ސޫރަތުލް އިންފިޠާރު 1

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.

(إِذَا السَّمَاءُ انفَطَرَ‌تْ ﴿١﴾) “އުޑު ފަޅަފަޅައިގެންދާ ހިނދެވެ.” ސޫރަތުލް އިންޝިގާގްގެ ފުރަތަމަ ދެއާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (إِذَا السَّمَاءُ انشَقَّتْ ﴿١﴾ وَأَذِنَتْ لِرَ‌بِّهَا وَحُقَّتْ ﴿٢﴾) “އުޑުފަޅަފަޅައިގެންދާ ހިނދެވެ. އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ.”

(وَإِذَا الْكَوَاكِبُ انتَثَرَ‌تْ ﴿٢﴾) ކުދިތަރިތަކާއި ބޮޑެތި ތަރިތައް ކުދިކުދިވެގެން ބުރަބުރައިގެންދާނެއެވެ.

އިޝްތިހާރު Below Header ad

(وَإِذَا الْبِحَارُ‌ فُجِّرَ‌تْ ﴿٣﴾) “އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ.”

(وَإِذَا الْقُبُورُ‌ بُعْثِرَ‌تْ ﴿٤﴾  ) ބިމުގައި ވަޅުލެވިފައިވާ މައްޔިތުންތައް ކައްވަޅުން ނެރެވޭނެއެވެ.

(عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَ‌تْ ﴿٥﴾) “(އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.”

(نَفْسٌ  ) މިތަނުގައި ނަކިރާގެ ޞީޣާގައި ގެންނަވާފައިވުމުގެ ޙިކްމަތަކީ ހުރިހާ ނަފްސެއް ޝާމިލު ކުރެއްވުމެވެ. އެހެނީ ކޮންމެ ނަފްސަކަށްވެސް އެނަފްސެއްގެ ޢަމަލުތަކުގެ ފޮތް ހުށަހެޅޭނެއެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތުލް އިސްރާގެ 13 އަދި 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَ‌هُ فِي عُنُقِهِ ۖ وَنُخْرِ‌جُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورً‌ا ﴿١٣﴾ اقْرَ‌أْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾  ) މާނައަކީ: ” އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ. (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.”

އެދުވަހުން މުޖްރިމުންގެ ޙާލަތު ބަޔާން ކުރައްވާ ސޫރަތުލް ކަހްފިގެ 49 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَوُضِعَ الْكِتَابُ فَتَرَ‌ى الْمُجْرِ‌مِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ‌ صَغِيرَ‌ةً وَلَا كَبِيرَ‌ةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرً‌ا ۗ وَلَا يَظْلِمُ رَ‌بُّكَ أَحَدًا ﴿٤٩﴾) މާނައަކީ: ” އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عمل ތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.”

(يَا أَيُّهَا الْإِنسَانُ مَا غَرَّ‌كَ بِرَ‌بِّكَ الْكَرِ‌يمِ ﴿٦﴾)

(الْإِنسَانُ  ) މިތަނުގައި “އިންސާން” ގެ މުރާދަކީ ކާފިރުން ކަމުގައި ބުނެވެއެވެ.

އަދި އެއީ ހުރިހާ އިންސާނުން ކަމުގައިވެސް ބުނެވެއެވެ.

(مَا غَرَّ‌كَ بِرَ‌بِّكَ الْكَرِ‌يمِ  ) އޭ އިންސާނާ އެވެ. ތިބާ މަގުފުރެއްދީ ކާކު ހެއްޔެވެ؟ މަރުވުމަށް ފަހު އަލުން ދިރުއްވާނެކަން ތިބާ އިންކާރު ކުރީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ﷲގެ އަމުރުފުޅުތަކާއި ނަހީތަކަށް ބޯނުލަނބާ ކިޔަމަން ގަތުމުން ތިބާ ދުރުކުރީ ކޮން ކަމެއް ހެއްޔެވެ؟

(الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ﴿٧﴾  )

(خَلَقَكَ  ) ތިބާ ނެތުމުގެ ތެރެއިން އުފެއްދެވީ ﷲ އެވެ.

(فَسَوَّاكَ  ) ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި

(فَعَدَلَكَ  ) އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ.

(فِي أَيِّ صُورَ‌ةٍ مَّا شَاءَ رَ‌كَّبَكَ ﴿٨﴾  ) ﷲ އިރާދަކުރެއްވި ޞިފައެއްގައި އިންސާނާ ހެއްދެވިއެވެ. މީސްތަކުންގެ ތެރޭގައި ޞިފަ ރީތި މީހުންވެސް ވެއެވެ. އަދި ޞިފަ ހުތުރު މީހުންވެސް ވެއެވެ. ދޮން މީހުންނާއި ކަޅުމީހުންވެސް ވެއެވެ. މިއިން ކޮންމެ ކަމަކީ ﷲގެ އިރާދަފުޅާއި އެކުވެފައި ހުރި އަދި ވަމުންދާ ކަންތަކެވެ.

(كَلَّا بَلْ تُكَذِّبُونَ بِالدِّينِ ﴿٩﴾)

(كَلَّا ) މިހުރިހާ ކަމެއް މިހެން ހުރި އިރުގައިވެސް ތިޔަބައިމީހުން ދީން ދޮގުކުރަނީ ހެއްޔެވެ؟ އަދި މިއީ މަރުވުމެއް ނުވާ ދުނިޔެއެކޭ، އަލުން މަޙްޝަރު ކުރެއްވުމެއް ނުވެޔޭ ބުނަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން ﷲ ގެ ޙަޟްރަތަށް މަޙްޝަރު ކުރެވި، ތިޔަބައިމީހުންގެ ޢަމަލުތަކާއި ބެހޭ ގޮތުން ސުވާލު ނުވެވޭނެ ކަމަށް ހީކުރީ ހެއްޔެވެ؟

(وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾  ) އިންސާނާގެ ޢަމަލުތަކާއި ބަސްތައް ލިޔުއްވުމަށް މަލާއިކަތް ބޭކަލަކު ލައްވާފައިވެއެވެ. ސޫރަތު ގާފުގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَ‌قِيبٌ عَتِيدٌ ﴿١٨﴾) މާނައަކީ: ” (ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.”

ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.