި ކައިވެނިފުޅު ބައްލަވައިގަތުން:

މިޞްރުން އެނބުރި ފަލަސްޠީނަށް ވަޑައިގެންނެވިއިރުގައި سارةގެ އެދިވަޑައިގެންނެވުމުގެމަތިން إبراهيم عليه السلام هاجر ގެފާނާއި ކައިވެނިފުޅުބައްލަވައިގެންނެވިއެވެ. އަދި هاجر، إسماعيل عليه السلام އާއިގެން އާލާސްވެ އިންނެވިއެވެ. إبراهيم عليه السلام هاجر ގެފާނާއި ކައިވެނިފުޅުބައްލަވައިގެންނެވުމަށް سارة އެދިވަޑައިގެންނެވުމުގެ ބޭނުންފުޅަކީ هاجرގެ ކިބައިން إبراهيم عليه السلام އަށް ދަރިކަލަކު ލިބިވަޑައިގެންނެވުމެވެ. އެހެނަސް ދަރިކަލަކު ލިބިވަޑައިގެންނެވުމުން سارةގެ ހިތްޕުޅުގައި هاجرގެ މައްޗަށް ނަފްރަތްތެރިކަމެއް އުފެދިގެންދިޔައެވެ.

އިޝްތިހާރު Below Header ad

އަދި އެ ނަފްރަތްތެރިކަމުގެ ސަބަބުން إبراهيم عليه السلام އަށް ޖެހިވަޑައިގެންނެވީ هاجرއާއި ތުއްޕުޅު ދަރިކަލުން ފަލަސްޠީނު ފިޔަވައި އެހެންތަނެއްގައި ވަޒަންވެރި ކުރުވާށެވެ. އެހެން ކަމުން އެދެމައިން ގޮވައިގެން ޙިޖާޒަށް ވަޑައިގެންނެވިއެވެ. އަދި އުސްފަރުބަދަތަކުން ވަށާލެވިފައިވާ ހަނަފަސް ސަހަރާއެއްގައި ﷲގެ ގެފުޅު ހުރިތާންގެ ކައިރީގައިވާ ދައުޙާ (دوحة) ގަހުގެ ކައިރީގައި އެދެމައިން ބޭތިއްބިއެވެ. އެއިރު ގެފުޅުވަނީ ވީރާނާވެ ނެތިގޮސްފައެވެ. އެހެނަސް ބިމުން އުފުލިފައިވާ ފަސްގަނޑެއްގެ ގޮތުގައި އެ ގެފުޅުގެ އަސަރުތައް ފެންނަނަ ހުއްޓެވެ.

އެ ގެފުޅުގެ ކަނާތްފަރާތުންނާއި ވާތްފަރާތުން ސައިލާބުތަށް ދެމި ދެމި އެތަންވަނީ ނެތޮގޮސްފައެވެ. إبراهيم عليه السلام އެ ދެމައިނާއެކު ކަދުރު އަޅާފައިވާ ޖިބާރަކާއި ފެންހަމެއް ބަހައްޓަވާފައި ފަލަސްޠީނަށް އެނބުރި ވަޑައިގެންނެވިއެވެ. އެއިރު މައްކާއަކީ އިންސާނީ އާބާދީއެއްވާ ތަނެއް ނޫނެވެ. ކައިރި ހިސާބެއްގައިވެސް އާބާދީއެއް ނުވެއެވެ. އަދި އެއީ ފެން ހުރިތަނެއްވެސް ނޫނެވެ. ގިނަ ދުވަސްތަކެއް ނުވަނީސް ފެނާއި ކޮއްތު ހުސްވެއްޖެއެވެ. ވަރަށް ބޮޑު ހާސްކަމެއް އެކަމަނާއަށައި ތުއްޕުޅު ދަރިކަލުންނަށް ކުރިމަތިވިއެވެ. އެހިނދު ﷲގެ ދީލަތިވެވޮޑިގަތުމުން އެތަނުން ޒަމްޒަމްފެން ކޯދުލާ އަރަންފެށިއެވެ. އަދި އެފެން މުއްދަތަކަށް އެދެމައިންގެ ކެއުމެއްކަމުގައްޔާއި ބުއިމެއްކަމުގައި ލެއްވިއެވެ. މިކަމުގެ ތަފްޞިލާއި ހިނގާގޮސްފައިވާގޮތް އެނގިގެންވިއެވެ.

