ޚަބަރު ފީތާ

ޕާކިސްތާންގައި ބަހެއް ގޮވައި އޭގެން ދަތުރުކުރި މީހުން މަރުވެއްޖެ

ޕާކިސްތާންގައި އިމާރާތްކުރާ މީހުން ގޮވައިގެން ދަތުރުކުރި ބަހެއް ގޮވައި، އުސް ތަނަކުން ވެއްޓުމުގެ ސަބަބުން އޭގައި ދަތުރުކުރި ޗައިނާގެ 9 މީހުންނާއެކު 12 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

މިހާދިސާ ހިނގާފައިވަނީ މުވައްޒަފުން ގޮވައިގެން ޕާކިސްތާންގެ އުތުރުގައި އޮންނަ ޚައިބަރ ޕަޚްތުންޚްވާގައި ހުންނަ ޑާސޫ ހައިޑްރޯޕަވަރ ޕްރޮޖެކްޓަށް ދިއުމަށް ދަތުރު ކުރަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހާދިސާ ހިނގާފައި ވަނީ ބަހަށް ދިމާވި މެކަނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނިނަމަވެސް ޗައިނާއިން ބުނެފައި ވަނީ، ބަހަށް ހަމަލާއެއް ދީފައިވާ ކަމުގައެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާރު ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.

މިހާދިސާއާއި ބެހޭގޮތުން ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބަހަށް ދިމާވި މެކަނިކަލް މައްސަލައެއްގެ ސަބަބުން ތެޔޮ ލީކުވެފައިވާ ކަމަށާއި، އެހެންކަމުން ބަހުގައި ރޯވެ ގޮވީ ކަމަށް އަދި މަގުން ކައްސާލައިގެން އުސްފަރުބަދައިން ވެއްޓުނީ ކަމަށެވެ. އެހެންނަމަވެސް ބަހަށް ބަޔަކު ހަމަލާއެއް ދިނީ ކަމަށްބުނެ ޗައިނާއިން ދަނީ މިމައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ޕާކިސްތާންގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ޕާކިސްތާނުގައި ޗައިނާގެ ބައެއް ޕްރޮޖެކްޓް ތަކުގައި މަސައްކަތްކުރާ އެޤައުމުގެ މުވައްޒަފުންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމަށާއި، މިފަދަ ޙަމަލާތަކުގައި ޗައިނާގެ މުވައްޒަފުން ޒަޚަމްވެ އަދި މަރުވެފައިވާ ކަމަށެވެ. އެހެންކަމުން އެޤައުމުގެ މުވައްޒަފުން މަސައްކަތަށް ނޫން ގޮތަކަށް ބޭރަށް ނުނިކުތުމަށާއި، އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި ސަމާލުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

 

 

ޚައިބަރ ޕަޚްތުންޚްވާގައި ހިންގާ ޑާސޫ ހައިޑްރޮޕަވަރ ޕްރޮޖެކްޓަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ދަށުން ހިންގާ 60 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ޗައިނާއިން ޕާކިސްތާންގައި ކަރަންޓު އުފައްދާ އެތައް މަރުކަޒުތަކެއް ވަނީ ޤާއިމް ކޮށްދީފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: