ރާއްޖޭގައި މިމަހު ބާއްވަން މަސައްކަތް ކުރި ޓީޓީ 2 މުބާރާތެއް އަންނަ އަހަރަށް ފަސްކޮށްފި
ރާއްޖޭގައި މިމަހު ބާއްވަން މަސައްކަތް ކުރި ޓީޓީ 2 މުބާރާތެއް އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) އެޓޯލް ނިއުސްއަށް ވިދާޅުވީ ކޮމަންވެލްތް ޔޫތް ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ދެ މުބާރާތް ބާއްވާނެ ސީދާ ތާރީޚު ރަމަޟާން މަހުގެ ކުރިން އަންނައަހަރުގެ ފެބްރުއަރީ ހިސާބުގައި ނިންމާނެ ކަމަށެވެ.
“އެ ދެ މުބާރާތް މިހާރުވަނީ އަންނަ އަހަރަށް ފަސްކޮށްފަ. މުބާރާތް ބާއްވާނެ ތާރީޚު ނިންމާނެކަމަށް މިބަލަނީ ރަމަޟާން މަހުގެ ކުރިން. އެއީ އަންނައަހަރުގެ ފެބްރުއަރީ ހިސާބުގަ ނިންމާނެކަމަށް މިބަލަނީ.” އައްޔަ ވިދާޅުވި އެވެ.
ސައުތު އޭޝިއަން ޖޫނިއަރ މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އޭޝިއާ މުބާރާތާއި ދުނިޔޭގެ މުބާރާތްތަކަށް މި މުބާރާތުގެ ތެރެއިން ފަހިވާން އޮތް ފުރުސަތުތަކާ އެއްގޮތަށް ކުރިއަށް ދިއުން ކަމަށް އައްޔަ ވަނީ ވިދާޅުވެފަ އެވެ.
އައްޔަ ކުރިން ވިދާޅުވެފައިވަނީ އޭޝިއާގެ މުބާރާތާއި ދުނިޔޭގެ ފެޑެރޭޝަންގެ މުބާރާތުގެ ޝެޑިއުލަށް ބަދަލުތަކެއް އަންނާތީ ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް ވެސް ބަދަލެއް ގެންނަން ނިންމީ ކަމަށެވެ.
ރާއްޖޭގެ ކީ ޕްލެޔަރުން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އާއި ދީމާ އަލީގެ ތެރެއިން ރަފާއަށް ކުރިއަށް އޭލެވެލް އިމްތިހާނު އޮތުމާއި ކޮވިޑުގެ ސަބަބުން ތައްޔާރީތަކަށް އެޅިފައިވާ ހުރަސްތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެންމެ ރަނގަޅު ގޮތަކީ މުބާރާތް ފަސްކުރުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.