ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.
އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފައިވަނީ މިއަދު މެންދުރު 14:00 ގައެވެ.
މިކަމާއިގުޅިގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެމަނިކުފާނަށް އަނިޔާ ދިނުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ތެރެއިން މިއަދު އަނެއްކާވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިވަނީ ނުހައްގުން ހަމަ މި ސަރުކާރުން ސިޔާސީ ދައުވާއެއް ކޮށް، ޖަލުގެ ހުކުމެއް ކުރެވިފައި ކަމަށެވެ.
ހީނާ ވަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ހީނާ ވަނީ ގޮވާލައްވާފަ އެވެ.
މީގެކުރިން އެތައް ފަހަރަކު ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އަދި ޕީޖީ އޮފީހަށް އެމަނިކުފާނުގެ އިތުރު މައްސަލައެއް ހުށަހަޅާފައި ވެއެވެ.