
މިނިކާވަގުތައް ދަތް އެޅުމުންވެސް ސަލާމަތްވީ ހެލްމެޓްގެ ސަބަބުން
ސައިކަލު ދުއްވުމަށް އަޅާފައިހުރި ހެލްމެޓްގެ ސަބަބުން މިނިކާވަގުތަކެއްގެ ހަމަލާއިން އިންޑިޔާ މީހެއްގެ ފުރާނަ ސަލާމަތް ވެއްޖެއެވެ.
އުމުރުން 23 އަހަރުގެ ވިކާސް ކުމާރު ބުނި ގޮތުގައި، އޭނާއާއި އޭނާގެ 2 ރަޙްމަތްތެރިންނަށް މިނިކާވަގުތައް ހަމަލާ ދީފައިވަނީ، ގެއަށް ދިއުމަށް އުއްތަރު ޕްރަދޭޝްގެ ޕިލިބިތު ސިޓީގެ ބޯ ޖަންގަލި އޮންނަ މަގަކުން ދަތުރު ކުރަމުން ދަނިކޮށެވެ.
ޓައިމްސް އޮފް އިންޑިޔާއަށް މަޢުލޫމާތު ދެމުން ވިކާސް ބުނެފައިވާ ގޮތުގައި، އެރޭ ގެއަށް ދިއުމަށް 3 މީހުންވެސް ދަތުރު ކުރީ އެއްސައިކަލުގައެވެ. ސައިކަލު ހެޑްލައިޓްގެ އަލިން މިނިކާވަގުތައް ފެނުނީ އެއެއްޗެއްސާއި ވަރަށް ކައިރި ވެފައި ވަނިކޮށް ކަމަށާއި، މިނިކާވަގުތައް ފެނުމުން ސައިކަލު ދުއްވަންއިން މީހާ ބިރުން ހާސްވެ، ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް ވެއްޓުނީ ކަމަށެވެ. އެވަގުތު މަގުމަތީގައި ތިބި 2 މިނިކާވަގު ދުވެފައި އައިސް އެމީހުންނަށް ހަމަލާ ދިނީއެވެ.
މިނިކާވަގުތަކުގެ މި ހަމަލާގައި ވިކާސްއާއެކު ދަތުރުކުރި އޭނާގެ ދެ އެކުވެރިން ކަމުގައިވާ ސޯނޫ ކުމާރު (33) އާއި ކަންދާއި ލާލް (35) ވަނީ މަރުވެފައެވެ. މިނިކާވަގުތައް ވިކާސްއަށް ވެސް ހަމަލާދިނެވެ. އެއެއްޗެހި އައިސް އޭނާގެ ބޮލުގައި ދަތްއެޅި އިރު ހެލްމެޓު އަޅާފައި ހުރުމުން އޭނާ ސަލާމަތް ވީއެވެ. އަދި އެވަގުތު ބާރަށް ދުވެފައިގޮސް ގަހަކަށް އަރަން އޭނާއަށް ވަގުތު ލިބުނީ ކަމަށް އޭނާ ބުނެފައިވެއެވެ.
މިއީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ފިލައިގެން ނުދާނެ ބިރުވެރި ހާދިސާއެއް ކަމަށް ސިފަކޮށްދެމުން އޭނާ ބުނެފައި ވަނީ، މިނިކާވަގުތައް އޭނާގެ ރަހްމަތްތެރިންނަށް ހަމަލާދީ، އެމީހުން ދިރިތިއްބާ ކާލީ އޭނާގެ ލޯމަތީގައި ކަމަށާއި، އެވަގުތު އޭނާ ހުރީ ބިރުން ގޮތްހުސްވެފައި ކަމަށެވެ. އަދި އެމީހުންގެ ވޭނީ ހަޅޭކުގެ އަޑު އިރުކޮޅަކަށް އިވުނު ކަމަށާއި، އެހެންނަމަވެސް ފަހުން އަޑު ކެނޑުނީ ކަމަށް މި ހާދިސާ ސިފަކޮށްދެމުން އޭނާ ބުންޏެވެ.
”އެވަގުތު އަހަރެން ކިތަންމެ ބިރުން ހުރިނަމަވެސް ވަރަށް ހިތްވަރު ކޮށްފައި އެހެން ގަހަކަށް ފުންމާލީމެވެ. އަދި އެއްގޮތަކަށް ވެސް ގުޑިނުލާ ލޯމަރައިގެން އިނދެ ދުޢާ ކުރީމެވެ. މިނިކާވަގަކީ ގަހަށްވެސް އަރާ އެއްޗެއް ކަމުން، އެއެއްޗެއްސަށް އަހަރެން ހުރިތަނެއް އެނގިއްޖެނަމަ އެމީހުން އަހަރެންގެ ދުވަސް ދުއްވާލާނެކަން އެނގޭތީއެވެ.“
އެހީތެރިކަމުގެ އަތަކާއެކު ހެނދުނު މީހުން އެސަރަހައްދަށް އަންނަންދެން އޭނާ އިނީ ގަހުގައެވެ.
ވިކާސް ބުނިގޮތުގައި، އެމަގުން އެމީހުން ދަތުރުކުރަން އުޅުމުން އެރާސްތާގައި މިނިކާވަގުގެ ނުރައްކާ އޮތްކަމަށް ބުނެ އެހިސާބުގެ މީހުން އެމީހުން ޚަބަރުދާރުވެސް ކުރިއެވެ. އެހެންނަމަވެސް އަވަހަށް ގެއަށް ދާން ބޭނުންވެފައި ތިބި ވަރުން މަގު ކުރު ކުރުމަށް އެމީހުން ބުނިބަސް ނާހާ އެރާސްތާއިން ދިޔައީއެވެ.