ޔަމަނުގެ ރަސްކަން:

އެންމެ ޒަމާންވީ ޤަދީމީ ޔަމަނުގެ ޤަޥްމަކީ ސަބައަ ޤަޥްމު އަލް ޢަރަބުލް ޢާރިބައިންނެވެ. (العرب العاربة قوم سبأ ) މީލާދިން ފަންސަވީސް ޤަރުނުގެ ކުރީގެ އޫރު ޤަބީލާގެ އަސަރުތަކާއި ވާހަކަތައް ބިން ކޮނުމުން ފެނިފައިވެއެވެ. މީލާދީގެ އެގާރަ ޤަރުނުގެ ކުރިއާ ހަމައަށް އެމީހުންގެ އާރާއި ބާރާއި ނުފޫޒު ފެތުރި ދެމިގެން ގޮސްފައިވެއެވެ. މިއަންނަ ގޮތުގެމަތިން އެމީހުންގެ ދައުރުތައް ބައި ކުރެވިދާނެއެވެ.

1 – މީދާލީގެ 650 ( ހަސަތޭކަ ފަންސާސް) އަހަރުގެ ކުރީގެ ޤަރުނުތައް:

މި ޒަމާންތަކުގައި އެމީހުންގެ ރަސްރަސްކަލުންނަށް ދީފައިވާ ލަޤަބަކީ މަކުރަބު ސަބާގެ (مكرب سبأ) ލަޤަބެވެ. އެމީހުންގެ ވެރި ރަށަކީ ޞިރުވާޙު (صِرْوَاح‏) އެވެ. މިރަށުގެ ވީރާނާވެފައިވާ ބައިތަށްފެނިފައިވަނީ މަޢުރަބުގެ ހުޅަގުން އެއްދުވަހުގެ ރާސްތާއިންނެވެ. ޚުރައިބަތު (خُرَيْبة‏)ގެ ނަމުން އެތަނަށް ނަންދެވިގެންވިއެވެ. މިމީހުންގެ ދުވަސްވަރުގައި ސައްދު މަޢުރަބުގެ ނަމުން ނަންދެވިފައިވާ ޑޭމް ހަދަން ފެށުނެވެ. މި ޑޭމް އާއި ޔަމަނުގެ ތާރީޚާ ވަރަށްބޮޑު ގުޅުމެއްވެއެވެ. ބުނެވުނެވެ. ސަބާ ޤާޥްމުގެ އާރާއިބާރު ޢަރަބި ރަށްތަކުގެ މައްޗަށާއި އަދި ޢަރަބިން ފިޔަވައި އެހެން ބައެއް ރަށްތަކުގެ މައްޗަށްވެސް ފެތުރިގެން ގޮސްފައިވެއެވެ.

2 – މިލާދީ ތާރީޚުގެ 650 ( ހަސަތޭކަ ފަންސާސް) އަހަރުގެ ކުރީން ފެށިގެން 115 ( ސަތޭކަ ފަނަރަ) އަހަރާއި ހަމައަށް އެމީހުންގެ ވެރިކަން ދެމިގެން ގޮސްފައި ވިއެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުރިން ކިޔަމުން އައި މަކުރަބުގެ ލަޤަބު ދޫކޮށްލިއެވެ. އަދި މުލޫކު ސަބާގެ ލަޤަބުން އެމީހުންގެ ރަސްރަސްކަލުން ތަޢާރަފު ކުރިއެވެ. އަދި އެމީހުންގެ ވެރި ރަށެއްކަމުގައި ޞަރުވާހުގެ ބަދަލުގައި މަޢުރަބު ހެދިއެވެ. އެރަށުގެ ވީރާނާވެފައިވާ ޢާޘާރުތަށް ބިމުގެ އަޑިން ޔަމަނުގެ މިހާރުގެ ވެރިޔަށް ޞަންޢާގެ އިރުމަތިން 60 (ފަސްދޮޅަސް) މޭލު ހިސާބުން ފެނިފައިވެއެވެ.

3 –  މީލާދީގެ 115 ( ސަތޭކަ ފަނަރަ) އަހަރުގެ ކުރިން ފެށިގެން މީލާދީން 300 (ތިން ސަތޭކަ) އަހަރާއި ހަމައަށް ސަބަޢަ ރަސްރަސްކަލުންގެ މައްޗަށް ޙިމްޔަރު ވެރިވެގަނެ އެމީހުންގެ ވެރިކަން ހިންގަމުން ގޮސްފައިވެއެވެ. މި މުއްދަތުގައި ރަސްކަމުގެ މައްޗަށް ޙިމްޔަރު ގަދަވެގަތެވެ. އަދި މަޢުރަބުގެ ބަދަލުގައި ޙިމްޔަރުގެ ވެރި ރަށެއްކަމުގައި ރައިދާންހެދިއެވެ. އަދި އެރަށުގެނަށް ޡަފާރް (ظَفار) އަށް ބަދަލު ކުރިއެވެ. އެރަށުގެ ވީރާނާވެފައިވާ އަސަރުތަށް ޔަރްޔަމު (يريم) އާއި ކައިރިން މަދޫރު ފަރުބަދައިގެ މައްޗަށް ފެތުރިގެން ގޮސްފައިވެއެވެ. މިހާތަނުން އެމީހުންގެ ކުރިއެރުން ހުއްޓި ދަށަށްދާން ފެށިއެވެ.

