ރައީސް ނަޝީދުގެ ފިކުރާއި އެމްޑީޕީގެ ފިކުރު ބަލައިގެންފައިވަނީ ފަނާ ކުރަނިވި ފިކުރުގެ ގޮތުގަ: ޝިޔާމް
ރައީސް ނަޝީދުގެ ފިކުރާއި އެމްޑީޕީގެ ފިކުރު ބަލައިގެންފައި ވަނީ ފަނާ ކުރަނިވި ފިކުރުގެ ގޮތުގައި ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ކޯލީޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާއެކު ދުވަހަކުވެސް ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި އެމްޑީޕީއަށް މިހާރު އާ އިއްތިހާދެއް ބޭނުންވާ ކަމަށާއި އެ އިއްތިހާދަކީ އިންޑިއާ އައުޓް ނުގޮވައި، ނަފުރަތުގެ ބިލަށް ތާއީދު ކުރާ، މިޔުޒިކު ހަރާމް ނުކުރާ، އަދި ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ފިކުރެއް ކަމަށާއި އެއީ ބިނާކުރަނިވި ފިކުރެއްގެ ގޮތުގައި ރައްޔިތުން ނިންމާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ވެސް ފިކުރެއް ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ފިކުރާއި އެމްޑީޕީގެ ފިކުރު ބަލައިގެންފައި ވަނީ ފަނާ ކުރަނިވި ފިކުރުމުގެ ގޮތުގައި ކަމަށް ޝިޔާމު ވަނީ ވިދަލުވެފަ އެވެ.
“އެހެންކަމުން އެ ދެ ފިކުރަކީ އުޑާ ބިމާހާ ތަފާތު ދެ ފިކުރު. އެމްޑީޕީ އަދި ރައީސް ނަޝީދުގެ ފިކުރާއެކު ދުވަހަކުވެސް ޕީޕީއެމް ކޯލިޝަނަށް ކުރިއަށް ނުދެވޭނެ. ޕީޕީއެމުން ގަބޫލު ކުރާ ސިޔާސަތުތަކާއި އެމްޑީޕީން ގަބޫލު ކުރާ ސިޔާސަތުތައް ތަފާތު ވާއިރު، ޚާއްސަކޮށް ދީނީ ސިޔާސަތު ވަރަށް ބޮޑަށް ފުށުއަރާ.” ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ޕީޕީއެމްއަކީ ސިއްރު ޑީލް ހަދާ ޕާޓީއެއް ނޫން ކަމަށާއި، ކުރާ ކަމެއް އެ ޕާޓީން ކުރާނީ ސާފު މަގުން ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.