ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުން ސަލާމަތްކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް: ޑރ. ޖަމީލު
ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުން ސަލާމަތްކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ޕީޕީއެމްއާއި އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.
އެ ޓްވީޓުގައި އޭނާ ވިދާޅުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުން ސަލާމަތްކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް ކަމަށާއި ދެން ތިބީ ސަރުކާރުގެ ޕަޕެޓުން ކަމަށެވެ.
މީގެ އިތުރުން ޕީޕީއެމްއަށް އަލަށް ގުޅިވަޑައިގެންނެވި ކުރީގެ މިނިސްޓަރ މަލީހު ޖަމާލް އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) އަށް މަރުޙަބާ ދަންނަވާ ކަމަށް ވެސް ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ.
“ސަރުކާރުން ރައްޔިތުންނާއި އަމަލު ކުރަމުންދާ ނޭއްގަނީ ގޮތްތަކާއި ސަރުކާރުގެ ނޭދެވޭ ސިޔާސަތުން ރައްޔިތުން ސަލާމަތް ކުރެވޭނެ ހަމައެކަނި ފިކުރަކީ ޕީޕީއެމް. ސިޔާސީ މަސްރަހުގައި ރައްޔިތުންގެ ރައްކާތެރިކަން ހޯދުމަށް ޕީޕީއެމް ފިޔަވައި ދެން ތިބި މީހުންނަކީ ޕަޕެޓުން.” ޑރ. ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމްއާ މިރޭ ގުޅިވަޑައިގަތް ކުރީގެ މިނިސްޓަރ @maleehjamal އާއި ކުރީގެ މެންބަރު ވަހީދު އަދި @RukumaA އަށް މަރުޙަބާ ދަންނަވަން. ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން ރައްޔިތުން ސަލާމަތްކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް. ދެން ތިބީ ސަރުކާރުގެ ޕަޕެޓުން. pic.twitter.com/eX8aq1zXGC
— Mohamed Jameel Ahmed (@MJameelAhmed) July 19, 2021
ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މަލީހުއަކީ މިސަރުކާރުގެ ފުރަތަމަ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމު ފުރުއްވަނިކޮށް އެކި ތުހުމަތުތަކެއްކޮށް މަޖިލީހުން އެބޭފުޅާގެ މައްޗަށް އިތުބާރުނެތްކަމަށް ފާސްކޮށް ބޭރުކޮށްފައިވަ ބޭފުޅެކެވެ.
އިތުބާރުނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކުރުމާއިއެކު މަލީހް ވަނީ ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި އިދިކޮޅަށް ނިކުންނާނެކަން ހާމަ ކުރައްވާފަ އެވެ. މަލީހު މިނިސްޓަރުކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. މަގާމުން ވަކިކުރުމާއެކު ޖުމްހޫރީޕާޓީގެ މެމްބަރުކަމުންވެސް މަލީހު ވަނީ ވަކިވެވަޑައިގެންފަ އެވެ.
އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ރުކުމާ އަހްމަދު ވަނީ އެމްޑީޕީގެ ކައުސިލަރެއްގެ ގޮތުގައި މާލޭ ސިޓީކައުންސިލްގަ އާއި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފަ އެވެ.
މީގެއިތުރުން ޕީޕީއެމާ ގުޅިވަޑައިގެންނެވި ލޯޔަރު ވައްޑެއަކީ މީގެކުރިންވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދި ޕީޕީއެމްގެ މަޖިލީސް މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް ގޮނޑި ގެއްލުވާލި މެމްބަރުންގެ ތެރޭގައި ހިމެނޭ ވައްޑެ އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަކީ އަނބުރާ ގެއަށް އައުންފަދަ ކަމެއް ކަމަށް ލޯޔަރު ވައްޑެ ވަނީ ވިދާޅުވެފަ އެވެ.