ޚަބަރު ފީތާ

އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ އިސްލާމް ދީނުގެ މަތިވެރި އަސާސެއް ކަމުގައިވާ އޯގާވެރި ކަމާއި އަރާރުންވާ ކަމެއް: ހުކުރު ޚުތުބާ

ފޮޓޯ : އިންޓަނެޓް

މިއަދުގެ ހުކުރު ޚުތުބާ ޙާއްސަ ކޮށްލާފައި ވަނީ ދިވެހި މުޖުތަމަޢުގައި އާންމު ވެފައިވާ، އަދި އެކަމަކާމެދު ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުން އިސްލާޙުކޮށް ނައްތާލުމަށް ގިނަގުނަ އެތައް މަސައްކަތެއް ކުރަމުންދާ އެއް މައްސަލަ ކަމުގައިވާ ގެވެށި އަނިޔާއަށެވެ.

ގެވެށި އަނިޔާއަކީ ކޮބައިތޯއެވެ؟

ގެވެށި އަނިޔާއަކީ ފިރިން އަނބިންނަށް، އަނބިން ފިރިންނަށް ކުރާ އަނިޔާއެވެ. މައިންބަފައިން ދަރިންނަށް އަދި ދަރިން މައިންބަފައިންނަށް ކުރާ އަނިޔާއެވެ. އާއިލާގެ މެމްބަރުން އެކަކު އަނެކަކަށް ކުރާ އަނިޔާއެވެ. އަދި އިންސާފެއް ނެތި އާއިލާގެ އެކި މީހުންނާ ދޭތެރޭ ގެންގުޅޭ ތަފާތުކުރުން ފަދަ އަމަލު ތަކަކީވެސް ގެވެށި އަނިޔާއެވެ. އެއީ އެކަމެއް ހުއްޓުވުމަށް މިއަދު މުޅި ދުނިޔެ ގޮވާލާ އަމަލުތަކެކެވެ.

މިއަދު ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ ވަކި ޖިންސެއްގެ މީހުން ކަމުގައި ނުވިނަމަވެސް، އެއަނިޔާ ގިނައިން ލިބެނީ އަންހެނުންނަށް ކަން މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ގޭގެއާއި އެފަދަ އެހެން ވެށިތަކުގައި މިއަދު އަނިޔާއާއި ޖިންސީ ފުރައްސާރައާއި ގޯނާ ކުރުން އިތުރުވެފައި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އެންމެ ގާތް މީހާގެ މައްޗަށް ވެސް އިތުބާރު ކުރުން ވަނީ ދަތި ކަމަށް ވެފައެވެ.

“އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް، ގޯނާއެއް، ތުރާލެއް ކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި އަސާސެއް ކަމުގައިވާ އޯގާވެރި ކަމާއި އަރާރުންވާ ކަމެއް”

ޝަރުޢީ ނައްޞުތަކަށް ބަލާއިރު އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް، ކުޑަ ކުއްޖަކަށް ވިޔަސް އަދި ބޮޑުމީހަކަށް ވިޔަސް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. “އަދި އެއުރެން ހޯދައިގަތް ކުށަކާއި ނުލައި، މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނަށް އުނދަގޫ ކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ ބުހުތާން ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބައެކެވެ.”

މުސްލިމް އަންހެނުންނަކީ މުޖުތަމަޢުގެ އެއްބައިކަން ބަޔާން ކުރައްވައި، އެކަންބަލުން ފިރިހެނެއްގެ އަނތްބެއް ނުވަތަ މައެއް، ނުވަތަ އުޚްތެއް، ނުވަތަ ދަރިއެއް ކަމުގައި ވާއިރު، އެކަނބަލުންނަށް އިހާނެތިކޮށް ނުހިތުމަށް މިއަދުގެ ޚުތުބާގައި މުސްލިމް ފިރިހެނުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެ. ހަމައެއާއެކު މުސްލިމް ފިރިހެނަކީ މުސްލިމް އަންހެނެއްގެ ފިރިއެއް، ނުވަތަ ބަފައެއް، ނުވަތަ އަޚެއް ނުވަތަ ދަރިއެއް ކަމުގައި ވާއިރު، އެމީހުންނަށް އިހާނެތިކޮށް ނުހިތުމަށް މުސްލިމް އަންހެނުންނަށް ވެސް ވަނީ ގޮވާލާފައެވެ.

“އެއްވެސް މުސްލިމަކު އަނެކެއްގެ އަބުރާއި ބެހުމާއި، ފުރައްސާރަ ކުރުމާއި، ހޭރުވުމާއި، އިއްފަތްތެރި ކަމަށް އަރައިގަތުމާއި، އިސްލާމް ދީން ހުއްދަ ނުކުރާ ފާހިޝް ކަންކަން ހިންގުމަކީ، ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން”

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު  ﷺވަނީ ހުރިހާ ކަމެއްގައި ވެސް އެންމެ ފުރިހަމަ ނަމޫނާ ދައްކަވާފައެވެ. އެގޮތުން އީމާންކަމާއި، އަންހެނުންނަށް އަޅައިލުމާއި، އިންސާނީ ހައްޤުތަކާއި އަދި މިފަދަ އެންމެހައި ކަންތައްތަކުން މުޅި އުންމަތަށް ވަނީ ނަމޫނާ ދައްކަވާފައެވެ.

މިއަދުގެ ޚުތުބާގައި ގެވެށި އަނިޔާގެ ސަބަބުތަކަށް ވެސް ވަނީ ބަލާލާފައެވެ. އެގޮތުން އެންމެ ބޮޑު އެއް ސަބަބަކީ ހުސްވަގުތު ބޭކާރު ގޮތުގައި ވޭތުކުރުން ކަމުގައި ބުނެފައިވެއެވެ. ވަގުތަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ އަގުހުރި ބޮޑު ނިޢުމަތަކަށް ވީހިނދު، ހުސްވަގުތުގެ ބޭނުން ހިޔޮ ގޮތުގައި ނުހިފައިފި ނަމަ ޝައިތާނާ އޭގެ ބޭނުން ހިފައި، ހުސްވަގުތުގެ ބޭނުން ނުބައިގޮތުގައި ހިފުމަށް މަގުދައްކާނެ ކަމުގައި ޚުތުބާގައި ބުނެފަވެއެވެ.

“ގެވެށި އަނިޔާގެ ސަބަބުތަކުގެ ތެރޭގައި މަސްތުވާ ތަކެތިވެސް ހިމެނެއެވެ. އެއީ ހުރިހާ ނުބައި ކަމެއްގެ އަސްލެވެ.”

މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. “ޝައިތާނާ އެދޭކަން ކަށަވަރީ، ރަލާއި، ޖުވާގެ ސަބަބުން، ތިޔަބައި މީހުންގެ މެދުގައި ޢަދާވަތްތެރި ކަމާއި ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަ ކުރުމާއި، ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ހުރަސް އެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)”

ހުރިހާ ބާވަތެއްގެ އިހާނެތި ކަމަކީ އިސްލާމް ދީން މަނާ ކުރާ ކަމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި މުސްލިމެއްގެ އަބުރާއި، އިއްޒަތާއި، އިއްފަތްތެރި ކަމާއި، އޭނާގެ ލެޔާއި މުދަލަކީ މާތް ﷲ ޙުރުމަތްތެރި ކުރައްވައި، ހިމާޔަތް ކުރައްވާފައިވާ ތަކެއްޗެވެ. ދޭދޭ ފަރުދުންގެ ދެމެދުގައި ހިނގާ އަނިޔާގެ އަމަލުތަކުގެ ސަބަބުން، އިޖްތިމާޢީ ފޭރާން ވީދި، މުޖުތަމަޢުގައި އޮންނަ ސުލްޙަ މަސަލަސްކަން ބޮއްސުންލައިގެން ދާތަން ބަލަން ކަމާބެހޭ މުއައްސަސާތަކުން ތިބެގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ފިޔަވަޅު ނާޅައި ފަރުވާކުޑަ ކޮށްފިނަމަ މުޖުތަމަޢުގައި އަރާރުންތައް އުފެދި، ދީނީގޮތުން ހުއްދަ ނުވާ އެތައް އަމަލުތަކަކަށް މަގުފަހި ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް އަޅާލުމާއި އޯގާތެރި ވުމަށް ވެސް ވަނީ ނަސޭހަތްތެރި ވެފައެވެ. އިސްލާމް ދީނަކީ ރަހްމަތާއި އޯގާވެރި ކަމުގެ ދީނެވެ. އެހެންކަމުން ކުދިބޮޑު އެންމެނަށް އޯގާވެރި ވުމަށާއި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: