އިގްތިސާދު ހީނަރުވެނުދިނުމަށް ވާނީ ސްޓްރެޓަޖީއެއް އެކުލަވާލާފަ: ޓިމް ސޯޔަރ
އިގްތިސާދު ހީނަރުވެނުދިނުމަށް ވާނީ ސްޓްރެޓަޖީއެއް އެކުލަވާލާފައި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެ ބޭންކުގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
އޮންލައިންކޮށް ބޭއްވި މި ޖަލްސާގައި ޓިމް ސޯޔަރ ވަނީ ކޮވިޑްގެ ބަލިމަޑުމަކުގައި ގައުމަށް އެހީވުމަށް ބޭންކުން އަދާކުރި މުހިންމު ދައުރު ފާހަގަ ކުރައްވާފަ އެވެ. އަދި މި ހައްސާސް، ދަތި އުދަނގޫ ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ބީއެމްއެލް ދެމިއޮންނާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
”ދިވެހިރާއްޖެ ވެގެން ދިޔައީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްގައުމަށް. ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް އަޅުގަނޑުމެން ވާނީ ސްޓްރެޓަޖީއެއް އެކުލަވާލާފަ. މި ދަނޑިވަޅުގައިވެސް މެދުކެނޑުމެއްނެތި ބޭންކިންގ ޚިދުމަތް ކުރިޔަށް ގެންގޮސް ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭނަސިންގ އެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު.“ ޓިމް ސޯޔަރ ވިދާޅުވި އެވެ.
މިގޮތުން އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވެވުނު ކަމަށާއި ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިންގ ރާއްޖޭން ބޭރުން ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
“ އަޅުގަނޑުމެންގެ މި ސްޓްރެޓަޖީ ކާމިޔާބުކަމަށް ސާބިތުވި. މިގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާކަން ފާހަގަކޮށްލަން. ހަމައެހެންމެ މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުފައިސާ ގެ ރިސާރވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނު.“ ޓިމް އިތުރަށް ވިދާޅުވި އެވެ.