ހަޤީޤީ ބާއްޖަވެރިކަން ބިނާވެގެންވަނީ ދެ އަސާސްއަކަށް: ހުކުރު ޚުތުބާ

އިންސާނުން ދުނިޔޭގައި އުޅޭއިރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ކޮން ކަމަކަށްތޯއެވެ! އުފާވެރި ކަމަށެވެ. ހިތްހަމަޖެހުމަށެވެ. ބާއްޖަވެރިކަން ހޯދުމަށެވެ. ހަޤީޤީ ބާއްޖަވެރިކަމަކީ ކޮބައިތޯއެވެ! މިއަދުގެ ހުކުރު ޚުތުބާގައި ބަލާލާފައި ވަނީ މިމަޢުޟޫއަށެވެ.

ބާއްޖަވެރިކަން މާނަކުރުމުގައި އެކި މީހުންގެ ވިސްނުން ތަފާތެވެ. ބައެއް މީހުން ދެކޭ ގޮތުގައި ބާއްޖަވެރި ކަމަކީ މުއްސަނދި ކަމެވެ. ނުވަތަ އެންމެ ބޭނުންވާ އެއްޗެއް ހާސިލްވުމެވެ. ނުވަތަ މަތީ މަޤާމެއް ހާސިލް ވުމެވެ. ނުވަތަ އެކި ރޮނގުން ކާމިޔާބީތައް ހާސިލް ވުމެވެ. ނަމަވެސް، ހަޤީޤީ ބާއްޖަވެރިކަމަކީ ހަމައެކަނި މިއީތޯއެވެ.

އިޝްތިހާރު Below Header ad

ހަޤީޤީ ބާއްޖަވެރި ކަމަކީ، އަޅާ، ﷲ އަށް އީމާންވެ، އެކަލާނގެ އެންގެވި ގޮތް އިޚްތިޔާރުކޮށް، އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކާއި ދުރުހެލި ވުމުން، ﷲ ތަޢާލާ އަޅާ ހިތުގައި ލައްވަވާ ހަމަޖެހުމަކާއި އުފާވެރި ކަމުގެ ޝޫޢޫރެކެވެ. އެއީ އެއްގޮތަކަށް ވެސް މާއްދި ގޮތުން ހާސިލް ކުރެވޭނެ އެއްޗެއް ނޫން ކަމަށް މިއަދުގެ ޚުތުބާގައި ބުނެދެއްވިއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. “މުއުމިނަކު ކަމުގައި ވާހާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، އަންހެނުންގެ ތެރެއިން ވިޔަސް، ސާލިޙް އަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ.” މިއާޔަތުން ދޭހަވާ ގޮތުގައި، ބާއްޖަވެރި ކަމުގެ އަސާސަކީ އީމާންކަން ހަރުދަނާވުން ކަމުގައި ޚުތުބާގައި ވެއެވެ.

ޚުތުބާގައި އީމާން ވުމުގެ ތަފްސީލަށް ބަލައިލަމުން ބުނެފައި ވަނީ، އީމާން ވުމުގެ މާނައަކީ، އެކަލާނގެއަކީ އެއްކައުވަންތަ އިލާހު ކަމާއި، ބައްލަވައި ވޮޑިގަންނަވާ، އައްސަވައި ވޮޑިގަންނަވާ ރަސްކަލާނގެ ކަމާއި، އެކަލާނގެ ފިޔަވައި ހައްޤު ވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށް ހިތުން ތެދުކޮށް، ކަށަވަރުކޮށް ޤަބޫލު ކުރުން ކަމަށެވެ.

ބާއްޖަވެރި ކަމުގެ އަސާސަކީ އީމާންތެކަމެވެ. ނަބިއްޔާ (ސައްލަﷲ އަލައިހި ވަސައްލަމް) ގެ ހަދީޘެއްގެ މާނައިގައި ވެއެވެ. “އެމީހެއްގެ ހުރިހާ ވިސްނުމަކާއި ފިކުރެއް އާޚިރަތް ހާސިލް ކުރުމަށް ހުސްކޮށްފި މީހާ ދަންނާށެވެ! ﷲ އެމީހެއްގެ ހިތުގައި ފުދުންތެރިކަން ލައްވަވައެވެ. އަދި އޭނާއަށް ހުރިހާ ކަމެއް ފަހި ކުރައްވާ ހުއްޓެވެ. އަދި ނުރުހިގެންވާ ހާލުގައި ދުނިޔެ އޭނާގެ ގާތައް އަންނާނެއެވެ. އެބަހީ (ދުނިޔެއިން އޭނާއަށް މިންވަރު ކުރައްވާފައިވާ އެއްޗެއް އޭނާއަށް ލިބޭނެއެވެ.) އަދި އެމީހެއްގެ ހުރިހާވެސް ވިސްނުމަކާއި ފިކުރަކީ ދުނިޔެ ހާސިލް ކުރުން ކަމުގައި ހަދައިފި މީހާ ދަންނާށެވެ! އޭނާގެ ބޭނުންތައް ނުފުދިފައި ވާތަން ﷲ ތަޢާލާ އޭނާއަށް ދައްކަވާނެއެވެ. އަދި އެކަންކަމުގެ މައްޗަށް އޭނާގެ ހުރިހާ ކަމެއް ވިއްސިވިހާލި ކުރައްވާނެތެވެ. އަދި އޭނާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ﷲ ތައާލާ އޭނާއަށް މިންވަރު ކުރެއްވި އެއްޗެއް މެނުވީ ނުލިބޭހުއްޓެވެ.

މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދެވެ. ނަމާދަށް ރައްކާތެރި ނުވެ ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެއެވެ. މިއަދުގެ ފުރަތަމަ ޚުތުބާ ނިންމާލާފައި ވަނީ، އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސް ކަމުގައިވާ އީމާން ކަމާއި މާތް ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަށް އަވަސްވެގަތުމަށް ނަސޭހަތްތެރި ވަމުންނެވެ. މިއަދުގެ ދެވަނަ ޚުތުބާގައި ބުނެފައި ވަނީ، ﷲ ތަޢާލާއާމެދު އިންސާނާގެ ހިތުގައި އޮންނަ ޔަޤީން ކަމަކީ ވެސް އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭ ކަމެއް ކަމުގައެވެ.

ޚުތުބާ ނިންމާލާފައި ވަނީ، ހަޤީޤީ ބާއްޖަވެރިކަން އޭގެ މައްޗަށް ބިނާ ވެގެންވާ ދެ އަސާސް ކަމުގައިވާ އީމާންތެރި ކަމާއި ކިޔަމަންތެރި ކަމުގައި ހިފައިގެން ކުރިއަށް ދިއުމަށް އެންމެހާ މީސްތަކުންނަށް ވަސިއްޔަތް ކޮށް ނަސޭހަތްތެރި ވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.