އެމީހުންގެ ވިޔަފާރިވެސް ވަރަށް ބޮޑަށް ދަށަށްދިޔައެވެ. އޭގެ ސަބަބެއްކަމުގައި ފުރަތަމަ ވެފެފައިވީ ޙިޖާޒުގެ އުތުރުގައި އަލް އަންބާޠު (الأنْبَاط) ގެ ބާރު ގަދަވެ އެމީހުންގެ ނުފޫޒު ފެތުރިފައިވުމެވެ. ދެވަނައަށް މިޞްރާއި ސޫރިޔާގެ މައްޗަށް ރޫމީންގެ ވެރިކަމުގެ ބާރާއި ނުފޫޒު ވެރިވެފައިވުމާއި ކަނޑުގެ ވިޔަފާރީގެ މަގުތައްވެސް ރޫމީންގެ ބާރުގެ ދަށަށްދިއުމެވެ. ތިންވަނައަށް، އެމީހުން ދަށަށް ދިއުމަށް މެދުވެރިވީ އެމީހުންގެ ވަންހަތަކުގެ މެދުގައި އުފެދުނު ވާދަވެރިކަމެވެ. އާދެ! ޤަހްޤާންގެ ވަންހަތައް ވެއްޓުމަށް ދިމާވި ސަބަބުތައްކަމުގައި މި ދެންނެވި ކަންތައްތައް މުއައްރިޚުން ބަޔާން ކުރެއެވެ. އަދި ޖަޒީރަތުލް ޢަރަބިއްޔާގެ އެތެރެއަށާއި އެނޫން ރަށްތަކަށް އެމީހުން ހިޖުރަކޮށްދިއުމުގެ ސަބަބުތައްކަމުގައި ވެފައިވެއެވެ.

4 – މީލާދީން 300 (ތިން ސަތޭކަ) ވަނަ އަހަރުން ފެށިގެން ޔަމަނަށް އިސްލާމް ދީން އައުމާއި ދެމެދު:

އެދުވަސްވަރަކީ އެމީހުންގެ ތެރޭގައި ހަމަ ނުޖެހުމާއި ޙާދިސާތައް ގިނަވެފައިވީ ދުވަސް ވަރަކެވެ. އަދި އިންޤިލާބުތައް އަންނަމުން ދިޔަ ދުވަސްވަރެއްވެސް މެއެވެ. އަހުލީ ހަނގުރާމައިގެ ސަބަބުން އެމީހުންގެ މައްޗަށް ބޭރުގެ ބާރުތަކާއި ނުފޫޒުތަކަށް ފުރުޞަތު ލިބިފައިވީ ދުވަސް ވަރެކެވެ. އަދި އެމީހުންގެ މައްޗަށް ރޫމީންނާއި ޙަބަޝީން ވެރިވެ މިނިވަންކަން ގެއްލިގެން ގޮސްފައިވީ ދުވަސްވަރެކެވެ. ރޫމީން، ޢަދަނަށް ވެރިވެ، ރުމީންގެ އެހީގައި މީލާދީން 340 (ތިން ސަތޭކަ ސާޅިސް) ގައި ފުރަތަމަ ފަހަރަށް ޙަބަޝީން ޔަމަނަށް ވެރިވިއެވެ. ހަމްދާނާއި ޙިމްޔަރާއި ދެ ވަންހައިގެ ދެމެދުގައި ވާދަވެރިކަން ބޮޑުވެފައިވި، އާދެ! މީލާދީން 378 (ތިން ސަތޭކަ ހަތްދިހަ އަށެއް) އަހަރާ ހަމައަށް ޔަމަނު ޙަބަޝީންގެ އަޅުވެތި ކަމުގެ ދަށުގައި އޮތެވެ.

