ޚަބަރު ފީތާ

އިޒްރާއީލާއެކު ހިނގި ކުރިމަތިލުމެއްގައި ފަލަސްތީނުގެ ބައެއް މީހުންނަށް އަނިޔާ ވެއްޖެ

އިޒްރާއީލުން ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް ވެރިވުމާއި ދެކޮޅަށް ވެސްޓްބޭންކުގެ ބެއިތާ އަވަށުގައި އެއްވި އެއްވުމެއްގައި ހަމަނުޖެހުން ހިނގައި، އިޒްރާއީލްގެ ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީންގެ 140 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެއެވެ.

އިޒްރާއީލް އަސްކަރިއްޔާއިން ބުނެފައި ވަނީ، ހުކުރު ދުވަހުގެ މި ކުރިމަތިލުމުގައި އެއަސްކަރިއްޔާގެ 2 އޮފިސަރަކަށް ވެސް “ކުދި އަނިޔާ” ވެފައިވާ ކަމަށެވެ.

ބޭރުގެ މީޑިއާއެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެވިއަތާރ އަވަށުގައި އިޒްރާއީލުން ގަދަކަމުން ރަށްވެހި ވުމާއި ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނެއް ހުކުރު ދުވަހު ވަނީ ބެއިތާ އަވަށުގައި އެއްވެ މުޒާހަރާ ކޮށްފައެވެ. އަދި އިޒްރާއީލް އަސްކަރިއްޔާއިން ބުނެފައި ވަނީ، އެއްވި މީހުން އައި.ޑީ.އެފްގެ އޮފިސަރުންނާއި ދިމާއަށް ގައު އުކާފައިވާ ކަމަށާއި، ރައްދުގައި އަސްކަރިއްޔާއިން ވެސް ހަމަލާ ދީފައިވާ ކަމަށެވެ. އަދި މިހަމަލާތަކުގައި އަސްކަރިއްޔާގެ 2 އޮފިސަރަކަށް ކުދި އަނިޔާ ލިބި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ފަލަސްތީން ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ ގޮތުގައި، އިޒްރާއީލްގެ ހަމަލާއިން ފަލަސްތީންގެ 146 މީހުން ވަނީ ޒަޚަމް ވެފައެވެ. އޭގެތެރޭގައި 9 މީހުން ޒަޚަމް ވެފައި ވަނީ އަސް ވަޒަން ބޭނުން ކޮށްގެން ދިން ހަމަލާއިންނެވެ. އަދި ރަބަރު އުންޑައިގެ ސަބަބުން 34 މީހުން ޒަޚަމްވެ ކަރުނަ ގޭސް ޖެހުމުގެ ސަބަބުން 87 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.

އިޒްރާއީލުން ޤަވާއިދާ ޚިލާފަށް އެވިއަތާރ އަވަށަށް ވެރިވެ އެއަވަށުގައި އިމާރާތް ކުރަން ފަށާފައި ވަނީ މެއި މަހުގެ ކުރީކޮޅުއެވެ. އިޒްރާއީލުން އެއަވަށުގައި އިމާރާތް ކުރަން ފަށާފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އަދި އިޒްރާއީލްގެ ގަވާއިދާވެސް ޚިލާފަށެވެ. ނަމަވެސް މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިޒްރާއީލްގެ ރައްޔިތުން އެއަވަށުން ދިޔަނަމަވެސް އެމީހުން އަޅަން ފަށާފައިވާ އިމާރާތްތައް ވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ.

އިސްރާއީލްގެ ދިފާއީ ވުޒާރާއިން ބުނެފައި ވަނީ، އެއަވަށަކީ އިޒްރާއީލްގެ އަވަށެއްގެ ގޮތުގައި އިޒްރާއީލް ޤަވާއިދުގެ ދަށުން ކަނޑައެޅޭނެ ގޮތެއް އޮތްތޯ ބެލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ވެއްޖެނަމަ އެއަވަށުގައި ނަސާރާ ދީން ކިޔަވައިދޭ ސްކޫލަކާއި އަދި ދިރިއުޅޭނެ ގެތައް ވެސް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ.

1967 އިން ފެށިގެން އިޒްރާއީލުން ގަދަކަމުން ހިފާފައިވާ ވެސްޓްބޭންކުގައި މިހާރުވެސް 475،000 އަށްވުރެ ގިނަ ޔަހޫދީން ދަނީ ދިރިއުޅެމުންނެވެ.

Like
Like Love Haha Wow Sad Angry