ދެ ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން 2 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. އެކުންފުނިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އއ. މާޅޮސް އަދި ތ. ގުރައިދޫގެ ބަނދަރު ތަރައްޤީކޮށް ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް އެބަދެއެވެ.
އެގޮތުން އއ. މާޅޮސްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 01 މާރޗް 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެފަރާތުން ހާމަ ކޮށްފައިވެއެވެ.
އެމް.ޓީ.ސީ.ސީއިން ހާމަ ކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، އަދި 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ އިތުރުން 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެފަރާތުން ހާމަ ކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ޕްލޭނިންގ އިން އެމް.ޓީ.ސީ.ސީއާއި ހަވާޅު ކޮށްފައިވާ މި މަޝްރޫޢަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެފަރާތުން ވަނީ ހާމަ ކޮށްފައެވެ.
މީގެ އިތުރުން ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެފަރާތުން މިއަދު ވަނީ ހާމަ ކޮށްފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 1 މާރޗް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށާއި، ބޭރުތޮށި ލުމުގެ މަސައްކަތުގެ 69 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެމް.ޓީ.ސީ.ސީއިން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢާއި ބެހޭ ގޮތުން އިތުރު ތަފްސީލު ހާމަ ކުރައްވަމުން އެފަރާތުން ބުނެފައި ވަނީ، މި މަޝްރޫޢުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި 185 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެފަރާތުން ވަނީ ހާމަ ކޮށްފައެވެ.
ރައްޔިތުންގެ ކުންފުނިން ހަވާލު ވެގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.