އޭގެ ފަހުގައި ޔަމަނުގެ އަހުލުވެރީން ޙަބަޝީންގެ އަޅުވެތިކަމުން މިނިވަންވިއެވެ. އަޅުވެތިކަމުގައި މިދިޔަ މުއްދަތުގެ ތެރޭގައި މަޢުރަބު ޑޭމް މަރާމާތު ކުރަމުން ގެންދެވިފައި ނުވުމުން ޑޭމްގައި ލޯވަޅުހެދި ހަލާކުވާން ފަށާފައި ވިއެވެ. ކީރިތި قرآن ގައި ސައިލަލް ޢަރިމި (سَيْلَ العَرِمِ) ގެ ނަމުން އޭގެ ވާހަކަ އައިސްފައިވާ ބޮޑު ސައިލާބު މީލާދީ ސަނަތުން 450 ( ހަތަރު ސަތޭކަ ފަންސާސް) ގައި ނުވަތަ 455 ( ހަތަރު ސަތޭކަ ފަންސާސް ފަހެއް) ގައި އައެވެ. ނުވަތަ 451 ( ހަތަރު ސަތޭކަ ފަންސާސް އެކެއް) ގައި އައެވެ. ޑޭމް ހަލާކުވެގެން އައި ސައިލާބުގެ ސަބަބުން ގެތައް ހަލާކުވެ، ރަށް ވީރާނާވެ، ރައްޔިތުން ވިއްސި ވިހާލިވެ، ޔަމަން ދޫކޮށް އެތަން މިތަނަށް ހިޖުރަކުރިއެވެ.

މީލާދީ ސަނަތުން 523 ( ފައްސަތޭކަ ތޭވިށް) ގައި ނަޖްރާނީން މަސީޙީންގެ މައްޗަށް ޔަހޫދީ ޛޫ ނަވާސް (ذو نواس) ގެ ކޮމާންޑަރުކަމުގެ ދަށުގައި ގަދަފަދަ ހަމަލާތަކެއްދިނެވެ. އަދި ގަދަކަމުން މަސީޙީ ދީނުން އެމީހުން އަނބުރާލުމަށް މަސައްކަތް ކުރިއެވެ. އަދި އެމީހުން ދީން ދޫކޮށްލުމަށް އިންކާރުކުރި ހިނދު ކަންޒެއް ކޮނެ ދަރުއަޅާ ރޯކޮށް އެ އަލިފާންގަނޑުގެ ތެރެއަށް ދީން ދޫކޮށް ކާފަރުނުވި އެންމެން އަޅާލިއެވެ. ކީރިތި ﷲ އަލް ބުރޫޖު ސޫރަތުގައި މިވާހަކަ ބަޔާން ކުރައްވާ ވަޙީކުރެއވިއެވެ.

قُتِلَ أَصْحَابُ الْأُخْدُودِ ﴿٤﴾ النَّارِ ذَاتِ الْوَقُودِ ﴿٥﴾ إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ﴿٧ سورة البروج

މާނައީ: ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ (4) (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ (5) އެބައިމީހުން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ (6) مؤمن ންނަށް އެބައިމީހުން ކަންތައްކުރާގޮތް، އެބައިމީހުން ދެކޭންތިބި حال ގައެވެ (7

ނަޞްރާނީންނަށް މި ބޮޑު އަނިޔާއާއި ޢަޒަބު ދިންހިނދު ރޫމީން އަންބަރާޠޫރު ޢަރަބި ރަށްތައް ފަތަޙަކުރިއެވެ. އަދި ޙަބަޝިން ހަނގުރާމައަށް ލެންބިއެވެ. އަދި ކަނޑުގެ އުސްޠޫލެއް ތައްޔާރު ކުރި ޙަބަޝީންގެ 70،000 (ހަތްދިހަ ހާސް) ސިފައިން ޔަމަނަށް ބޭލިއެވެ. އަދި އެބައިމީހުން ދެވަނަފަހަރަށް ޔަމަނަށް ވެރިވެގަތެވެ. މިކަން ހިނގާފައިވަނީ މީލާދީ ސަނަތުން 525 (ފައްސަތޭކަ ފަންސަވީސް) ގައެވެ. ޙަބުޝްކަރައިގެ ރަސްގެފާނުގެ ފަރާތުން ޔަމަނުގައި ހުންނަ ވެރިއެއްކަމުގައި އަރުޔާޠު ހަމަޖެހުނެވެ. އޭނާގެ ލަސްކަރުގެ އެއް ކޮމާންޑަރަކު ކަމުގައިވާ އަބްރަހަތު އޭނާ ޤަތުލުކޮށްފުމަށްދާންދެން ޔަމަނުގެ ވެރިއެއްގެ ގޮތުގައި ދެމެހެއްޓުނެވެ.

