
އޮކްޓޯބަރު މަހުން ފެށިގެން ”ތާޒާ“ ފެން ނެރޭނީ ބިއްލޫރި ފުޅީގަ!
އޮކްޓޯބަރު މަހުން ފެށިގެން ”ތާޒާ“ ފެން ނެރޭނީ ބިއްލޫރި ފުޅީގައި ކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ސަބްސިޑަރީ ކުންފުނި އައިލެންޑް ބެވެރެޖަސް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ “ތާޒާ” ބްރޭންޑުގެ ފެން ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރުނިމިފައިވާ ކަމަށެވެ.
އެގޮތުން ބިއްލޫރި ފުޅި އުފެއްދުމަށް ބޭނުންވާ މެޝިނަރީސް އާއި ފެން ފުޅި ލާ ޓްރޭ އަދި ފެން ފުޅީގެ ޑިޒައިން ކަނޑައަޅައި ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން މަސައްކަތް ކުރީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ތާޒާ ފެން ބާޒާރަށް ނެރުމަށް ނަމަވެސް އެކަމަށް ހުރަސް އުޅުނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ވަބާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
މި މަސައްކަތަކީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަމްފީޒު ކުރުމުގައި އެ ކުންފުނިން އަދާކުރަންޖެހޭ މުހިއްމު ދައުރެއް އޮތް ކަމަށް ގަބޫލު ކުރެއްވޭތީ ފަށާ މަޝްރޫއެއް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެެ.
”ފުރަތަމަ ނެރޭނީ 18 ލީޓަރުގެ ފެން ހަމާއި އެއް ލީޓަރުން ދަށުގެ ތާޒާ ފެން ބިއްލޫރި ފުޅީގައި ބަންދުކޮށްގެން. އަދި އައިބީއެމްއަކީ ހަމައެކަނި ފެން އުފައްދާ ކުންފުންޏެއްގެ ގޮތުގައި އޮތުން ނިމުމަކަށް ގެނެސް އެހެން އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމުގެ މަސައްކަތް މިއަހަރު ފެށޭނެ.“ އެ ކުންފުނިން ބުންޏެވެ.