އަރުޔާޠަށްފަހު ޙަބަޝްކަރައިގެ ރަސްގެފާނު ރުއްސައިގެން އަބްރަހާ ޔަމަނުގެ ވެރިކަން ކުރިއެވެ. އަދި މި އަބްރަހަތު ގެފުޅު މުގުރާލުމައްޓަކައި ލަޝްކަރެއް ގޮވައިގެން މައްކާއަށް ދިޔައެވެ. މި އަބްރަހަތުގެ ލަޝްކަރު އަޞްޙާބުލް ފީލު (أصحاب الفيل) ގެ ނަމުން މަޝްހޫރު ވެފައިވިއެވެ. ކީރިތި ﷲ އަބްރަހަތާޢި އޭނާގެ ލަޝްކަރު އެކީ ހަލާކު ކުރެއްވިއެވެ. މިވާހަކަތަށް ފީލް ސޫރަތުގައި ކީރިތި ﷲ ބަޔާން ކުރެއްވިއެވެ. ފީލް ބާގައިގެ މިކަންތަކަށްފަހު ޔަމަނުގެ މީހުން ފާރިސީންގެ ކިބައިން މަދަދަށް އެދުނު ހިނދު ފާރިސީން ޙަބަޝީންނާ ހަނގުރާމަކޮށް ހަމަނުން އެމީހުން ބޭރުކޮށް ފައްސާލިއެވެ. އަދި މީލާދީ ސަނަތުން 575 (ފައްސަތޭކަ ހަތްދިހަ ފަހެއް) ގައި  مَعْدُ يَكْرَبُ بُن سَيْفُ ذِي يَزَنُ الحِمْيَرِي ގެ ކޮމާންޑަރުކަމުގެ ދަށުގައި މިނިވަންކަން ހޯދިއެވެ.

އަދި އެމީހުންގެ ރަސްކަލަކުކަމުގައި އޭނާ އިސްކުރިއެވެ. مَعْدُ يَكْرَبُ ގެ ޚިދުމަތުގައި ޙަބަޝީންގެ ޖަމާޢަތެއް ބޭތިއްބިއެވެ. ރަސްގެފާނުގެ ޤާފިލާ ތަންތަނަށްދާއިރު ރަސްގެފާނުގެ ޚިދުމަތުގައި އެމީހުން ބޭތިއްބިއެވެ. އެއް ދުވަހަކު މި ޙަބަޝީން ރަސްގެފާނު ޤަތުލު ކޮށްލިއެވެ. ރަސްގެފާނު ޤަތުލުވުމުން ذِي يَزَنُ ގެ ޢާއިލާއިން ރަސްކަން ނިމިގެން ދިޔައެވެ. މިރަސްގެފާނަށްފަހު ކިސްރާގެ ފަރާތުން ސުންޢާއަށް ވެރިޔަކު އިސްކުރެއްވިއެވެ. އަދި ޔަމަނަކީ ފާރިށީންގެ ވެރިކަމުގެ ދަށުގައި އޮންނަތަނެއްކަމުގައި ހެދިއެވެ. އަދި މިގޮތަށް އެމީހުންގެ ވެރިއެއްކަމުގައި ބާޒާން އަތުވެއްޖައުމަށް ދާންދެން ފާރިސީންގެ ވެރިކަން ޔަމަނުގައި ހިނގަމުންދިޔައެވެ. މީލާދީން 638 (ހަސަތޭކަ ތިރީސް އަށެއް) ގައި ބަޒާން އިސްލާމް ވެއްޖަމުމަށްދާންދެން ފާރިސީންގެ ވެރިކަން އޮތެވެ. ބާޒާން އިސްލާމްވުމުން ޔަމަނުން ފާރިސީންގެ ބާރު ކެނޑިގެންދިޔައެވެ.

ނުނިމޭ…

މި ސިޔަރަތަކީ ރާބިޠަތުލް ޢާލަމިއްޔާގެ ފަރާތުން رسول الله صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރިހަމައަށް ސިޔަރަތު ލިޔުނު ފަރާތަކަށް ދިނުމަށް ހުޅުވާލި ނޯބަލް އިނާމު ލިބުނު ސިޔަރަތު އައްރަޙީޤު އަލް މަޚްތޫމް (الرحيق المختوم) މި ސިޔަރަތު ލިޔުއްވީ އިންޑިއާގެ ޢިލްމުވެރިއެއްކަމަށްވާ ޞަފިއްޔުއް ރަޙްމާން އަލްމުބާރަކް ޕޫރީ އެވެ. ދިވެހި ބަހަށް ތަރްޖަމާ ކުރެއްވީ ފަޟީލަތުއްޝައިޚް އަލް އުސްތާޛް ޢުޘްމާން ޢަބްދުﷲ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.